28 Jul 2013, 14:35
ޕިޔޮންގް ޔަންގް (ޖުލައި 28): ކޮރެއާ ހަނގުރާމަ ނިމުނުތާ 60 އަހަރުފުރުން އުތުރު ކޮރެއާގައި ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އެބަގެންދެ އެވެ.
ކޮރެޔާ ހަނގުރާމައަކީ އެމެރިކާއާއި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު އެދެގައުމުގެ ދެމެދުގައި އޮތް ފިނިހަނގުރާމައިގެ ތެރެއިން ހިނގައިދިޔަ ހަނގުރާމައެކެވެ. އެހަނގުރާމައިގާ ދެކުނު ކޮރެޔާގެ ފަހަތުގައި އެމެރިކާއޮތް އިރު އުތުރުކޮރެޔާގެ މަދަދު ގާރެއްގެ ގޮތުގައިއޮތީ ކުރީގެ ސޮވިއެޓް ޔުނިޔަން ނުވަތަ ކުރީގެ ރޫސީވިލާތެވެ.
1950 ން 1953 އަށް ހިނގައިދިޔަކޮރެޔާ ހަނގުރާމައަށް ފަހު ދެކޮރެޔާ، ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާތީ ދެކޮރެޔާ ރަސްމީގޮތުން އަދިވެސްއޮތީ ހަނގުރާމައިގެ ޙާލަތުގަ އެވެ. އެ ހަނގުރާމައަށް ފަހު ދެކޮރެޔާ އިން ސޮއިކުރީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގަ އެވެ. އެއެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 1953 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު އެވެ.
ކޮރެއާ ހަނގުރާމަ ނިމުނުތާ 60 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އިއްޔެ އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގް ޔަންގްގައި ވަނީ އަސްކަރީ ވަރަށް ބޮޑު ޕްރޭޑެއް ބާއްވައިއެގައުމުގެ އަސްކަރީ ޤާބިލްކަން ދައްކާލާފަ އެވެ. ދެކޮރެޔާއާ ދެމެދު ސުލްޙައިގެ ދާއިމީ އެއްބަސްވުމެއްގައި ސޮއިކުރުމަށްޓަކައި ސުލްޙައިގެ ވާހަކަތައް އަވަހަށް ފެށުމަށް ދެކުނު ކޮރެޔާގެ ރައީސާ، ޕާކް ގުން ހައި ވަނީ އުތުރުކޮރެޔާގެ ލީޑަރުންނަށްގޮވާލައްވާފަ އެވެ.
ދެކުނު ކޮރެޔާގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި އެކަމަނާ ވިދާޅުވީ އުތުރު ކޮރެއާ ދެކުނު ކޮރެއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ވަރުގަދަ ކުރުމަށް ބޭނުންވާ ކަމަށާ ދެކޮރެޔާގެ ރައްޔިތުންނަކީ އެއްބައެއް ކަމުގައެވެ. އަދި އުތުރު ކޮރެއާއިން ޖެއްސުން ކުރުމުގެ ޢަމަލުތައް ހުއްޓާލައި ދެގައުމުގެ އެއްބަނޑުއެއްބަފާކަން އާލާ ކުރުމަށް ވެސް އެކަމަނާ ގޮވާލެއްވިއެވެ. (ނޫސްއެޖެންސީތައް)