28 Jul 2013, 00:05
ޤާހިރާ (ޖުލައި 27): މަޤާމުން ދުރުކުރެވިފައިވާ މިޞްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރްސީ ޤާހިރާގެ ތުއްރާ ޖަލުގައި ހައްޔަރުކުރެވިފައިވާ ކަމަށް ލަފާކުރެއްވޭ ކަމަށް މިސްރުގެ ދާޚިލީ ވަޒީރު މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މުޙައްމަދު އިބްރާހީމް ވިދާޅުވީ މުރްސީ ވެސް މިހާރު ހުންނެވީ މިސްރުގެ ކުރީގެ ރައީސް މުހައްމަދު ޙުސްނީ މުބާރަކް ހައްޔަރުކޮށްފައިވާ ޤާހިރާގެ ތުއްރާ ޖަލުގައި ކަމަށް ބެލެވޭކަމުގަ އެވެ. ނަމަވެސް އިތުރު މަޢްލޫމާތެއް އޭނާ ނުދެއްވަ އެވެ. މިސްރުގެ ވެރިކަން ފަރުދާގެ އަނެއް ފަރާތުން ކުރައްވަމުން ގެންދަވަނީ ސިފައިންގެ ވެރިޔާ އަދި ދިފާޢީ ވަޒީރު ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ އެވެ. މުރުސީ ވެރިކަމުން ދުރުކުރުމަށް ފަހު މުރުސީ ހައްޔަރުކޮށްގެން ވެސް އުޅެނީ މިސްރުގެ ސިފައިންކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަނެއްކޮޅުން މުރުސީ އަލުން ވެރިކަމަށް އިޢާދަކުރުމަށް ގޮވާލައި އޭނާ އަށް ތާއީދުކުރާ ފަރާތްތަކުން ޤާހިރާގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނުގައާއި ނަހްޒާ މައިދާނުގައިކުރަމުން ގެންދާ މުޒާހަރާތަކަށް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން އިއްޔެ އާއި މިއަދު މަރުވި މީހުންގެ އަދަދު މިހާރުވަނީ 100 އަށް ވުރެ އިތުރުވެފަ އެވެ. ބަޑިގެ އުންޑައިން ޒަޚަމްމަރުވި މީހުންގެ އަދަދު އެތައް ސަތޭކައަކަށް އަރާ ކަމަށާއި ބަޑިޖެހުމުގެ ސަބަބުން މަރުވި 100 އެއްހާ މީހުންގެ ތެރެއިން 95 މީހުން ނިސްބަތްވަނީ ޑރ. މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާޢަތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މުރުސީ އަށް ތާއީދުކޮށް މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް މިސްރުގެ ސަލާމަތީ ބާރުތަކުން މިހަ ވަރުގަދައަށް ބާރުގެ ބޭނުން ކުރަން ފެށުމުން ދުނިޔޭގެ ބައެއް ގައުމުތަކުންނާއި ބައެއް ޖަމާއަތްތަކުންވަނީ އެކަން ކުށްވެރިކުރަން ފަށާފަ އެވެ. މިގޮތުން އިނގިރޭސިވިލާތާއި އދ. އާއި ތުރުކީ ފަދަ ގައުމުތަކުން ވަނީ މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް މިސްރުގެސަލާމަތީ ފަރާތްތަކުން މިހާބޮޑަށް ބާރުގެ ބޭނުންކުރުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށް ބުނެފަ އެވެ. ސަލާމަތީ ބާރުތަކުގެ މިޙަމަލާތަކާ ގުޅިގެން މިސްރުގެ ބައެއް ޖަމާއަތްތަކުން ވަނީ ދާޚިލީ ވަޒީރު މުހައްމަދު އިބްރާހީމް އާއި ސިފައިންގެ ވެރިޔާ އަދި ދިފާޢީ ވަޒީރު ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ މަޤާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ.
އަނެއްކޮޅުން މުރުސީއާ އިދިކޮޅު ފަރާތްތަކުން ގެންދަނީ ޤަހިރާއާއި މިސްރުގެ ބޮޑެތި ބައެއް ސިޓީތަކުގައި ސިފައިންނަށް ތާއީދުކޮށް މުޒާހަރާތައް ކުރަމުންނެވެ. މިމުޒާހަރާތައް ކުރަން ފަށާފައި މިވަނީ މިސްރުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމުގެ ބާރު ސިފައިންނަށް ލިބިދިނުމުގެ ގޮތުން މިލިޔަނުން މަގުތަކަށް އެއްވުމަށް މިސްރުގެ ސިފައިންގެ ވެރިޔާ އަދި ދިފާޢީ ވަޒީރު ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ ގޮވާލެއްވުމާ ގުޅިގެންނެވެ. ޖެނެރަލް އައްސީސީގެ މިގޮވާލެއްވުމަކީ މިސްރު ދާޚިލީ ހަނގުރާމައަކަށް ވައްޓާލުމުގެ ގޮވާލެއްވުމެއް ކަމަށް މުރުސީގެ އިޚްވާން ޖަމާއަތުންވަނީ ސިފަކޮށްފަ އެވެ. (އަލްޖަޒީރާ)