28 Jul 2013, 02:18
(24 ޖުލައިގެ އަދަދާއި ގުޅޭ)
ފުން ނިންޖަކަށްފަހު އިޔަން ލޯ ހުޅުވައިލި އެވެ. ސިކުނޑި އޭގެ މަސައްކަތް ފެށުމުން ހުވަފެނެއް ފަދައިން ދިހަ އަހަރު ކުރީގެ މާޒީން ބައެއް ހަނދާނަށް ގެނެސްދީފިއެވެ. ދިމާ ކުރިމަތީގައި ފާރުގައި ހަރުކޮށްފައިވާ ދެހާސް ތޭރައިގެ ކަލަންޑަރަށް ބަލައިލުމުން އިޔަންއަށް އެކަން ޔަޤީންވެގެން ދިޔައެވެ. އެއީ ފެނުނު އާދައިގެ ހުވަފެނެއް ނޫނެވެ. އެކަމަކު ހުވަފެނެއްހާ ރީތިކޮށް މަންޒަރު ކުރެވި ކުލަވެގެން ދިޔަ އޭނާގެ މާޒީގެ 8 އަހަރެވެ. މިރޭ އޭނާ ފާލަންކޮޅަށް ފުންމައިލުމާއި ހަމައަށް ލޮލަށް ފެނި ވާހަކަ ދެކެވިފައިވާ "ޒޯހާ" އެއީ ހަމައެކަނި ހިޔާލީ ފަލްސަފާއެއްކަންވެސް އެނގި ސާބިތުވީއެވެ. އެއީ ޖިންނިއެއް، ރޫޚެއް ނޫނީ ފެނު ޕަރީއެއްވެސް ނޫނެވެ. ޒޯހާ އެއީ އޭނާގެ ލޯއްބެވެ.
އެކަމަކު މިހިސާބުން ދެން އުފެދޭ ސުވާލު ތަކަކީ ޒޯހާ އެރޭ އޭނާގެ އެދުމަށް އިޖާބަދިން ބާވައެވެ؟ ފޮށްޓަށް އެއްޗެހި އަޅައިގެން އެކުގައި ދާން ގެއިން ނިކުތް ހެއްޔެވެ؟ ޒޯހާ އެހުރިހާ ކަމެއް ތަހައްމަލު ކުރިފަހުންވެސް އޭނާ މިއާގެ ފިރިއަކަށްވީ ކިހިނެއް ހެއްޔެވެ؟ ޒޯހާ ހުއްޓައި އޭނާ ކައިވެނީގެ ގޮތުން ގުޅުނު ކުއްޖަކަށް މިއާ ވީ ކިހިނެއް ހެއްޔެވެ؟ ބޮޑުބައެއް އަދި ހަނދާން އައި ކަމުގައިވިއަސް އޮޅުންނުފިލާ ދެއަހަރު އަދިވެސް އެބަ އޮތެވެ. އެ ދެއަހަރު އެއީ އެންމެ މުހިންމު ދެއަހަރު ކަމުގައި އިޔަންއަށް މިހާރުވެސް ގަބޫލު ކުރެވިއްޖެއެވެ. ޒޯހާ ވީ ތަނަކާއި އަދި އޭނާގެ ކައިވެނި މިއާ އާއި ކުރެވުނު ގޮތް އެނގޭނީ އެދެއަހަރު ހަނދާނަށް އައިސްގެންނެވެ. ސުވާލުތަކުން ސިކުނޑި ފުރި ބޮލަށް ބާރު ކުރިވަރުން އިޔަންއަށް ނިތުގައި އަތް ހާކައިލެވުނެވެ. ތެދުވެ އިށީންފަހުން ރޫމްގެ ދޮރު ހުޅުވުނު އަޑު އިވިގެން ބަލައިލިއިރު ނަރުހަކާއި އެކުގައި މިއާ އެތެރެއަށް ވަންނަނީއެވެ. އެވަގުތު އިޔަން ބަލަހައްޓައިގެން އިން ގޮތް އަދި ކުރިއަށްވުރެވެސް ބީރައްޓެހި ކަމުގައި މިއާގެ ހިތް ބުނެލީ ކީއްވެ ކަމެއް ނޭނގުނެވެ.
