09 Nov 2010, 11:27
ޖުޑީޝަލް ސަވިސް ކޮމިޝަނުން އިއްޔެ ބޭއްވުމަށް ހަމަޖެއްސި ދެ ޖަލްސާ ވެސް ކޯރަމް ހަމަނުވެގެން ކެންސަލް ކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ޖޭއެސްސީން މިއަދު ބުނީ ހެނދުނު 11:00 ގައި ބޭއްވުމަށް ހަމަޖެއްސެވި ޖަލްސާ އަށް އެޖެންޑާކޮށްފައި ވަނީ ށ. އަތޮޅާއި މ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ޗުއްޓީ ނެންގެވުމާގުޅިން އެ ދެ ދާއިރާ ހަވާލުކުރުކުރުން ކަމަށެވެ. އެ ޖަލްސާއަށް ވަޑައިގެންނެވީ، ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ކޮމިޝަންގެ މެމްބަރު އައްޝައިޚް ޝުޢައިބް ޢަބްދުރަޙުމާނާއި، ކޮމިޝަންގެ މެމްބަރު އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ އާއި، އަދި ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު އަހުމަދު ރަޝީދު ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ބުނީ 14:30 ގައި ބޭއްވުމަށް ހަމަޖެއްސެވި ޖަލްސާއަށް އެޖެންޑާކޮށްފައި ވަނީ ހައިކޯޓު ފަނޑިޔާރުން ނެގުމަށް އިންޓަވިއު ޕެނަލް އެކުލަވާލުމާ، ފަނޑިޔާރުންގެ ޤާނޫނާއި ކޯޓުތަކުގެ ޤާނޫނާ ގުޅިގެން ކޮމިޝަނުންކުރަން ޖެހޭ ކަންތައްތައް ލިސްޓްކުރުމަށްޓަކައި އުފެއްދި ކޮމިޓީން ލިސްޓްކޮށްފައިވާ ކަންތައްތައް ކުރާނެގޮތެއް ކަނޑައެޅުމާއި ށ. އަތޮޅާއި މ. އަތޮޅުގެ އިސް މެޖިސްޓްރޭޓް ޗުއްޓީ ނެންގެވުމާގުޅިން އެ ދެދާއިރާ ހަވާލުކުރުކުރުން ކަމަށެވެ.
ނަމަވެސް މެންދުރު ފަހުގެ ޖަލްސާއަށް ވަޑައިގެންނެވީ، ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު އަބްދުލްޣަނީ މުހައްމަދާއި، ކޮމިޝަން މެމްބަރު ޑރ.އަހުމަދު އަލީ ސަވާދާއި، ކޮމިޝަންގެ މެމްބަރު އައްޝައިޚް ޝުޢައިބް ޢަބްދުރަޙުމާނާއި، ކޮމިޝަންގެ މެމްބަރު އަލްފާޟިލާ ޢާއިޝަތު ވެލެޒިނީ އާއި އަދި ކޮމިޝަންގެ މެމްބަރު އަލްއުސްތާޛު އަހުމަދު ރަޝީދު ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.