ކޯޓުގެ ހުރުމަތް ކަނޑާލި މީހަކު 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ސ. ފޭދޫ އެވަރެސްޓް ހުސައިން ސާލިހުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހުކުރު ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހުސައިން ސާލިހުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އެ ކޯޓަށް ހާޒިރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމަށް ފަހު ޝަރީއަތުގެ މަޖިލީހުން އޭނާ ނެރުނު ވަގުތު ފުލުހަކާ ދިމަލަށް ހަޑިހުތުރު ބަހުން މުޚާތަކުކޮށްފައިވާ ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ފުލުހަކާ ދިމާލަށް ހަޑިހުތުރުބަހުން މުޚާތަބު ކުރުމުގެ އިތުރުން އޭނާ ގާޒީގެ އަމުރަށް ނުކިޔަމަންތެރިވެ ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށެވެ.

އޭނާ 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނީ ކޯޓުތަކާ ބެހޭ ގާނޫނުގެ 76 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.