ރައްޔިތުންގެ މަޖިލީހުގެ ފުވައްމަލުކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ)، ޕީޕީއެމްއިން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީ އަށް މިއަދު ސޮއިކުރައްވައިފި އެވެ.

އެމްޑީޕީއާ އެކު 2005 ވަނަ އަހަރު އަހަރުން ފެށިގެން މަސައްކަތްކުރަށްވަމުން ގެންދެވި، ޝިފާގު، 2012 ވަނަ އަހަރުގެ މޭ މަހު ޕީޕީއެމްއާ ގުޅިވަޑައިގަތީ، އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، އެމްޑީޕީގެ ލީޑަޝިޕް އޮތީ "ކޯމާ"އެއްގައި ކަމަށް ވިދާޅުވުމަށް ފަހު އެވެ.

ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވުމަށް ފަހު އެ ޕާޓީން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ހިސްޓޯ ވިދާޅުވީ، އޭނާ ޕީޕީއެމް އިން ވަކިވެވަޑައިގަތީ އެޕާޓީއާ ދޭތެރޭގައި ޒާތީ އެއްވެސް ކަމެއް އޮވެގެން ނޫން ކަމަށާއި އަދި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހުރިހާ ވާހަކައެއް ދަންނަވާފައި ވާނޭ ކަމަށެވެ.

"އަޅުގަނޑު މިހާ ދުވަސްވަންދެން މި މަސައްކަތް ކުރަމުން ގެންދިޔައީ، ޕީޕީއެމްގެ ތެރޭގައި. އެއްވެސް ހާލަތެއްގައި ޕީޕީއެމްއާ ދޭތެރޭގައި ޒާތީ މައްސަލަތަކެއް އޮވެގެން، އެކަހަލަ އެއްވެސް ކަމެއްގައެއް ނޫން އަޅުގަނޑު ޕީޕީއެމްއިން ވަކިވެގެން އައިސް މިއަދު ޖުމްހޫރީ ގުޅުމާ މިގުޅުނީ،" ހިސްޓޯ ވިދާޅުވި އެވެ. "ޕީޕީއެމް އިން ވަކިވުމުގެ ކުރީގައި އަޅުގަނޑުމެންގެ މިނިވަން ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޕީޕީއެމްގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމާ ބައްދަލުކޮށް އެމަނިކުފާނަށް، އަޅުގަނޑު ޕީޕީއެމް އިން ވަކިވެގެން ޖުމްހޫރީ ގުޅުމާ އަޅުގަނޑު ގުޅެންއުޅޭ ކަމުގެ މައުލޫމާތު އަދި އަޅުގަނޑު ޕީޕީއެމް އިން ވަކިވެގެން ޖުމްހޫރީ ގުޅުމާ ގުޅެން ޖެހޭ ސަބަބު ވެސް ވާނީ އެމަނިކުފާނަށް ދަންނަވާފައި."

ހިސްޓޯ ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ، ސިޔާސީ އެއްވެސް މަންފާއެއް ހޯދުމަށް ބޭނުންފުޅުވެގެން ނޫންކަށާއި އެހެން ނަމަވެސް ގައުމަށް ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތްކުރާ ބަޔަކާ ގުޅުމަށް ކަމަށެވެ.

"އަޅުގަނޑު މަސައްކަތް މިކުރަނީކީ އެއްވެސް ހާލެއްގައި ސިޔާސީމަންފާއެއް ހާސިލްކުރާކަށް ނުވަތަ، ކުރިއަށް އޮތް ދައުރުގެ ގޮނޑިއެއް ކާމިޔާބުކުރާކަށް ނޫން. އެހެން ނަމަވެސް އަޅުގަނޑުމެންގެ ރާއްޖެ އަށް ބަދަލުތަކެއް އަންނާން އެބަޖޭހޭ ކަމާއި އަޅުގަނޑުމެންނަށް ނުބައި މަގަކުން ކައްސިޔާރުވެވިގެން ހިނގައްޖެ ކަން ވޭތުވެ މިދިޔަ ހަތަރު ފަސް ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް މިވަނީ ތަޖުރިބާ ކުރެވިފައި،" ހިސްޓޯ ވިދާޅުވި އެވެ.

