09 Nov 2010, 10:52
ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ބިލް އަވަސް ކުރުމަށާއި ދައުލަތުން "މުސާރަ އަށް ކުރާ ހޭދަ ކޮންޓްރޯލް ކުރުމަށް" އިންޓަނޭޝަނަލް މަނިޓަރީ ފަންޑް [އިއެމްއެފު] އިން ގޮވައިލައިފި އެވެ.
މިދިޔަ މަހު 27 އިން މި މަހު 8 އަށް އެއިއެމްއެފްގެ ވަފުދު ރާއްޖެ އަށް ކުރި ދަތުރު ނިންމާލުމަށް ފަހު އިއްޔެ ފުރުމުގެ ކުރިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދައުލަތުގައި މުވައްޒަފުން އިތުރުވުމާއި މުވައްޒަފުންގެ މުސާރަ ވަރަށް ބޮޑުތަން އިތުރުވުމުގެ ސަބަބުން މުސާރަ އަށް ކުރާ ހޭދަ 2007 އިން 2009 ވަނަ އަހަރާ ދެމެދު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ.
"މީގެ ސަބަބުން ދައުލަތުގެ ޑެފިސިޓް ވަރަށް ބޮޑަށް އިތުރުވެ، ޖީޑީޕީގެ ނިސްބަތުން ]ދަރަނި] 26.5 އިން ސައްތައަށް 2009 ވަނަ އަހަރު ނިމުނު އިރު ވަނީ އަރާފަ އެވެ،" ތިން ސަފުހާގެ މައްޗަށް އެކުލެވޭ ބަޔާނުގައި ބުނެފައިވެ އެވެ.
އައިއެމްއެފްގެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖެ އަކީ އެހެން ގައުމުތަކާ އަޅާބަލާ އިރު ޑެފިސިޓް އެންމެ މަތީ އެއްގައުމު ކަމަށެވެ. އަދި ބުނެފައި ވަނީ ޑެފިސިޓަށް ފައިނޭންސް ކުރުމަށް ދަރަނި ހޯދުމުގެ ސަބަބުން ބޭންކްތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރަން ހުންނަ ފައިސާ މަދުވެ، އިންޓަރެސްޓް ރޭޓް މައްޗަށް ދިއުމަށް މަގުފަހިވާ ކަމަށެވެ.
"އަދި ޑެފިސިޓް އިތުރުވުމުގެ ސަބަބުން އިމްޕޯޓް އިތުރުވެ، ޑޮލަރު ބޭނުންވާ މިންވަރު އިތުރުވެ، ޑޮލަރު ގަނެ ވިއްކާ ރޭޓަށް ބާރުބޮޑުވެގެން ދެ އެވެ،" އައިއެމްއެފްގެ ބަޔާނުގައިވެ އެވެ. "އަދި މީގެ އިތުރުން ސަރުކާރުގެ ދަރަނި ވަރަށް ބޮޑުތަން އިތުރުވެފައިވީ ހިނދު، ޑެފިސިޓް ކުޑަކުރުމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅިއްޖެ ނަމަ ސަރުކާރުގެ ދަރަނި ދެމެހެއްޓެނިވި ނޫން ގޮތަކަށް އިތުރުވެގެން ދާނެ އެވެ،"
އިގްތިސާދު ހަރުދަނާ ކުރުމަށް ހުސްވި އަހަރު ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އެޅި ކަމަށާއި އޭގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން އެޅި ފިޔަވަޅު ހިމެނޭ ކަމަށާއި އެހެން ނަމަވެސް އެ މައްސަލަ މިހާރު ވަނީ ކޯޓުގައި ކަމަށް އައިއެމްއެފުގެ ވަފުދުން ބުނެފައިވެ އެވެ.
"މީގެ އިތުރުން ސަރުކާރުގެ މުވައްޒަފުންގެ އަދަދު މަދު ކުރުމަށް ޓަކައި ޕްލޭންތަކެއް އެކަށައެޅިފައިވީ ކަމުގައި ވިއަސް، މިކަމުގައި ލިބިފައި ވަނީ ވަރަށް ކުޑަ ކުރިއެރުމެކެވެ." އަދި " އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ސަބަބުން މުސާރަ އަށް ކުރާ ހޭދަ އިތުރުވެންދާނޭ ކަމަށް ލަފާކުރެވެ އެވެ."
އައިއެމްއެފުން ބުނީ މިދިޔަ އަހަރު ޓޫރިޒަމް ދަށަށް ގޮސް އިގުތިސާދު ކުރި އަރާވަރު ވެސް ތިން ޕަސެންޓަށް ދަށަށް ދިޔަ ކަމަށާއި ނަމަވެސް މި އަހަރު އިގްތިސާދު ކުރިއަރާ ނިސްބަތް ފަހަކާއި ހަ ޕަސެންޓްގައި ކުރި އަރާނެ ކަމަށް ލަފާކުރާ ކަމަށެވެ.
މިދަޔަ އަހަރު އެ ބޭންކުގެ ޕުރޮގްރާމްގައި ރާއްޖެ ބައިވެރި ކުރިފަހުން މި އަހަރުގެ މާޗް މަހުގެ ތެރޭގައި ފުރަތަމަ ރިވިއު ނިންމައި ރާއްޖެ އަށް ދޭން ޖެހޭ ދެ ވަނަ ޕޭމަންޓު ވެސް ދީފައިވާ ކަމަށް އައިއެމްއެފް އިން ބުންޏެވެ. އަދި އައިއެމްއެފް އިން ސަރުކާރަށް ދޭން ޖެހޭ ތިން ވަނަ ޕޭމަންޓް ނިމިފައިނުވަނީ ސެކަންޑް ރިވިއުގެ މަސައްކަތް ނިމިފައި ނުވާތީ ކަމަށް އައިއެމް އެފް އިން ބުންޏެވެ. އަދި އެ ރިވިއު ވީހާ ވެސް އަވަހަކަށް ނިންމުމަށްޓަކައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނޭ ކަމަށް އައިއެމްއެފް އިން ބުނެ އެވެ.
އައިއެމްއެފާއި ދިވެހި ސަރުކާރުން އެއްބަސްވެފައިވާ "ސްޓޭންޑްބައި އެރޭންޖްމަންޓް"ގެ ދަށުން ކުރަން އެއްބަސްވެފައިވާ ކަންތައްތައް ބެލުމަށް އައިއެމްއެފްގެ އިސް ބޭފުޅެއްގެ ގޮތުން، ވަޑައިގަތް މރ. ރޮޑިރިގޯގެ ކުބޭރޯ ވަފުދުން ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ފައިނޭންސް މިނިސްޓަރާއި އެމްއެމްއޭގެ ގަވަރުނަރާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރަށް މަދަނީ ޖަމިއްޔާތަކުގެ ފަރާތްތަކާ ވެސް ބައްދަލުކޮށްފަ އެވެ.