27 Jul 2013, 22:58
ރައީސް ޑރ މުހައްމަދު ވަހީދުގެ ސަރުކާރެއްގައި ތެލެސީމިއާ ކުދިންނަށް އާ ތެލެސީމިއާ ސެންޓަރެއް ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ވަހީދުގެ ރަނިންމޭޓް އަދި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ގައުމައިގެން ކުރިއަށް ކޯލިޝަންގެ ފަރާތުން މިރޭ ތެލެސީމިއާ ސެންޓަރުގައި ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ ޕްރޮގުރާމް ފައްޓަވައި ދެއްވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތަސްމީން ވިދާޅުވީ އެ ކޯލިޝަންގެ ސަރުކާރެއްގައި ލޭ އަޅާ ކުދިންނަށް ހާއްސަކޮށްގެން އަލަށް ސެންޓަރެއް ގާއިމް ކުރާއިރު އެ ސެންޓަރުގައި އެ ކުދިންނަށް ބޭނުންވާ ހުރިހައި ހިދުމަތްތަކެއް ފުރިހަމައަށް ގާއިމް ކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ގައުމާއިގެން ކުރިއަށް ކޯލިޝަންގެ ސަރުކާރެއްގައި ތެލެސީމިޔާ ކުދިންނަށް އާ ތެލެސީމިއާ ސެންޓަރެއް ގާއިމް ކޮށްދޭނަން. އެ ސެންޓަރުގައި ތެލެސީމިއާ ކުދިންނަށް ބޭނުން ވާނެ ހުރިހާ ސާމާނު ތަކެއް އަދި ހުރިހާ ހިދުމަތްތަކެއް އެންމެ ފުރިހަމައަށް ލިބޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުދެން،" ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ގައިމާއިގެން ކުރިއަސް ކޯލިޝަންގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ކަމުގެ މުހިންމުކަން މީހުންނަށް އަންގައިދީ އެކަމަށް ރައްޔިތުން ހޭޢލުންތެރި ކުރުވުން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ލޭ ހަދިޔާ ކުރާ ނިސްބަތް ވަރަށް މަދު ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ ބްލަޑް ރިޒާވް ވަރަށް ދައްކަމަށެވެ.
ތަސްމީން އިތުރަށް ވިދާޅުވީ އެ ކޯލިޝަންގެ ސަރުކާރެއްގައި މިހާރު އަމަލު ކުރަމުންދާ ތެލެސީމިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނޫ ފުރިހަމައަށް ތަންފީޒް ކުރާނެ ކަމަށާއި އެކަމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.