"ކިހިނެއް މިހާރު؟" ނަރުސް ވައިޓަލް ޗެކް ކުރަން ފެށުމުގެ ކުރިން އަހައިލިއެވެ. "ކޮންއިރަކުން އަހަރެން ގެއަށް ފޮނުވައި ލާނީ؟" އިޔަންވެސް ކޮށްލީ ސުވާލެކެވެ. ނަރުސް ވައިޓަލް ޗެކް ކޮށްފައި ނިކުމެގެން ދަމުން އުފާވެރި ޚަބަރު ދިނެވެ. ވަރަށް އަވަހަށް އޭނާ ގެއަށް ފޮނުވައިލަފާނެއެވެ. "މިއާ އަހަރެން މާލެ ދާން ބޭނުން." އެވަގުތު ދެމީހުން އެކަނިވުމުން އިޔަން ފުރަތަމަވެސް ބުނެލިއެވެ. އެއަޑަށް މިއާ ސިހިފައި އިޔަންގެ މޫނަށް ބަލާލައިފިއެވެ. "އެކީއްވެ؟" މިއާ ހުރީ ލޯ ބޮޑުކޮށްލައިގެންނެވެ. "މިއާ އަހަރެންނަށް ވަރަށް ގިނަ ކަންކަން އޮޅުންފިލައިފި. އެތައްކަމެއް ހަނދާންވެއްޖެ. މިއާ އަހަރެންނަށް ހެދީ ދޮގު. ތީ އަހަރެން ފަސްއަހަރު ކުރީން އަލަށް ބައްދަލުވެގެން ލޯބިވި ކުއްޖެއް ނޫން. ތީ އަހަރެންގެ ކަޒިންއެއް. އަހަރެން ކޮއްކޮއެއް ކަމުގައި ދެކުނު ކުއްޖެއް. ކީއްވެ އަހަރެންނަށް ދޮގުހެދީ؟ އަދި ކިހިނެއް އަހަރެން މިއާގެ ފިރިއަކަށްވީ؟" އިޔަންގެ ސުވާލުތައް ބޭއްވީ ހަމައެކަނި ހިތުގައެވެ. ސިކުނޑިން ފުހެވިފައިވާ ގިނަ ދުވަސްތަކެއް އަލުން ހަނދާނަށް އަތުވެއްޖެ ވާހަކަ މިއާގެ ކައިރީގައި ބުނާހިތެއް އޭނާ އަދި ނެތެވެ. ޒަމީހާ ފަދައިން މިއާވެސް ނުބައި ރޭވުމެއް ރާވައި ޑްރާމާއެއް ކުޅެނުލާ ކަމެއް އެނގެނީ ކިހިނެއް ހެއްޔެވެ؟ އެރޭ ބައްޕަ ކައިވެނި އިޢުލާން ކުރި ވަގުތު މިއާގެ ލޮލުން ފެނުނު އަސަރުތަކަށްފަހު އޭނާގެ ހިތުގައި މިއާގެ މައްޗަށް އޮތް އިތުބާރުވެސް ގެއްލިއްޖެއެވެ. މިއާ އޭނާ އާއި ދޭތެރޭ ލޯބީގެ ނަޒަރަކުން ދެކުނީވެސް ކިހިނެއް ހެއްޔެވެ؟ އޭނާ ޔަޤީނުންވެސް ދެކުނީ އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ގޮތުގައެވެ.
