ސާކް ސަމިޓުގެ ރަސްމީ ޖާފަތުގައި ބޭނުންކުރުމަށް ރާއްޖެ ގެނެސްފައިވާ އަގު ބޮޑު ޓެންޓެއް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނިކޮށް، އެ ސައިޒެެއްގެ ޓެންޓެއް މާލޭ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ސިފައިން ބޭނުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ސާކް ސަމިޓާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ސަދަން ޔުޓިލިޓީޒް ލިމިޓެޑުން މެދުވެރިކޮށް ޗައިނާގެ ޒޫހައި ލިރީ ޓެންޓް ޓެކްނިލޮޖީ ކޮމްޕެނީ ލިމިޓެޑުން ރާއްޖެ ގެނައި ޓެންޓެއް ގަތުމަށް 735،379.80 ރުފިޔާ ހަރަދުކޮށްފައިވާ އިރު އެ ޓެންޓް އެއްގޮތަކަށް ވެސް ބޭނުންކޮށްފައިނުވާ ކަމަށެވެ. ބޮޑު މިނުގައި 15×35 މީޓަރުގެ އެ ޓެންޓާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުގެ ކަމާ ބެހޭ އެއްވެސް މުއައްސަސާއަކުން ލިބިފައިނުވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުއްރަހީމް މިއަދު ސަން އަށް ވިދާޅުވީ މާލޭ އެއާޕޯޓްގައި ސިފައިން ބޭނުން ކުރަމުން އަންނަ ޓެންޓަކީ ފަރުނީޗަރުތަކަކާ އެކު ޗައިނާ އިން ރާއްޖެ އައި ޝިޕްމަންޓެއްގައި ގެނެސްފައިވާ ޓެންޓެއް ކަމަށާއި އެ ޓެންޓާ ބެހޭ މައުލޫމާތު އޮޑިޓް އޮފީހަށް އަންގައިފައިވާނެ ކަމަށެވެ. އަދި ސިފައިން ބޭނުން ކުރަމުން ގެންދާ އެެޓެންޓަކީ ވެސް 15×35 މީޓަރުގެ ޓެންޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަމިޓަށް ފަހު އެމްއެންޑީއެފާ ހަވާލުކުރި ތަކެއްޗާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް އެމްއެންޑީއެފުން ވާނީ ޑިފެންސް މިނިސްޓްރީ މެދުވެރިކޮށް އޮޑިޓް އޮފީހަށް އަންގައިފައި. އެ ލިސްޓްގައި މި ޓެންޓްގެ ވާހަކަ ވެސް އެބަ އޮތް، އެހެންވެ ގަބޫލެއް ނުކުރެވޭ މި ޓެންޓަކީ އޮޑިޓް ރިޕޯޓްގައި ބަޔާން ކޮށްފައިވާ ޓެންޓް ކަމަކަށް،" އައްބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެއާޕޯޓްްގައި އެމްއެންޑީއެފުން އެ ޓެންޓް ބޭނުން ކުރަން ފަށައިފައިި ވަނީ ސާކް ސަމިޓަށް ފަހު ކަމަށާއި އެ ޓެންޓް ސިފައިން ބޭނުން ކުރަމުން ގެންދަނީ ސިފައިންގެ ވެހިކަލްތައް ހިޔަލުގައި ބެހެއްޓުމަށް ކަމަށެވެ.

ނަމަވެސް އޮޑިޓާ ޖެނެރަލް އިބްރާހިމް ނިޔާޒު މިއަދު ސަންްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސާކް ސަމިޓަށް ގެނައި އެއްވެސް ޓެންޓެއް އެމްއެންޑީއެފުން ބޭނުން ކުރަމުން ގެންދާކަން އޮޑިޓް އޮފީހަށް އަންގައިފައިނުވާ ކަމަށާއި އެއާޕޯޓްގައި ސިފައިން އެފަދަ ޓެންޓެއް ބޭނުން ކުރަމުން ގެންދާކަން އެނގިފައި ވަނީ މިއަދު ސޯޝަލް ނެޓްވޯކްތަކުން ކަމަށެވެ.

