28 Jul 2013, 10:30
ދިރާގުގެ ދިވެހި ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ރޭ ކްލަބް ވެލެންސިޔާއާއި ބީޖީ ސްޕޯޓްސް ކްލަބް ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުގެ ސަބަބުން ވެލެންސިޔާއަށް ޖާގައެއް ނުލިބި ބީޖީ ގަދަ ހަތަރެއް ކަށަވަރު ކޮށްފި އެވެ.
ރޭގެ މެޗަށް ނުކުތްއިރު ވެލެންސިޔާއަށް ލިބިފައިވަނީ 22 ޕޮއިންޓެވެ. އަދި ބީޖީއަށް ލިބިފައިވަނީ، 23 ޕޮއިންވެ. އެހެން ކަމުން ވެލެންސިޔާއަށް ގަދަ ހަތަރެއްގެ ޖާގައެއް ލިބެން އޮތް ހަމަ އެކަނި ގޮތަކީ މެޗުން މޮޅުވުމެވެ.
ރޭގެ މެޗުގެ ފުތަހާފުގައި ބީޖީގެ ފަރާތުން ތަންކޮޅެއް ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަނަމަވެސް ފަހުހާފުގައި ވެލެންސިޔާއިންވަނީ، ކުޅުން ރަނގަޅުކޮށް ނަތީޖާ ނެރެވޭތޯ މަސައްކަތް ކޮށްފަ އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގައި ބީޖީން އުފެއްދި ދެތިން ހަމަލާއެއްފިޔަވައި މުޅި މެޗުގައިވެސް ނަތީޖާ ބަދަލު ކޮށްލެވޭފަދަ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ.
މި އަހަރުގެ މުބާރާތުގެ ގަދަ ހަތަރަކުން ޖާގަ ނުލިބުމުން ވެލެންސިޔާއަށް ރާއްޖޭގެ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޕްރެޒިޑެންޓް ކަޕްގައި ކުޅުމުގެ ފުރުސަތު ނުލިބޭތާ ޖެހިޖެހިގެން ފަސް އަހަރުވީ އެވެ. އެ ކްލަބް އެންމެ ފަހުން ޕްރެޒިޑެންޓް ކަޕްގައި ވާދަކޮށްފައިވަނީ، 2008 ވަނަ އަހަރު އެވެ. އެ އަހަރު ތަށި އުފުލައިލީވެސް ވެލެންސިޔާއެވެ.
ރޭގެ ނަތީޖާއާއެކު، މިއަހަރުގެ ޕްރެޒިޑެންޓް ކަޕްގައި ވާދަކުރާނީ، ދިވެހި ލީގުގެ އެއްވަނައިގައި އޮތް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ދެވައިނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާއި، ތިންވަނަ ހޯދި ބީޖީ ސްޕޯޓްސް އަދި ހަތަރުވަނައަށް ދިޔަ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.
ދިވެހި ލީގުގެ ފަހު މެޗުގައި މިރޭ މާޒިޔާއާ ދެކޮޅަށް ނިއުރޭޑިއަންޓް ނުކުންނާނީ، ލީގުގެ އެއްވެސް މެޗަކުން ބަލިނުވެ ލީގު ނިންމާލުމަށެވެ.