"އައި ޖަސް ވޯނަ ގޯ." އިޔަން ބަލަހައްޓައިގެން އިނދެފައި ޖަވާބުދިނެވެ. "އެކަމަކު އެއިރުން އިޔަންގެ ސިކުނޑިއަށް....." މިއާގެ ޖުމްލަ ފުރިހަމަ ނުވެ އުޅެނިކޮށް އިޔަން އަތުން އިޝާރާތްކޮށްފައި ހުއްޓުވިއެވެ. ދުވަސްތަކަކަށްފަހު އިޔަންގެ ފުށުން ހަރުކަށި ގޮތެއް ފެނުމުން މިއާ އިންތިހާއަށް ބިރުގަންނަ ގޮތްވިއެވެ. އޭނާ ހަނދާން އެބަހުއްޓެވެ. ކައިވެނީގެ ކުރީކޮޅުވެސް އިޔަން މިފަދައިން ހަރުކަށި ކޮށް އަމަލުތައް ބެހެއްޓިއެވެ. އަނެއްކާ ފާލަން ކޮޅަށް ފުންމާލުމުން އިޔަންއަށް މާޒީގެ ކަންތައްތަކެއް ހަނދާންވީ ހެއްޔެވެ؟ މިއާގެ ހިތް ފުންމަ ފުންމައިގެން ދިޔައެވެ. ދެއަތް ފިނިވެ ގަނޑުފެންކޮޅަކަށް ވިއިރު ނިއްކުރިން ފިނި ދަލެއް ނިކުންނަން ފަށައިފިއެވެ.
ގެއަށް ދިޔައިރު މޫސުމަށް ހިސާބެއްގެ ބަދަލެއް އަތުވެއްޖެއެވެ. ވާރޭ ތުނިކޮށްލައި ވައިރޯޅި މަޑު ވެއްޖެއެވެ. އިޔަން ފުރަތަމަވެސް މާލެ ދާން ދަތުރު ހަމަޖައްސަން ފެށިއެވެ. ފެންވަރާލައިގެން ނިކުމެ ސޯޓްބުރި އާއި އެކު ފޯން ކަންފަތުގައި ޖަހާލައިގެން ކުޑަދޮރު ކައިރިއަށް ހުއްޓިލައިގެން ހުރިއިރު މިއާ އިނީ އެނދުގައި ލެޕްޓޮޕް އުނގަށް ލައިގެންނެވެ. ދޭތެރެއަކުން މިއާގެ ނަޒަރު އިޔަންގެ މޫނަށް ހުއްޓެވެ. ހޮސްޕިޓަލުގައި އޮވެފައި ހޭ އެރިއިރަށް އިޔަން މާލެ ދާން ނިންމި ސަބަބެއް އޮޅުން ފިލުވަން އޭނާ އެއިންނަނީ ނުހަނު ބޭނުންވެފައެވެ. ޔަޤީނުންވެސް ކޮންމެވެސް ކަމެއް ވެއްޖެއެވެ. އިޔަންއަށް ކޮންމެވެސް ބަދަލެއް އަތުވެއްޖެއެވެ. އެރަށަށް އައިފަހުން ފާއިތުވި ދުވަސްތަކުގައި އެއްފަހަރުވެސް އިޔަން އެނބުރި ދާ ހިޔާލެއް ނުކުރެއެވެ. ޒިޔާން އާއި ރީހާންމެންފަދަ އާ އެކުވެރިން ހޯދައިގެން ނުހަނު މަޖާ ނެގިއެވެ. މާޒީގެ ތެރެއަށް ދާން ހިޔާލު ނުކުރާ ފަދައެވެ. އެކަމަކު މިހާ އަވަހަށް އިޔަން އެމަޖާ މާހައުލު ދޫކޮށްލަން ނިންމީއެވެ.
"ހެނދުނުގެ ފްލައިޓުން މާލެ ދާން ތައްޔާރުވެގެން ހުރޭ." އިޔަން ފޯން ކަންފަތާއި ދުރުކޮށްލައިފައި އައިސް ހުއްޓި ވާހަކަދެއްކިއެވެ. މިއާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އިރުކޮޅަކުން އޭނާ ތެދުވެފައި އަލަމާރި ތެރޭގައި ހުރި ހެދުންތައް ނަގައި ފަށްޖަހަން ފަށައިފިއެވެ. އިޔަން ބޭރަށް ނިކުމެފައި ވަދެގެން އައިއިރު އަތުގައި ކޮފީ ތައްޓެއް ހުއްޓެވެ. ކޮފީތަށި އަތްފޯރާ ހިސާބުގައި ބަހައްޓައިގެން އިޔަން އަނެއްކާވެސް ކޮންމެވެސް މީހަކަށް ގުޅައިފިއެވެ. މިއާ ހެދުންތައް ފަށްޖަހައި ނިމިގެން ފޮށި ނަގަންވެގެން ގޮނޑިއެއްގެ އެހީ ހޯދަން ޖެހުނެވެ. އިޔަން ކައިރީ ކައިރީ ބުނަން ނުކެރުނީ ފޯނެއްގައި ހުރީމައެވެ. މިއާ ގޮނޑި ގެންގޮސް ކައިރިކޮށްލައިގެން ކޮޅަށް އަރާފައި އަލަމާރި މަތީ އޮތް ފޮށި ނަގަންވެގެން އަތް ފޯރުވާލެވޭތޯ އުޅުނެވެ. ގޮނޑި ތިރިވެފައި މިއާ އިސްކޮޅުން ކުރުވެ އަދި އެކަމެއް ވާގޮތެއް ނުވިއެވެ. މިއާ ވިސްނައިލަންވެގެން އިނގިލީގައި ދަތް އަޅައިލާފައި ކުއްލި އަކަށް ކޮރާލައިފި އެވެ. ފޮށީގައި އަތް ޖެހުމުން ޅަކުއްޖެއްހެން ހިނިތުން ވެލެވުނެވެ. މިއާ ކޮރައިލުމުން ގޮނޑި އޭގެ ޒާތުގައި ފަހަތަށް ޖެހިލިކަމެއް އިހްސާސްނުވެ ހުރި މިއާ ފޮށީގެ އަތްގަނޑުގައި ހިފައި ކުޑަކޮށް ދަމައިލާފައި ދެފަރާތުގައި ހިފައިފިއެވެ. ގޮނޑި ބޮޑަށް ފަހަތަށް ޖެހުނީ ފޮށި ދެއަތަށް ނެގިފަހުންނެވެ. އިރުކޮޅަކުން އަޑުފަތްގަނޑެއް އިވިގެން އިޔަން ސިހިފައި އެނބުރިލި އިރު މިއާ އޮތީ ފޮށްޓާއި އެކު ވެއްޓި ޓައިލްސް މަތީގައެވެ. ގޮނޑިވެސް އޮތެވެ.
އިޔަންގެ މެއަށް ފެންއެއްޗެއް އޮއްސައިލި ފަދައެވެ. ފޯން އެނދުމައްޗަށް އެއްލާފައި ބާރު ބާރަށް އެދިމާއަށް ދެވުނެވެ. "މިއާ. ކީއްތިކުރީ؟ އަހަރެން ކައިރީ ބުނެލިނަމަ ފޮށިނަގަން." އިޔަން އައިސް އަތުގައި ހިފައި ތެދުވަން އެހީތެރިވެ ދިނުމުން މިއާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. އިޔަން ހީކުރީ ކޮންމެވެސް ތަނަކަށް އަނިޔާވީ ކަމަށެވެ. "ކޮންތާކަށް ތަދުވީ؟" އިޔަން އެއަތުން ދޫކޮށްލީ އެނދާއި ހަމައަށް ގެންގޮސް ބައިންދާފައެވެ. "ތަދެއް ނުވޭ." މިއާ އެއީ ކަމަކަށް ނުހެދިއެވެ. ލޯ ފުހެލައިފައި އަވަހަށް ހިނިތުންވެލައިފިއެވެ. "އޯކޭ." އިޔަން ފޮށި ގެނެސް ހުޅުވާފައި އެނދުމަތީ ބާއްވައިލުމުން މިއާ އަވަހަށް ފަށްޖަހާފައިވާ އެއްޗެހި އަޅަން ފެށިއެވެ. އިޔަން ފަހަތަށް ޖެހިލާފައި ކޮފީތަށި ނަގައިގެން ހުރީ ކުޑަދޮރުގައި ލެނގިލައިގެންނެވެ. މިއާ ހިމޭންކަމާއި އެކު ފޮށި ބަންދު ކޮށް ނިންމާފައި ނިދަން އޮށޯތްއިރުވެސް އިޔަން ހުއްޓެވެ.
