ހަމުގެ ކުލަ ދޮން ފަން އިސްތަށިގަނޑުގެވެރިއެއްކަމަށް ދައްކާ "އެންޖެލިކް ޝެރޯން" ނަމުގައި 2011 ވަނަ އަހަރު ފޭސްބުކް މެދުވެރިކޮށް ޒުވާނުންތަކެއް ހިންގި ޖަރީމާއަކީ މުޅި ރާއްޖެ އަށް މަޝްހޫރުވި ހާދިސާއެކެވެ.

ޒުވާނުންތަކެއް މަޖާކޮށްލަން ހިންގި ޖަރީމާއަކަށް އެކަންވީ ނަމަވެސް އެ މަޅީގައި ދިވެހިން ގަދަރުކުރާ އަދި އިހުތިރާމްކުރާ އެތައް ބައެއް ވަނީ ޖެހި ބޭޒާރުވެފަ އެވެ. އާހިރުގެ ނަތީޖާއަކަށްވީ އެފަރާތްތައް ބްލެކްމެއިކްކުރުމުގެ ކުޅިވަރު ފެށި އެކަން ސިޔާސީ ވެގެންދިޔުމެވެ. އަދި އޭރާއި މިހާރު ވެސް ރާއްޖޭގައި އެފަދަ އަމަލުތައް ހިނގާކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.

ބުލެކްމޭލް ކުރުމުގެ ޖަރީމާ "ސަން" އިން ދިރާސާ ކުރަން ފެށުމާ އެކު މައުލޫމާތު ހިއްސާކުރި ބައެއް ތިއަރީތައް ބުނާގޮތުން ބްލެކްމެއިލްގެ ކުޅިވަރު ފަހަކަށް އައިސް ރާއްޖޭގައި އެންމެ ފޯރިއާ އެކު ފެށިގެންގޮސްފައި ވަނީ 2011 ވަނަ އަހަރުގެ ކުރީ ކޮޅު އެވެ. ޔަހޫދީން ބޮޑަށް ހިންގާ އެ ޖަރީމާ ރާއްޖޭގައި ފެތުރި ބްލެކްމެއިލް ކުރުމުގައި އެންމެ ބޮޑު ޓާގެޓަކަށްވެފައި ވަނީ ސިޔާސީ ފަރާތްތަކާއި ކަންތައްތަކުގައި އެހީތެރިވެވޭ ފަދަ މަގާމްތަކުގައި ތިބި ފަރާތްތައް ކަން ވަނީ އެނގިފަ އެވެ. އަދި މީގެ ކުރިން ރާއްޖޭގައި މީހުން ބްލެކްމެއިލްކޮށް އަގު ވައްޓާ ހަދަނީ އެ މީހެއްގެ ނުވަތަ އެ ބައެއްގެ އާއިލާއާ ގުޅޭ ގޮތުން ބޮޑެތި ވާހަކަތައް ދައްކައިގެން ނަމަވެސް މިހާރު ރާއްޖޭގައި އެކަންކުރަނީ ބަދުއަހުލާގީ އަމަލުތަކުގެ މަޅީގައި ޖައްސުވައި އެފަދަ ވީޑިއޯތަކާއި އޯޑިއޯތައް ބޭނުންކޮށްގެންކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ.

"ރާއްޖޭގައި އެފަދަ ހިތާމަވެރި ޖަރީމާތައް ވަނީ ހިންގާފައި، އަދި ސީދާ ވަކި ބަޔަކަށް ޓާގެޓްކޮށްގެން އެކަހަލަ ޖަރީމާތައް ހިންގާކަމުގެ މައުލޫމާތު ލިބޭ. އަޅުގަނޑު ދަންނަވާނީ އެފަދަ ހުތުރު ކަންކަމުގެ މަޅީގައި އިސްވެރިން ޖެހޭތީ އަޅުގަނޑު ކަންބޮޑުވެއޭ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

ސޯޝަލް ނެޓް ވޯކްތަކުންނާއި ކުލީ ކޮޓަރިތަކުން ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭ އެފަދަ ހުތުރުކަން ބޮޑު ޖަރީމާތަކުގެ ބޭނުން ހިފައި ސިޔާސީ އަދި ނުފޫޒު ގަދަ އެތައް ފަރާތެއް ބްލެކްމެއިލްކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވެ އެވެ. އެގޮތުން ރާއްޖޭގެ ނުފޫޒު ގަދަ ސިޔާސީ ފަރާތްތަކުން އެމީހުންގެ ޕާޓީ ބަދަލުކުރަން ޖެހޭ ހިސާބަށް އެފަދަ ކަންކަން ގެންގޮސް ޕާޓީ ބަދަލުކޮށްފައިވާ ކަމުގެ ވާހަކަތައް ދެކެވެ އެވެ. އަދި ބްލެކްމެއިލްގެ މަޅީގައި ޖެހިފައިވާ ފަރާތްތަކުގެ ބޭނުން ހިފައި ނުފޫޒު ބޭނުންކޮށްގެން އެތައް ކަމެއް ނިންމުމަށް ބުލެކްމެއިލް ކުރާ ފަރާތްތަކުން މަސައްކަތްކުރާކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެ އެވެ.

