28 Jul 2013, 21:57
އެމްޑީޕީން ފުލުހުންނާއި ސިފައިންގެ ބާރު ކެނޑޭ ގޮތަށް އެކުލަވާލާފައިވާ ކަމަށް ބުނާ ސިޔާސަތުގައިވާ ކަންތައްތަކަކީ އެމްޑީޕީގެ ސިޔާސަތު ތޯ ނުވަތަ ނޫންތޯ ހާމަކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ގޮވާލައްވައިފި އެވެ.
ޕޮލިސް މީޑިއާ މެދުވެރިކޮށް މިރޭ ދެއްވި އިންޓަވިއުއްގައި ކޮމިޝަނަރު އޮފް ޕޮލިސް ރިޔާޒު ވިދާޅުވީ އެ ސިޔާސަތަކީ ފުލުހުނަށް ބިރުދައްކައި ފުލުހުންގެ އަގުވައްޓާލައި ފުލުހުންނަކީ އެއްވެސް ބައެއް ނޫންކަން ދެއްކުމުގެ ގޮތުން އެކުލަވާލާފައިވާ ސިޔާސަތެއް ކަމަށެވެ.
ރިޔާޒު ވިދާޅުވީ އެއީ އެމްޑީޕީގެ އަސްލު ސިޔާސަތު ކަމަށް ވާނަމަ އެއީ ދިވެހި ހުރިހާ ރައްޔިތުން ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން އެއީ އެމްޑީޕީގެ އަސްލު ސިޔާސަތު ތޯ ނުވަތަ ނޫންތޯ ހާމަ ކުރުމަށް ރިޔާޒު ވަނީ އެމްޑީޕީގެ ލީޑާޝިޕަށް ގޮވާލައްވާފަ އެވެ.
"ހަގީގަތުގައި އެއީ އެމްޑީޕީގެ، އަސްލުގަ އެމީހުންގެ ޕޮލިސީ ޑޮކިއުމެންޓެއް ވެއްޖެއްޔާ އެއީ ވަރަށް ކަންބޮޑުވާން ޖެހޭނެ ކަމެއް. ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ވެސް ކަންބޮޑުވާން ޖެހޭނެ ކަމެއް އެއީ ހަގީގީ ޑޮކިއުމެންޓެއް ކަމަށް ވަންޏާ. އަޅުގަނޑު ހަމަ އެމްޑީޕީގެ ލީޑާޝިޕަށް ދަންނަވަން ބޭނުން އެއީ އެބޭފުޅުންގެ ޕޮލިސީކަން ނުވަތަ ނޫންކަން ހާމަކުރަން،" ރިޔާޒު ވިދާޅުވި އެވެ.
ލީކްވެފައިވާ އެ ސިޔާސަތުގައި ހިމަނާފައިވާ އެއްވެސް ކަމެއް މިހާތަނަށް އެމްޑީޕީން ދޮގުކޮށްފައެއް ނުވެއެވެ.
ފުލުހުން ބޭނުންކޮށްގެން ސިޔަސީ މަގުސަދު ހާސިލްނުކުރުމަށް ވެސް ކޮމިޝަރު އޮފް ޕޮލިސް ރިޔާޒު ވަނީ ސިޔާސީ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.
އޭނާ ވިދާޅުވީ ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ފުލުހުންނަށް ޣައިރުގާނޫނީ އަމުރު ކުރާނަމަ އެމީހަކާ ދެކޮޅަށް ފުލުހުން ނުކުންނާނެ ކަމަށާއި މީގެކުރިން އެކަން ފުލުހުން ދައްކާފައިވާ ކަމަށެވެ.
ލީކްވެފައިވާ ސިޔާސަތުގައި ހުރި ބައެއް ކަންތައްތަކަށް އިޝާރާތް ކުރައްވައޮ ކޮމިޝަނަރު ވަނީ ވާހަކަދައްކަވާފަ އެވެ.
ކޮމިޝަނަރު ރިޔާޒު ވިދާޅުވީ ފޮރެންސިކް ޓެސްޓު ހެދުމުގެ ވަސީލަތް ފުލުހުންގެ ތެރޭގައި ހުންނަންޖެހޭނެ ކަމަށާއި އެހެން އިދާރާއެއްގެ ދަށަށް އެ މަސައްކަތް ބަދަލު ކުރުމަކީ "ބޮޑު ޖޯކެއް" ކަމަށެވެ.
ފުލުހުންގެ ބައިތަށް ކުދިކުދި ކޮށައެއް ނުލެވޭނެ ކަމަށާއި މާލޭ ސިޓީ ކައުންސިލްގެ ދަށަށް ފުލުހުން ގެންދެވޭނެ އެއްވެސް ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ފުލުސް އޮފީހުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފޮރެންސިކް ތަހުލީލުތަކުގެ ތެރޭގައި ހިމެނޭ ޑީއެންއޭ ޓެސްޓް ހެދުމާއި ލެބޯޓަރީގައި ފުލުހުން ހަދަން ޖެހޭ ފޮރެންސިކް ޓެސްޓުތައް އައިޖީއެމްއެޗުން ހަދާގޮތަށް އެމްޑީޕީގެ ސިޔާސަތު ކަމަށް ބުނާ އެ ސިޔާސަތުގައި ވަނީ ކަނޑައަޅާފަ އެވެ.