މިއާ ނިދިކަން ޔަޤީން ވުމުން އިޔަން ލެޕްޓޮޕް ނަގައިގެން ނިކުމެލީ ސިޓިންރޫމަށެވެ. ބޮކީގެ އަލިފަނޑު ކޮށްލައިގެން ސޯފާގައި އޭނާ ހަމަޖެހިލިއެވެ. އިޔަން ފޭސްބުކަށް ވަދެގެން ދެހާސް އެގާރައިގެ ޕޯސްޓްތައް ޗެކްކުރަން ބެލިއިރު އެއަހަރުގައި އޭނާ އެއްވެސް ޕޯސްޓެއް ކޮށްފައެއް ނެތެވެ. ކުޑަމިނުން ސްޓޭޓަސްއެއްވެސް ނެތްމެއެވެ. ހައިރާންވެފައި އިޔަންއަށް އިނދެވުނެވެ. ޖީމެއިލް އެކައުންޓްވެސް ޗެކްކޮށްލެވުނެވެ. އިޔަން ހައިރާންވީ ލެޕްޓޮޕްގައިވެސް ޒޯހާގެ އެންމެ ފޮޓޯއެއްވެސް ނެތީމައެވެ. މިއާ ހުރިހާ އެއްޗެއް ޑިލީޓް ކުރީ ހެއްޔެވެ؟ އެހެންވިއަސް އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓާއި ޖީމެއިލް އެކައުންޓަށް މިއާގެ ބާރެއް ނުފޯރާނެއެވެ. އިޔަންގެ ފަހު އުންމީދު ގުޅިގެން ދިޔައީ މާލެއާއެވެ. މާލެ ދިއުމުން އޭނާއަށް ކޮންމެވެސް މަގެއް ހުޅުވޭނެއެވެ. ކޮންމެވެސް ގޮތަކުން އެ ދެއަހަރު ވީ ގޮތް އޮޅުންފިލާނެއެވެ.
ހެނދުނު ހަތެއްގެ ފްލައިޓުން އިޔަންމެން ފުރައިފިއެވެ. އެކަން އެނގުނު ވަގުތުން ޝާފިޔާ މީރު ކާއެއްޗެހީގެ ލިސްޓެއް ހަދާފައި ގެންގޮސް ނޯކަރުންނާއި ހަވާލު ކުރިއެވެ. ހަމީދުވެސް އޮފީހުން ވަގުތު ހޯދައިގެން އަވަހަށް ގެއަށް އައެވެ. ކާރު އައިސް މަޑުކޮށްލިއިރު ނަޝީދު އާއި ޒަމީހާވެސް ސިޓިންރޫމަށް ނިކުމެ ހަމީދުމެނާއި ބައިވެރިވެގެން އިސްތިޤްބާލުގައި ތިއްބެވެ. އިޔަން އެންމެ ކުރިން ކާރުން ފައިބައިގެން އައިސް އެތެރެއަށް ވަނުމުން ޝާފިޔާ ހިނިތުންވެފައި ދަތުރު މަޖާތޯ އެހިއެވެ. މިއާ ފަހަތުން ވަދެފައި ދެއަތް ދެއަތާއި ގުޅުވާލައިގެން ހުރުމުން ޒަމީހާގެ ނަޒަރު އެހާ އަވަހަށްވެސް އެމޫނަށް ހުއްޓޭގޮތް ވިއެވެ. ޒަމީހާ ތެދުވެފައި މިއާގެ އަތުގައި ހިފައިގެން ގެންގޮސް ސޯފާގައި ބެއިންދިއެވެ. "ދަތުރު މަޖާ." އިޔަން ހިނިތުންވެފައި އައިސް އިށީންދެލީ ބައްޕަގެ ކުރިމަތީގައެވެ. އެންމެން ވާހަކަ ދައްކައިލަން ކުޑައިރުކޮޅަކު ތިބެފައި ހުއްދަ ލިބުމުން އިޔަންމެން ކޮޓަރިއަށް ދިޔައެވެ. މިއާ ފާޚާނާއަށް ވަނުމުން އެވަގުތުކޮޅުވެސް އިޔަން ކޮޓަރީގެ އެތަން މިތަން ހޯދިއެވެ. މޯޑު މަތިން އިޔަން ހަނދާންވީ އެހެން އުޅެނިކޮށެވެ. ފޯނުން ނަންބަރ ހޯދައިގެން ގުޅައިލިއިރު ބުނަނީ ބޭނުން ކުރެވޭ ނަންބަރެއް ނޫންކަމުގައެވެ.
