28 Jul 2013, 10:50
ރާއްޖޭގައި ހައްދާ ދަނޑުވެރިކަމުގެ ގިނަ ބާވަތްތަކެއް ވިއްކަންހުންނަ ދަތުރުވެރިންގެ މާރުކޭޓްގައި މީދާ އުޅޭކަމުގެ ޝަކުވާތަކެއް ފެންމަތިވެއްޖެ އެވެ.
އެ ޝަކުވާތަކާ ގުޅިގެން "ސަން"ގެ ނޫސްވެރިން ދަތުރުވެރިންގެ މާރުކޭޓަށް ގޮސް ބެލިބެލިމުން އެ މާރުކޭޓްގައި މީދާ އުޅޭ މަންޒަރު ވަނީ ފެނިފަ އެވެ. އެގޮތުން އެ މާރުކެޓްގައި ވިއްކަން ބަހައްޓަފައި ހުރި ކަރާ ބަސްތާތަކެއް ކައިރީ މީދާތަކެއް އޮތްތަން ފެނުނެވެ. އަދި ވިއްކުމަށް ޓަކައި ފަޅާފައިއޮތް ކަރާ ފަޅިއެއް ހަލާކުކޮށް ކޭ މަންޒަރު ވެސް ވަނީ ފެނިފަ އެވެ.
މީދާ އުޅޭކަމުގެ ޝަކުވާތަކާ ގުޅިގެން އެ މާކެޓްގެ ބަޔެއް ވިޔަފާރިވެރިންނާއި ވާހަކަ ދައްކާލުމުން ބައެއް ވިޔަފާރިވެރިން މީދާ އުޅޭ ކަމަށް އިންކާރުކުރި އިރު އަނެއް ބައި ވިޔަފާރިވެރިން ވަނީ މީދަލުގެ އުނދަގޫ އެމާކެޓްގައި ބޮޑުވެފައިވާ ކަމަށާއި އަދި މީދާ އުޅޭކަމަށް ބުނެފަ އެވެ.
އެމައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން މުހައްމަދު އަބްދުއްކަރީމް (ރުކުމާ) ވިދާޅުވީ މީދާ އުޅޭ މައްސަލަ ރަސްމީކޮށް އެއްވެސް ފަރާތަކުން އެކައުންސިލް އަށް ހުށައަޅާފައިނުވާ ކަމަށެވެ. އަދި އެމައުލޫމާތް ލިބުނީ "ސަން" އިން ކަމަށާއި ވަރަށް ސީރިއަސްކަމާ އެކު މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށެވެ.