28 Jul 2013, 15:51
ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޖިސްމާނީ އަނިޔާކުރުމަށާއި މާލެތެރޭގެ އަމަންއަމާންކަން ނަގާލައި، މީހުންނާއި ތަންތަނަށް ގެއްލުންދީ އެކިތަންތަނުގައި ހުޅުޖަހައި ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ފަދަ ކަންތައްތަކެއް ކުރުމަށް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތުކުރެވޭ ހ. ހެދޭތުނޑި، ޝިއާން ޝަފީގު 34، (ޝިޔަޅޭ) ގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ، ޝިޔަޅޭ ގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ މާޗް 12 ވަނަދުވަހު މާލޭގައި އަމަން އަމާންކަން ނަގާލައި މީސްތަކުންގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށް މީހުންނަށާއި ތަންތަނަށް ގެއްލުންދިނުމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.