އިޔަން މެންދުރެއްހާއިރު ގެއިން ނިކުމެފައި މިސްރާބު ޖެހީ މޯޑު އުޅޭ ގެއަށެވެ. މޯޑު އަންހެނުންނާއި ދަރިފުޅާއެކު އޮސްޓްރޭލިޔާއަށް ދިރިއުޅުން ބަދަލު ކުރި ވާހަކަ ބުނުމުން އިޔަން ހައިރާންވިއެވެ. ގުޅޭނެ ނަންބަރެއް ދޭން އެދިގެން އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އެގޭގައި ކުއްޔަށް އުޅޭ މީހުންނަށް މޯޑު އާއި ބެހޭގޮތުން މާބޮޑު އެއްޗެއް ނޭނގެއެވެ.
އިޔަން ވަރަށް ވިސްނާފައި ޒޯހާގެ ގެއަށްވެސް ދިޔައެވެ. ޒޯހާގެ ދައްތަ ނިޝާއަށް އިޔަން ފެނިގެން މޫނުމައްޗަށް ދޮރު ޖަހާފައި ވަންގޮތަށް މޫނު ދައްކައެއް ނުލިއެވެ. އެމޫނުގައި ވި ރުޅިވެރިކަން އިޔަންއަށް އަންގައިދިން އެއްޗަކީ ފާއިތުވި ދެއަހަރު އޭނާއަށް ކޮންމެވެސް ކަމެއް ގޯސްކޮށް ކުރެވިފައި ވާކަމެވެ. އެކަމަކު ކޮންކަމެއް ހެއްޔެވެ؟ އޭނާ ޒޯހާއަށް ބޭވަފާތެރިވީ ހެއްޔެވެ؟ އޭނާ މިއާގެ ފިރިއަކަށް ވީ ޒޯހާ ދޫކޮށްލައިފައި ހެއްޔެވެ؟ ނޫނީ ޒޯހާ އޭނާގެ އެދުމަށް އިޖާބަ ނުދިނުމުން ބައްޕަގެ ބަސް ޤަބޫލު ކޮށްފައި މިއާ އާއި އޭނާ ކައިވެނި ކުރީ ހެއްޔެވެ؟ އެހެން ކަންތައް ވި ކަމުގައި ވާނަމަ ނިޝާ އޭނާދެކެ ރުޅި އަތުވެދާނެ ބާވައެވެ؟ ނޫނެކެވެ. ހިނގައިގެން އުޅެނީ ކޮންމެވެސް އެހެން ކަންތައްގަނޑެކެވެ. އިޔަން ހިޔާލުތަކެއްގައި ހުރެގެން އެނބުރި ގެއަށް ގޮސް ވަންއިރު ޝާފިޔާ ކުރާގަނޑެއް ހިފައިގެން ފިނިފެންމާ ގަހަކަށް ފެންދޭން ހުރީ ގޯތިތެރޭގައެވެ.
