28 Jul 2013, 00:38
މިއަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ރިޔާސީ އިންތިހާބު ސުލްހަވެރިކަމާއި އަމާން އޮމާންކަމާ އެކު ނިމިގެންދިއުމަށް ވުރެ އުފާވާނެ އެހެން ކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކޮށްލެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ބޭނުން ވަނީ އިންތިހާބު ކާމިޔާބުކުރެއްވުން ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ވިސްނާލައްވާ އިރު، އިންތިހާބު އަމާން އޮމާންކަމާ އެކު ނިމިގެންދިއުމަށް ވުރެ އުފާ ވާނެ އެހެން ކަމެއް ނޯންނާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
"ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ބޭނުން ވަނީ އިންތިހާބު ކާމިޔާބުކުރަން. ނަމަވެސް އަޅުގަނޑުގެ ސަރުކާރަށް އެންމެ މުހިއްމު ކަމަކީ ރިޔާސީ އިންތިހާބަކީ ޑެމޮކްރަޓިކް އުސޫލުތަކާ އެއްގޮތަށް ހުރިހާ އެންމެންގެ އަޑުތައް ވެސް އިވިގެންދާ އިންތިހާބަކަށް ވެގެން ދިއުން. އެއަށް ވުރެ އަޅުގަނޑު އުފާވާނެ އެހެން ކަމެއް ނޯންނާނެ،" ރައީސް ވަހީދު ވިދާޅުވި އެވެ.
ސަރުކާރުގެ ވަޒީރުންނާއި ބޭރު ގައުމުތަކުގެ ސަފީރުންނާއި އިއްޒަތްތެރިން އަދި މީގެ ކުރިން ދައުލަތަށް ހިދުމަތްކޮށްދެއްވި ބޭފުޅުން ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި ރައީސް ވަހީދު ވިދާޅުވީ ބައްދަލުވުމަށް ވަޑައިގެން ތިއްބެވި ގިނަ ބޭފުޅުންނަކީ އިންތިހާބުގައި ކޮންމެވެސް ރޯލެއް ކުޅުއްވާނެ ބޭފުޅުން ކަމަށެވެ.
"މިތާގައި ތިއްބެވި ގިނަ ބޭފުޅުން އިންތިހާބުގައި އެކި ގޮތް ގޮތުން ބައިވެރިވާނެކަން އަޅުގަނޑަށް އެނގޭ. އިންތިހާބާ ގާތްވަމުން އަންނަވަރަކަށް އަޅުގަނޑުމެން ތިޔަ ބޭފުޅުންގެ ހިޔާލުތައް ބޭނުންވޭ. އެއީ އިސްލާމީ ގައުމެއްގައި ކުރިއަށްދާ ޑެމޮކްރަޓިކް އިންތިހާބެއް އޮންނާނެ ގޮތް ދުނިޔެއަށް ދައްކާލުމަށް ޓަކައި،" ރައީސް ވިދާޅުވި އެވެ.
މިރޭގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ގައުމީ ދާރުލްއާސާރުގަ އެވެ. ދާރުލްއާސާރުގައި މިބައްދަލުވުން ބޭއްވުމުގެ ސަބަބުން އެތާނގައި ހުރި ގައުމީ ތަރިކަތަކަށް ގެއްލުން ލިބިދާނެތީވެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، ރައީސް ވަހީދުގެ ވާހަކަފުޅުގައި ވަނީ އެކަމަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ.
ރައީސް ވަހީދު ވިދާޅުވީ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ދާރުލްއާސާރު ހިޔާރުކުރެއްވި އިރު، އެކަމުގެ ސަބަބުން ދާރުލްއާސާރުގައި ހުރި ތަކެއްޗަށް ގެއްލުން ނުވާނެ ކަން ޔަގީންކޮށްފައިވާނެ ކަމަށާއި އެތާނގައި ހުރި ގައުމީ ތަރިކަތަކަށް ގެއްލުމެއް ލިބޭނެ ކަމެއް ސަރުކާރުން ނުކުރައްވާނެ ކަމަށެވެ.