28 Jul 2013, 09:20
ބާ ޖަމާލުއްދީން ކައިރީގައި ހުރި ގެއެއްގެ ފުރަތަމަ ބުރީގައި ރޯވެ އަނދައި ހުލިވެއްޖެ އެވެ.
އެމްއެންޑީއެފްގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން މޭޖާ ހުސައިން އަލީ ވިދާޅުވީ ބާ ޖަމާލުއްދީން ކައިރީ ހުންނަ މއ. ސިންދިތާ ގޭގެ ފުރަތަމަ ބުރީގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:05 އެހައިކަންހާއިރު ލިބުމުން ފަޔާ އެންޑް ރެސްކިއު ސާވިސް ޓީމުން އަލިފާންގަނޑު މިހާރު މުޅިން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ހުސައިން އަލީ ވިދާޅުވީ އަލިފާން ރޯވި އެޕާޓްމަންޓަކީ މީހުން ދިރިއުޅޭތަނެއް ކަމަށާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ސަން އަށް މައުލޫމާތު ދެމުން ސިންދިތާގޭގައި ދިރިއުޅޭ މީހަކު ބުނީ އެ އެޕާޓްމަންޓަކީ އެގޭގެ ވެރިފަރާތުން ބޭނުންކުރަމުން އަންނަ ތަނެއް ކަމަށާއި އެތަނަށް އަބަދުވެސް މީހުން ވަދެ ނުކުމެ އުޅޭ ކަމަށެވެ.