28 Jul 2013, 00:31
ފުލުހުން ތަހުގީގު ކުރަމުންދާ މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސައެއްގެ ތަހުގީގަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހްމަދު ސަލީމް (މާޒް ސަލީމް) ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މާޒް ސަލީމް މިރޭ 9:00ގައި ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެކަމާ ބެހޭ ގޮތުން މާޒް ސަލީމް މިރޭ ވިދާޅުވީ ހާދިސާ ހިނގިތާ އެތަކެއް ދުވަސް ފަހުން މިރޭ ފުރަތަމަ ފަހަރަށް އޭނާ ފުލުސް އޮފީހަށް ހާޒިރު ކުރުމުން ކަންހިނގައި ދިޔަ ގޮތް ފުލުހުންނަށް ކިޔައިދީފައިވާނެ ކަމަށެވެ.
"މި ހާދިސާ ހިނގިތާ އެތަކެއް ދުވަސް ފާއިތުވެގެންދިޔަ ފަހުން މިރޭ ފުރަތަމަ ފަހަރަށް އަޅުގަނޑު ފުލުސް އޮފީހަށް މި ހާޒިރު ކުރީ. އަޅުގަނޑާ ފުލުހުން ކުރި ސުވާލަކީ އެކަން ހިނގައިދިޔަ ގޮތަކީ ކޮބައިތޯ. ދެން އަޅުގަނޑު ކަންހިނގައިދިޔަ ގޮތް ފުލުހުންނަށް ކިޔައިދިނިން. އަޅުގަނޑު އެއްވެސް ގޮތަކަށް ހަނު ނުހުންނަން ރަނގަޅަށް ކަންހިނގައިދިޔަ ގޮތް ކިޔައިދިނިން،" މާޒް ސަލީމް ވިދާޅުވި އެވެ.
ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާޒް ސަލީމް އޭނާގެ އައިޕެޑު ވަގަށް ނެގި މައްސަލައާ ގުޅިގެން އެ ދޯންޏަށް އަރައި އައިޕެޑު އޮތްތަނަށް ގޮސް އައިޕެޑު ހޯދުމަށް ފަހު އިތުރު ބަޔަކާއި ބައިވެރިވެގެން އެ ދޯނީގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގި ކަމަށެވެ.
އެކަމާ ބެހޭ ގޮތުން މާޒް ސަލީމް ވިދާޅުވީ ތަހުގީގުގައި އޭނާއާ ސުވާލެއް ކުރުމެއް ނެތި އެފަދަ ބަޔާނެއް ނެރެފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދޯންޏެއް ރަހީނުކޮށް އެ ދޯނީގައި ތިބި މީހުންނާ މެދު އޭނާ މާރާމާރީ ހިންގި ކަމަށް ބުނާއިރު އެ ދޯންޏަށް އޭނާ އެރީ ދެ ފުލުހުންނާ އެކު ކަމަށެވެ.
"އަޅުގަނޑު ދޯންޏެއް ރަހީނު ކުރި ކަމަށް ބުނާ އިރު އެ ދޯންޏަށް އަޅުގަނޑު އެރީ ދެ ފުލުހުންނާ އެކު. އެހެންވީމަ މިޔަށް ކިޔޭނެތޯ ރަހީނު ކުރުމޭ. އަޅުގަނޑު މާރާމާރީ ހިންގި ކަމަށާއި ދޯންޏެއް ރަހީނު ކުރިކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް،" މާޒް ސަލީމް ވިދާޅުވި އެވެ.
ފުލުހުން ކުރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މާޒް ސަލީމް މާރާމާރީ ހިންގި ކަމަށް އެ ދޯނީގައި ތިބި މީހުން ތަހުގީގަށް މައުލޫމާތު ދީފައިވާ ކަމަށެވެ.