ޖުމްހޫރީ ގުޅުމަކީ، އެންމެ ފަހުން އައި ތިން ސަރުކާރުގައި ވެސް ހަރަކާތްތެރިވެފައި ތިއްބެވި، އަދި ތަޖުރިބާތެކެއް ހޯއްދަވައިގެން ތިއްބެވި ބަޔަކު އުޅުއްވާ ޕާޓީއެއް ކަމަށް ވިދާޅުވެ، ހިސްޓޯ ވިދާޅުވީ، ޖޭޕީއާ ގުޅިވަޑައިގަތީ، އެ ޕާޓީގެ ލީޑާޝިޕަކީ "އިލްމާއި ހިލްމު" އެކުލެވިފައިވާ ލީޑާޝިޕަކަށްވެފައި "ތަރައްގީ ގައިމު" ކުރެވޭނީ ޖޭޕީއާ ގުޅިގެން ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

"ގާސިމް އިބްރާހީމް، އަޅުގަނޑުމެންގެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް މައުމޫން އަދި ރައީސް ނަޝީދުގެ ވެރިކަމުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް. އެ ސިޔާސަތުތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެއް. އަދި އަޅުގަނޑުމެންގެ ޕާޓީގެ ރަނިން މޭޓަކީ ވެސް، މި ތިން ސަރުކާރުގެ ވެސް ކަންތައްތަކާއި ސިޔާސަތުތައް އެނގިވަޑައިގަންނަވާ ބޭފުޅެއް،" ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ކުރީގެ މެންބަރު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ގައުމު ކީއްވެގެންތޯ ބޮއްސުން ލައިގެން މިއުޅެނީ، ލީއްވެގެންތޯ އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން ނައިސްގެން މިއުޅެނީ. ކީއްވެގެންތޯ އަޅުގަނޑުމެންގެ ގައުމަށް ތަރައްގީ ގައިމު ނުކުރެވިގެން މިއުޅެނީ. މި ކަންކަން އަޅުގަނޑުމެންނަށް އެންމެ ރަނގަޅަށް ދިރާސާ ކުރެވޭނީ، މި ތިން ސިޔާސަތު ވަރަށް ރަނގަޅަށް އެނގޭ ބަޔަކު ނިކުމެ އެ ތިން ސިޔާސަތު ސްކްރިޓިނައިޒްކޮށްފައި، އަޅުގަނޑުމެން އާ ސިޔާސަތަކާއެކީގައި ކުރިއަށް ގޮސްގެން،"

"ތިޔަ ބޭފުޅުންނަށް މިތަނުން ތިޔަ ފެނިގެން މިދަނީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޓޭޓާއި އަޅުގަނޑުމެންގެ ރަނިންމޭޓަށް ބައްލަވައިފި ކަމަށް ވަނީވިއްޔާ ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ، [އިލްމާއި ހިލްމު] އެކުވެގެންދާތަން. އިލްމާއި ހިލްމު އެކުވެގެން ނޫނިއްޔާކާ އަޅުގަނޑުމެންނަށް އަލޫގަނޑުމެންގެ ގައުމުގައި ތަރައްގީ ގައިމެއް ނުކުރެވޭނެ" ހިސްޓޯ ވިދާޅުވި އެވެ.

މިއަދުގެ ނޫސް ކޮންފަރެންސްގައި ވާހަކަ ފުޅުދައްކަވަމުން ހިސްޓީ ވަނީ އެމްޑީޕީގެ ބައެއް ސިޔާސަތުތަކަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ، އެމްޑީޕީއަކީ ކުރިން ވެސް ތަންފީޒު ނުކުރެވުނު ސިޔާސަތުތައް އަނެއްކާ ވެސް އާ ސިޔާސަތުތަކަކަށް ހަދައިގެން އިއުލާނު ކުރަމުން ގެންދާ ޕާޓީއެއް ކަމަށެވެ.

"ރައީސް ނަޝިދު އެ ވިދާޅުވަނީ ދަނޑުގޮވާމޭ، ފަޅު ގޮވާމޭ، ވިދާޅުވެ މިސާލަކަށް ފޯއްމުލަކުގައި މިދިޔަ މޭމަހުގެ ތެރޭގައި އިއުލާނު ކުރެއްވި އިރު، މޭމަހުގެ 19 ވަނަ ދުވަހުގެ ތާރީހަށް ދެ އަހަރު ފުރިގެން ދިޔައީ، ރައީސް ނަޝީދުގެ ވެރިކަމުގެ ކުރީ ކޮޅުގައި އިންވެސްޓް މޯލްޑިވްސްއިން ކުރެއްވި އިއުލާނެއް، ބައިނަލްއަގްވާމީ ބީލަމަށް ހުށަހެޅީ ފޯއްމުލަކުގައި އެކުއަ ކަލްޗާ ނުވަތަ މެރިކަލްޗާ ސެންޓަރެއް ގާއިމް ކުރުމަށްޓަކައި،" ހިސްޓޯ ވިދާޅުވި އެވެ. "ރައީސް ނަޝިދު އެކުރެއްވި އިއުލާނަށް ދެއަހަރު ފުރިގެން ދިޔައިރު އަނެއްކާ ވެސް އާ ސިޔާސަތެއްގެ ގޮތުގައި އެމަނުކުފާނު އެކަންކަން އެ އިއުލާނު ކުރެއްވީ. އެހެންވީމާ އާ ކަންތައްތަކެއްގެ ވާހަކައެއް ނުދެކެވެޔޭ. އާ މިސްރާބަކަށް ދަތުރެއް ނުކުރެވެޔޭ."