މިއީ އެފަދަ އެއް ހާދިސާ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޭފުޅާއަކީ ބާރުގަދަ ނުފޫޒުގަދަ މަގާމެއްގައި ހުރި ބޭފުޅެކެވެ. އެހެންކަމުން ތުހުމަތުކުރެވޭ ބަޔަކު ވަނީ އޭނާ ކުލީ ކޮޓަރިއެއްގައި ހިލޭ އަންހެނުންތަކަކާ އެކު ބަދުއަހުލާގީ އަމަލު ހިންގާ ވީޑީއޯތަކެއް ނަގައި ބްލެކްމެއިލް ކުރަން މަސައްކަތްކޮށްފި އެވެ. އެގޮތުން އޭނާގެ މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ކަންކަން މިވެނިގޮތަކަށް މިވެނި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭނެކަމަށް ބުނެ ތަފާތު އެސްއެމްއެސްތައް އެ ބޭފުޅާ އަށް ފޮނުވާ ބްލެކްމެއިލް ކުރަން މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތުތައް އެފަރާތްތަކާ މެދު ކުރެވެ އެވެ.

ބުލެކްމެއިލް ކުރުމުގެ ޖަރީމާ ބޮޑުވެ މިހާރު ވެސް އެފަދަ ޖަރީމާތައް ހިންގަމުންދާކަމުގެ ތުހުމަތުކުރެވޭއިރު އެފަދަ ކަންކަން ގިނަފަހަރަށް ކުރަނީ ޒުވާން ރީތި އަންހެން ކުދިން ނުވަތަ ޒުވާން ފިރިހެން ކުދިން ބޭނުންކޮށްގެން ކަމަށް ވާހަކަ ދެކެވެ އެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރަންސީ އޮފް މޯލްޑިވްސް އިން ބުނެފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކަމަށް ތުހުމަތު ކުރެވޭ މީހަކު ކަސްބީ އަންހެނުންތަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެ ލީކްކޮށްލާފައިވާ ވީޑިއޯގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެސީ އަށް ފޫނުބެއްދޭނެ ވަރުގެ ގެއްލުންތަކެއް ވެގެންދާނެ ކަމަށެވެ.

ޤާނޫނީ ގޮތުން ބޮޑެތި އަދަބުތަކެއް ކަނޑައެޅިފައިވާ އެފަދަ ހުތުރު އަމަލުތައް ދައްކުވައިދޭ ގިނަ ވީޑިއޯތައް މިއަދު އާއްމުވެ، އިންޓަނެޓު ވެބްސައިޓުތަކާއި މީހުންގެ ފޯނުތަކާ ހަމައަށް ފޯރައިފައިވާ އިރު، އެ ވީޑިއޯތަކުގެ ހަގީގަތް އަންގައިދިނުމަކީ މައްސަލަ ތަހުގީގުކުރަމުންދާ ފުލުހުންގެ މައްޗަށް ލާޒިމް ކަމެއް ކަމަކަށްވާ އިރު ފުލުހުން އޮފިޝަލަކު ވިދާޅުވީ ވަރަށް ސީރިއަސް ކަމާ އެކު އެފަދަ މައްސަލަތައް ފުލުހުން ބަލަމުންދާ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ބްލެކްމެއިލް ކުރުމުގެ ޖަރީމާތަކަށް ބަލާއިރު އެންމެ ބޮޑަށް ކުރެވޭ ތުހުމަތަކީ އަދި މިހާތަނަށް ފެންނަން އޮތް ހަގީގަތަކީ އެ ޖަރީމާތަކުގެ ފަހަތުގައި ވަނީ އެކަމުގެ ބޭނުން ހިފައި ބާރާއި ނުފޫޒް ފޯރުވުމެވެ. އަދި ހާއްސަކޮށް ގިނަ ފަހަރަށް އެމަޅީގައި ޖެހި ބޭޒާރުވެފައި ވަނީ ދައުލަތުގެ އިސްވެރިން ކަމަށް ތުހުމަތުގެ އިނގިލި ދިއްކުރެވޭ އިރު، މިއީ އެންމެ އަޑިއަށް ނުގޮސް، ދޫކޮށްލެވޭނެ ވަރުގެ މައްސަލައެއް ނޫނެވެ.