"މަންމަ އަހަރެން ވާހަކައެއް އެހިއްޔާ ތެދަށް ޖަވާބު ދޭނަންތަ؟" އިޔަން ގެ ސުވާލުން ޝާފިޔާ ސިހުނުކަން މޫނުން އެނގުނެވެ. "ކޮންވާހަކައެއްތަ. އަހައިބަލަ!" ޝާފިޔާ ދިނީ އިޔަން ބޭނުންވި ޖަވާބެއް ނޫނެވެ. "ފުރަތަމަ މަންމަ އަހަންނަށް ތެދަށް ޖަވާބު ދޭނަންތަ؟" އިޔަން ތަކުރާރު ކޮށްލިއެވެ. "ފަހުން." ޝާފިޔާ ބަލަހައްޓައިގެން ހުރެފައި ކުއްލިއަކަށް ގެއަށް ވަންނަން ހިނގައިގަތުމުން އިޔަން ހައިރާންވިއެވެ. އިޔަން އެނބުރިލި އިރު ޒަމީހާ އެދިމާއަށް ބަލަން ކޮޓަރީގެ ކުޑަދޮރު ހުޅުވައިގެން ހުއްޓާ ފެނުނެވެ. މަންމަ އެދިޔައީ ޒަމީހާ ފެނިގެން ހެއްޔެވެ؟ ޖަވާބު ދިންއިރު މަންމަގެ އަޑުގައިވި ސިހުން އިޔަންއަށް އަންގައިދިން އެއްޗަކީ ކޮންމެވެސް ކަމެއް ސިއްރު ކުރާ ކަމެވެ. އިޔަން ނިންމީ އެކަހެރި ކޮށް މަންމަ އާއި ބައްދަލު ކޮށްގެން ވާހަކަ ދައްކައިލުމަށެވެ.
އިޔަން ބޭނުންވި ފަދަ ފުރުސަތެއް ލިބުނީ އެރޭ ވަރަށް ދަންވާން ކައިރިވެފައި ހުއްޓައެވެ. މިއާ ނިދިފަހުން ކޮންމެވެސް މީހަކު ޓަކި ޖަހައިލުމުން ދިޔައިރު މަންމަ ފެންޖަގެއް ހިފައިގެން އައިސް ހުރީ ދޮރު ކައިރީގައެވެ. "ކޮބާ ބައްޕަ؟" އިޔަން ފެންޖަގުގައި ހިފާފައި ސުވާލު ކޮށްލިއެވެ. "ބައްޕަ ނިދަން އެބައޮތް." ޝާފިޔާ ޖަވާބުދިނެވެ. "މަންމަވެސް ނިދަންތަ ތިއުޅެނީ؟" އިޔަންއަށް އަހައިލެވުނެވެ. "ކިހިނެއްވީ؟" ޝާފިޔާއަށް އިޔަންގެ ލޮލުން އެހެން ކުލައެއް ފެނުނުހެން ހީވިއެވެ. "އަހަރެން މަންމަ އާއި ވާހަކަ ދައްކަން ބޭނުންވެގެން." އިޔަން ބުނެލިއެވެ. "ހިނގާ ބޭރަށް." ޝާފިޔާ އެނބުރި ހިގައިގަތުމުން އިޔަން ފެންޖަގު ބަހައްޓާފައި ޓީޝާޓެއް ބޮލަށް މަހާލައިގެން ނިކުމެއްޖެއެވެ. ސިޓިންރޫމް ބޮކި އަލި ފަނޑުކޮށްލާފައި އޮތްއިރު އިތުރު އެކަކުވެސް ފެންނާކަށް ނެތެވެ. ބަދިގެ އިން އަލިކަން ފެނިގެން އިޔަން ދިޔައިރު ޝާފިޔާ އުޅެއެވެ. "އިޔަން ގޮސް ގޮނޑިއެއް ދަމާލައިފައި އިށީންތަނާ ޝާފިޔާ ދެކޮފީތަށި ހަދާފައި އެއްތަށި އިޔަންއަށް ދިނެވެ.
