މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުން އެއްވެސް ކަހަލަ ބަންދު ކަމެއް ނެތި ކުނިއުކަމުންގެންދާތީ އެކަމުގެ ސަބަބުން އެސަރަހައްދުގައި މެހިފަދަ ސޫފާސޫފި ގިނަވަމުންދާ ކަަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ނެރެފައިވާ ދެންނެވުމެއްގައި ބުނެފައި ވަނީ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުން އެއްވެސް ގޮތަކަށް ބަންދުކުރުމެއް ނެތި، ކުނި ޖަމާކުރުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުތައް ނޫން ސަރަހައްދުތަކަށް ކުނި އަޅަމުން ގެންދާ ކަން އެކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތަށް ކުނިތައް އުކާލުމުން މުޅި އެ ސަރަހައްދަށާއި އެ ސަރަހައްދުގެ މޫދަށް ގިނަ އަދަދަކަށް ކުނި އެޅެންމުންދާ ކަމަށެވެ.

"އެއްވެސް ބަންދުކަމެއް ނެތި ކުނިތައް އުކާލުމުގެ ސަބަބުން މާރުކޭޓު ސަރަހައްދުގައި މެހިފަދަ ސޫފާސޫފި ގިނަވެ، ނުބައިވަސް ދުވުމުމުގެ ސަބަބުން މާރުކޭޓު ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިން ވެސް މަދުވަމުންދާ ކަން ވަނީ ފާހަގަކުރެވިފައި،" ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

މިއަދުން ފެށިގެން މާރުކޭޓާއި ލޯކަލް މާރުކޭޓުގެ ގޮޅިތަކުން އުކާލާ ކުނި އަޅަންވާނީ އެ ކުނިތައް އުކާލުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ކޮތަޅު، ފޮށިގަނޑު، ގޯނި ނުވަތަ އެފަދަ ކޮންމެ ވެސް އެއްޗެއްގައި ލައި ރަނގަޅަށް ބަންދުކޮށްގެން ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ. އަދި އެއާ ހިލާފަށް އަމަލުކުރަމުން ގެންދާ ފަރާތްތަކާ މެދު އެ ކައުންސިލުން ހާއްސަ ގޮތެއްގައި ބަލަމުން ގެންދާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މާރުކާޓު ސަރަހައްދުގައި އެކަށީގެންނުވާ ގޮތަކަށް ކުނި އެޅުމުގެ ސަބަބުން މެހިފަދަ ސޫފާ ސޫފި އިތުރުވަމުންދާ ކަމަށް ސިޓީ ކައުންސިލުން ފާހަގަކޮށްފައިވާ އިރު ދަތުރުވެރިންގެ މާރުކާޓުގައި މީދަލުގެ އުނދަގޫ ބޮޑުވެފައިވާ ކަމުގެ ޝަކުވާ ދަތުރުވެރިން ގެންދަނީ ކުރަމުންނެވެ.