ސާކް ސަމިޓަށް ގެނެސްފައިވާ ޓެންޓްތަކުގެ ތެރެއިން ކުދި ޓެންޓްތަކެއް ކްރިކެޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ހަވާލުކޮށްފައިވާކަން އަންގާއިފައިވި ނަމަވަސް އިތުރު ބަޔަކު އެފަދަ އެއްވެސް އެއްޗެއް އަންގާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސީދާ އައްޑު އަތޮޅަށް ގޮސްގެން ވެސް އެ ޓެންޓާ ބެހޭ މައުލޫމާތު ސާފު ކުރިން ސަދަން ކޮމާންޑުން، އެބޭފުޅުން ވިދާޅުވި އެ ޓެންޓާ ބެހޭ މައުލޫމާތު ލިބިވަޑައިގެންފައިނުވާ ކަމަށް. އޭރު އެތަނުގައި ހުރި ވަރަށް ބޮޑު ޓެންޓެއް ފެނިގެން އަޅުގަނޑުމެން ސުވާލުކުރިން މިއީ ނޫންތޯ އެ ޓެންޓަކީ، ނަމަވެސް އެބޭފުޅުން ވިދާޅުވި އެއެެއް ނޫނޭ. އެއާޕޯޓްގައި ޓެންޓެއް ހުރި ކަން ވެސް އަޅުގަނޑުމެންނަށް އެނގުނީ ޝޯސަލް މީޑިއާއިން،" ނިޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އުސޫލެއްގެ ގޮތުން އެކަމަކީ ފިނޭންސް މިނިސްޓްރީގެ ޒިންމާއެއް ކަމަށާއި ދައުލަތުގެ މުދަލެއް އެއް މުއައްސަސާއަކުން އަނެއް މުއައްސަސާއަކާ ހަވާލުކުރާ އިރު އެ މިނިސްޓްރީ އަށް އެ އެއްޗަކާ ބެހޭ މައުލޫމާތު އެނގިފައި އޮންނަންވާނެ ކަމަށެވެ.

ސާކް ސަމިޓްގެ ކަންތައްތައް ކުރިއަށް ގެންގޮސްފައި ވަނިީ ވަރަށް ބޮޑު އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައި ކަމަށާއި ސަމިޓަށް ގެނެސްފައިވާ ބައެއް ތަކެއްޗާ ބެހޭ މައުލޫމާތު އެކަށީގެންވާ މިންވަރަކަށް ބަލަހައްޓައިފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭ އެއާޕޯޓްގައި ހުރި ޓެންޓަކީ ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ޓެންޓް ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅުވެދެއްވަން ސީދާ އެނގިވަޑައިނުގެންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީ އެޓެންޓަށް ވުމަކީ ވެސް ޕޮސިބަލް ކަމެއް، އެ ސައިޒްގެ އެހެން ޓެންޓަކަށް ވެސް ވެދާނެ، މިކަމުގައި ދައުލަތުގެ މުއައްސަސާތަކުން ވަނީ އިހުމާލުވެފައި." ނިޔާޒު ވިދާޅުވި އެވެ.

އެ ޓެންޓް ގަތުމަށް ކޮށްފައިވާ ހަރަދަކީ ދައުލަތުގެ މުދާ ބޭނުމެއް ނެތް ގޮތުގައި އިސްރާފު އެކުލެވޭ ގޮތަށް ކޮށްފައިވާ ހަރަދެއް ކަމަށާއި ގިނަ އަަދަދެއްގެ ފައިސާ ހަރަދުކޮށްގެން ހޯދައިފައިވާ ދައުލަތުގެ މުދާ ރައްކާތެރިކަމާ އެކު ބެލެހެއްޓުމުގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު ގާނޫނާ އެއްގޮތަށް އަމަލްކުރުމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ ބުނެފައިވެ އެވެ.