ފުލުހުންނާއި ސިފައިންގެ ތެރޭގައި އޮތް އިންޓެލިޖެންސް ޔުނިޓްތައް އުވާލުމަށް ވެސް އެމްޑީޕީގެ ސިޔާސަތުގައި ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ އިންޓެލިޖެންސް އުވާލުމަށް ފަހު އެތަންތަން ގައުމީ އިންޓަލިޖެންސް އެޖެންސީގެ ނަމުގައި ރައީސް އޮފީހުގެ ދަށުން މަސައްކަތް ކުރާ ތަނަކަށް ހެދުމަށް ވެސް އެ ސިޔާސަތުގައި ވަނީ ކަނޑައަޅާފަ އެވެ.
އެމްޑީޕީގެ ސިޔާސަތު ކަމަށް ބުނާ އެ ސިޔާސަތުގައި ކަނޑައަޅާފައިވާ ގޮތުން ފުލުހުންގެ ގާނޫނުން ފުލުހުންނަށް ލިބިދޭ ބާރުތައް ހަނިކޮށް ކުޑަކުރުމަށް ވަނީ ނިންމާފަ އެވެ.
ފުލުހުންގެ ތެރެއިން ޚާއްސަ ފައުޖުތައް އުނިކޮށް ފުލުހުންނަކީ ހަމައެކަނި މަގުމަތީގައި ޓްރެފިކާއި މުޒާހަރާތައް ބަލައްޓާ ބައެއްގެ ގޮތުގައި ހަދައި ފުލުހުންގެ އަދަދު މަދުކުރުމަށް ވެސް އެމްޑީޕީގެ ސިޔާސަތު ކަމަށް ބުނާ އެ ސިޔާސަތުގައި ވަނީ ކަނޑައަޅާފަ އެވެ.
ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރައީސް އޮފީހުން ކަނޑައަޅާގޮތެއްގެ މަތިން މަސައްކަތް ކުރާ ނޭޝަނަލް ކޮމާންޑް ސެންޓަރެއް ގާއިމް ކުރުމަށް ވަނީ ހަމަޖައްސާފަ އެވެ.
މިހާރު ފުލުހުންނާއި ސިފައިން ކުރަމުންގެންދާ އަމަންއަމާންކަން ބެލެހެއްޓުމުގެ މަސައްކަތް އެމީހުންގެ ކިބައިން އުނިކޮށް ސިފައިންނަކީ ހަމައެކަނި ގައުމީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތައް އަމަލީގޮތުން ހަރަކާތްތެރިވާ ބައެއްގެ ގޮތުގައި ހެދުމަށް ވެސް އެ ސިޔާސަތުގައި ވަނީ ކަނޑައަޅާފަ އެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިންގެ އަތުން އުނިކޮށް އެކަމަކީ ސިޓީ ކައުންސިލްތަކުން ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ހަމަޖެއްސުމަށް ވެސް އެ ސިޔާސަތުގައި ވަނީ ކަނޑައަޅާފަ އެވެ.
ލީކްވެފައިވާ އެ ސިޔާސަތުގައި ބުނެފައި ވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކަކީ ދިވެހިންގެ އިތުބާރާއި ޔަގީންކަން ގެއްލިފައިވާ ހިދުމަތްތަކެއް ކަމަށާއި ސިފައިންނާއި ފުލުހުންނަކީ ރާއްޖެ އެމްޑީޕީ ބޭނުންވާ ގޮތަށް ބައްޓަން ކުރުމުގައި އޮތް ހުރަހެއް ކަމަށެވެ.
ސިފައިންނާއި ފުލުހުންގެ މުއައްސަސާގައި ތިބީ އެމްޑީޕީގެ ފިކުރަށާއި އެމްޑީޕީ އަށް ވަފާތެރިވާނެ ބައެއް ނޫން ކަމަށް ވެސް އެ ސިޔާސަތުގައި ވަނީ ބުނެފަ އެވެ.
އެމްޑީޕީގެ ގައުމީ ސަލާމަތް އަދި ސިފައިންނާއި ފުލުހުންނާ ބެހޭ ސިޔާސަތު އެކުލަވާލާފައި ވަނީ އެ ކޮމެޓީން ސިފައިންނާއި ފުލުހުންގެ ތެރޭގައި މިހާރު މަސައްކަތް ކުރާ އެމްޑީޕީ އަށް ވަފާތެރި މީހުންނާ އެކު މަޝްވަރާ ކުރުމަށް ފަހު ކަމަށް އެ ޑޮކިއުމަންޓްގައި ބުނެފައިވެ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުލަވައިލި ކަމަށް ބުނާ އެ ކޮމެޓީގެ ޗެއާމަނަކީ ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލެވެ.
:http://www.youtube.com/watch?v=QQ9OYSF-QpQ