27 Jul 2013, 23:50
ހޮންކޮންގުގައި ކުރިއަށްގެންދިޔަ ބާކްލޭސް އޭޝިޔާ ޓްރޮފީގެ ފައިނަލްގައި 1-0ން ސަންޑަލޭންޑް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ ހޯދައިފި އެވެ.
ޕްރިމިއާ ލީގުގެ ޓީމުތައް އޭޝިޔާއަށް ކުރާ ޕްރިސީޒަން ޓުއާތަކާ ދިމާކޮށް ކޮންމެ ދެއަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ އެ މުބާރާތުގައި ވާދަކުރަނީ މުބާރާތް ބާއްވާގައުމުން އެއް ޓީމް އަދި، ޕްރިމިއާ ލީގުގެ ތިން ޓީމެވެ. އެގޮތުން މިމަހުގެ 24އިން 27އަށް ހޮންކޮންގުގައި ބޭއްވި މުބާރާތުގައި ވާދަކޮށްފައިވަނީ، ސިޓީ، ސަންޑަލޭންޑް، ޓޮޓެންހަމް ހޮޓްސްޕާ އަދި ހޮންކޮންގެ ސައުތު ޗައިނާއެވެ.
ހޮންކޮންގެ ހޮންކޮންގު ސްޓޭޑިއަމްގައި ކުޅުނު ފައިނަލްމެޗުގައި ކާމިޔާބުކުރި ހަމަ އެކަނި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ، އެ ކްލަބްގެ ބޮސްނިއާ ފޯވަޑް އެޑިން ޒެކޯއެވެ.
އެފްއޭ ޕްރިމިއާ ލީގު އޭޝިއާ ކަޕްގެ ނަމުގައި 2003 ވަނަ އަހަރު ފެށި މުބާރާތް ބޭއްވޭތާ މިހާރުމީ ހަ ވަނަ ފަހަރެވެ. އެގޮތުން އެ މުބާރާތުގައި މިހާތަނަށް އެންމެ ކާމިޔާބު ކުލަބަކީ، މުބާރާތުގެ ފުރަތަމަ އަހަރާއި އަދި 2011 ވަނަ އަހަރުގެ ޗެމްޕިއަން ޗެލްސީ އެވެ. ދެން އެ މުބާރާތް ކާމިޔާބު ކޮށްފައިވަނީ، ބޮލްޓަން ވޮންޑަރާސް، ޕޯޓްސްމައުތު، ޓޮޓެންހަމް އަދި މިފަހަރު ސިޓީ އެވެ.
ސައުތު ޗައިނާއާ ވާދަކޮށް 6-0ން މެޗު ކާމިޔާބު ކޮށްގެން މުބާރާތުގެ ތިންވަނަ ހޯދީ ޓޮޓެންހަމް ހޮޓްސްޕާއެވެ.