28 Jul 2013, 15:32
ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގެ އިރުން އޮންނަ ސަރަހައްދުގައި 200 އެނދުގެ ފަސް ތަރީގެ ހޮޓަލެއް އެޅުމަށް ޝަންގްރިއްލާ މޯލްޑިވްސް އަށް 25 އަހަރަށް ކުއްޔަށް ދިން ބިން ވިއްކާލަން ނިންމައިފި އެވެ.
ފަސް ތަރީގެ ހޮޓަލެއް އެޅުމަށް 2007 ވަނަ އަހަރު އެޑްވާންސަށް ފަސް މިލިއަން ޑޮލަރު ދައްކާފައިވާ ބިން ޝަންގްރިއްލާއިން ވިއްކާލަނީ ސ. ހަންކެޑެގައި ރިސޯޓެއް ހަދަމުން އަންނަ ސިންގަޕޫރުގެ ކްރެސެންޑާސް އަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހޮޓާ އެޅުމަށް ކުއްޔަށް ދޫކޮށްފައިވާ ބިން ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެގްރީމަންޓުގެ ދަށުން ލިބިފައިވާ އެންމެހައި ޙައްޤުތައް އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.
ދަރުބާރުގޭ އިރުން އޮންނަ ސަރަހައްދުގައި ހޮޓަލެއް އެޅުމަށް ބީލަން ހުށަހެޅީ މާލެ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގަ އެވެ.
"އެތަނުގައި ހޮޓަލެއް އެޅުމަށް ސަރުކާރުން އޮތީ ބަޔަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި. އެހެންވެ އެ ފަރާތުން މިހާރު ބޭނުން ވަނީ އެތަން އެހެން ބަޔަކަށް ވިއްކާލަން. ނަމަވެސް އެ އެއްބަސްވުމަށް އެއްވެސް ބަދަލެއް ނުގެންނަ ގޮތަށް އޮތީ،" އަދީބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ މިއަހަރުގެ ތެރޭގައި އެތަނުގެ ހޮޓަލުގެ މަސައްކަތް ފެށޭތޯ ބެލުމަށް ކަމަށެވެ.
ސަރުކާރުން އެތަނުގައި ހޮޓަލެއް އެޅުމަށް ހަވާލުކޮށްފައި ވަނީ އާންމުންނަށް 30 ޕަސެންޓު ހިއްސާ ވިއްކާ ގޮތަށް ވަކި ކުންފުންޏެއް އުފައްދައިގެން ތަރައްގީކުރާ ގޮތަށެވެ. މާލޭގެ ފަސް ތަރީ ހޮޓަލަށް ޝަންގްރިއްލާ އިން ހުށަހަޅައިފައިވާ ކުއްޔަކީ އަހަރަކު އެނދަކަށް އެވްރެޖްކޮށް 5،100 ޑޮލަރެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ކ. މާލޭގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމަށް މާލެ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައިވާ ބިން، ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެގްރީމަންޓުގެ ދަށުން ލިބިފައިވާ އެންމެހައި ހައްގުތައް އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެ ކުންފުނިން ހުށަހަޅުއްވާފައިވާތީ އެ ބިމާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއްވާ ނަމަ، 11 އޯގަސްޓު 2013 ގެ ކުރިން އެ މިނިސްޓްރީ އަށް ލިޔުމަކުން އެންގުމަށެވެ.
ޝަންގްރިއްލާ އިން ވަނީ ކުރިން ހޮލިޑޭއިންގެ ނަމުގައި މާލޭގައި ހިންގި ހޮޓާ ގަނެ، ޓްރޭޑާސްގެ ނަމުގައި ހިންގަން ފަށައިފަ އެވެ. އަދި އެ ކުންފުނިން ދަނީ ސ. ވިލިނގިލި ރިސޯޓް ވެސް އޮޕަރޭޓްކުރަމުންނެވެ.