މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ރައީސަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ވޯޓު އެއްވަރުވުމުން އެ އިންތިހާބު އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

ވޯޓު އެއްވަރުވީ އެ އިންތިހާބުގައި މިއަދު ވާދަކުރެއްވި ކައުންސިލް މެންބަރު މ. އަލިމަސްވާދީ އަބްދުﷲ ޝިނާނާއި ކައުންސިލްގެ ނާއިބު ރައީސް ޅ. ހިންނަވަރު، ހިރިގާ ހުޝާމް މުހައްމަދުގެ މެދުގަ އެވެ.

އެމްއެމްސީ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މިއަދު ވޯޓު އެއްވަރުވުމުން ދެން ވޯޓު ލާނެ ދުވަހެއް ފަހުން ކަނޑައަޅާނެ ކަމަށެވެ.

މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވީ އެ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އިބްރާހީމް ހަލީލު އިސްތިއުފާ ދެއްވުމުންނެވެ.