އެމްޑީޕީގެ ހާރިޖީ ސިޔާސަތު މިއަދު އިފްތިތާހު ކޮށްފި އެވެ.

މާލޭ ސިޓީ ހޯލްގައި މިއަދު ހަވީރު 4:30 އެހައިކަންހާއިރު ބޭއްވި ރަސްމިއްޔާތެއްގައި އެ ސިޔާސަތު އިފްތިތާހު ކޮށްދެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އެވެ.

އެ ރަސްމިއްޔާތުގައި ހާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ނަޝީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކާ ގުޅިގެން ވިޔަފާރީގެ ގުޅުންތައް ބަދަހި ކުރަން ޖެހޭ ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަން އެމްޑީޕީ އަށް ލިބިއްޖެ ނަމަ ބޭރު ގައުމުތަކާ އެކު އޮންނަ ދޭދޭ ގުޅުން ބަދަހިކުރައްވައި ރާއްޖެ އަކީ ބަސްވިކޭ ގައުމަކަށް ހައްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށް ހާރިޖީ ގޮތުން ކުރިއެކޭ އެއްފަދަ އިން ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ކުރީގެ އެމްބެސެޑަރެއް ކަމައްވާފައިވާ އަބްދުލް ޣަފޫރު މުހައްމަދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި ރާއްޖެ އަކީ އދ.ގައި ޒިންމާދާރު ގައުމަކަށް ހައްދަވާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ބޭރުގެ ޑިޕްލޮމެޓުންނާއި، އެމްޑީޕީގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރަމުންދާ ބައެއް މެމްބަރުން ބައިވެރިވެފައިވެ އެވެ.