ދައުލަތުގެ ބަޖެޓުން ދަނޑުވެރިންނަށް ދޭން މިއަހަރު ކަނޑައެޅި ސަބްސިޑީ ހޯދަން އެދޭ ފަރާތްތަކުގެ ތަރުހީބު ވަރަށް ކުޑަ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރުގެ ނައިބު އަލީ ސޯލިހު މިއަދު ވިދާޅުވީ ދަނޑުވެރިންގެ ސަބްސިޑީ ދިނުމުގެ ކުރިން ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"ދަފުތަރު އެކުލަވާލަން މިދިޔަ މަހުގެ 11ން މިމަހުގެ 18އަށް ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ތަރުހީބެއް ނުލިބިގެން މުއްދަތު ވަނީ އަނެއްކާ ވެސް މިމަހުގެ ނިޔަލަށް އިތުރުކޮށްފައި. އެކަމަކު މިހާތަނަށް ލިބިފައި ވަނީ 5،400 ފޯމް. އެއީ ނިސްބަތުން މަދު އަދަދެއް،" އޭނާ ވިދާޅުވި އެވެ.

އަލީ ސޯލިހު ވިދާޅުވީ ދަނޑުވެރިންގެ ދަފުތަރުގައި ހިމެނުމަށް މިހާތަނަށް ފޯމް ލިބިފައި ވަނީ 81 ރަށަކުން ކަމަށެވެ. ނަމަވެސް 118 ރަށަކުން އަދިވެސް ފޯމް ނުލިބި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަމަށް ލިބޭ ތަރުހީބުކުޑަވެފައި ވަނީ ރަށު ކައުންސިލްތަކުން ލިބެން ޖެހޭ އެއްބާރުލުން އެކަށީގެންވާ މިންވަރަށް ނުލިބޭތީ. އަޅުގަނޑުމެންނަށް މިކަން ފުރިހަމަކުރެވެން އޮތީ ކައުންސިލްތަކުގެ އެއްބާރުލުން ލިބިގެން،" އޭނާ ވިދާޅުވި އެވެ.

ދަނޑުވެރިންގެ ސަބްސިޑީގެ ގޮތުގައި ދިނުމަށް މިއަހަރުގެ ބަޖެޓްގައި ހިނާފައި ވަނީ 50 މިލިއަން ރުފިޔާ އެވެ.