"މަންމާ އަހަރެން ބައެއް ކަންތައްތައް ހަނދާންވެއްޖެ." އިޔަން ކޮފީތަށީގެ ދެފަރާތުން ހިފައިލަމުން ވާހަކަދެއްކިއެވެ. އެއަޑަށް ޝާފިޔާ ސިހިފައި އަވަހަށް އައިސް ކުރިމަތީ ހުރި އަނެއް ގޮނޑީގައި އިށީންދެއްޖެއެވެ. "އެކަމަކު އަހަރެން ބޭނުމެއް ނޫން މިކަން އަދި އެހެން މީހަކަށް އެނގޭކަށް. އެއީ އަހަރެންނަށް އަދިވެސް އޮޅުން ނުފިލާ ހުރި ކަންތައްތަކެއް ހުރީމަ. އެކަމަކު މަންމައަށް އަހަރެން އިތުބާރު ކުރަން." އިޔަންގެ މޭޒުމަތީ އޮތް ޝާފިޔާގެ އަތްތިލައިގައި ހިފައިލިއެވެ. "ރަނގަޅު." ޝާފިޔާގެ އެޖަވާބު އިޔަންއަށް ކަމުދިޔައެވެ. "މަންމައަށް ހަނދާން އެބަހުރިތަ ޒޯހާ؟" އިޔަން ވިސްނައިލާފައި ފުރަތަމަ ކޮށްލީ އެސުވާލެވެ. "ވަރަށް ރަނގަޅަށް ހަނދާން އެބަހުރި." ޝާފިޔާގެ ލޮލުން މޮޅިވެރިކަން ފެނުނެވެ. "ކޮބާ ޒޯހާ މިހާރު؟" އިޔަންގެ އެސުވާލުން ޝާފިޔާއަށް ތުންފަތުގައި ދަތް އަޅައިލަން މަޖުބޫރުވިއެވެ. "މަންމާ އަހަރެން މިހާރު އެންމެ އޮޅުންފިލުވަން ބޭނުމީ ޒޯހާ ވީތަނެއް. އެހެންވިއްޔާ މަންމަ ބުނެބަލަ އަހަރެން ޒޯހާ ގޮވައިގެން ރާއްޖެއިން ބޭރަށް ދިޔަތަ؟ ހަނދާން އެބަހުރި އޭނާ ގޮވައިގެން ދާން އުޅުނުކަން. އެކަމަކު ދެން ވީގޮތެއް ހަނދާން ނުވެގެން މިއުޅެނީ؟ އަހަރެން މިއާ އާއި ކައިވެނި ކުރީ ކޮންއިރަކު؟ އެހެންވިއްޔާ މަންމަ އަތުގައި ނެތްތަ އަހަރެން ފާއިތުވި ދެއަހަރު ހަދާން އާ ކުރަން އެހީވެދޭނެ އެއްވެސް އެއްޗެއް؟ ފޮޓޯއެއް ނޫނީ ލިއުމެއް ނަމަވެސް. އެދުވަސްވަރު އަހަރެން ކުރި ކަންކަން އިނގޭ އެކައްޗެއްވެސް ނެތްތަ؟" އިޔަންގެ ސުވާލު ތަކުން ޝާފިޔާ އިނީ ވާހަކަދައްކަން އުދަނގޫވެފައެވެ. ވިސްނަން އިދެފައި ކުއްލިއަކަށް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ތެދުވެގެން ހިނގައިގަތީ އެނބުރި އަންނާނެ ވާހަކަ ބުނެފައެވެ.
އިޔަން ހިމޭން ކަމާއިއެކު ކޮފީ ބޯން އިންދައި އިރުކޮޅަކުން ޝާފިޔާ އައިސް ވަދެފައި ދިއްކޮށްލީ ސިޓީ އުރައެކެވެ. "މީ އިޔަންގެ އެއްޗެއް. ކޮންމެވެސް މީހަކު އަންދައިލަން އުޅެނިކޮށް ފެނިގެން މަންމަ ސިއްރުން ފޮރުވީ." ޒަމީހާގެ ވާހަކައިން އިޔަންގެ ޝައުޤުވެރިކަން އިތުރުވިއެވެ. އެ ލިބުމުން އަންދާލަން އުޅުނީ ކާކުތޯ އަހައިލުންވެސް މުހިންމެއް ނުވިއެވެ. އިޔަން އެހިސާބުން ކޮފީ ބޯހިތްވެސް ކެނޑިގެން އަވަހަށް ކޮޓަރިއަށް ދިޔައެވެ. ގަދައަށް ނިދިފައި އޮތް މިއާގެ މޫނަށް ބަލައިލާފައި އޭނާ ލިޔާމޭޒު ކައިރީ އިށީންދެ ޓޭބަލް ލޭމްޕް ދިއްލާލައިފައި ސިޓީއުރަ ހުޅުވައިލިއެވެ.
(ނުނިމޭ)