27 Jul 2013, 20:44
ލ. ގަމުގައި ފަހަކަށް އައިސް ތޫނު ހަތިޔާރުން މީހުންނަށް ހަމަލާދިނުމާއި މާރާމާރީ ހިންގުން އިތުރުވެފައިވާތީ އެރަށު ޒުވަނުން އިސްނަގައިގެން އެކަމާ ދެކޮޅަށް ޝުއޫރު ފާޅުރުމުގެ ގޮތުން ވެހިކަލް ބުރެއް ބާއްވައިފި އެވެ.
ސަން އަށް މައުލޫމާތު ދެމުން ސައިކަލް ބުރު އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި މީހަކު ބުނީ މިއަދު ހަވީރު 4:30 ގައި ފެށި އެ ވެހިކަލް ބުރުގައި ގަމު ކައުންސިލަރުންއި ޖަމްއިއްޔާތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިތުރުން ފުލުހުންނާއި ސިފައިން ބައިވެރިވެފައިވާ ކަމަށެވެ.
އޭނާ ބުނީ އެކި ބެނާތައް ހިފައިގެން ކުރިއަށް ގެންދިޔަ އެ ވެހިކަލްބުރުގައި ރަށުގެނަން ކިލަނބުވިޔަ ނުދޭނެ ކަމަށް ބުނެ ބައިވެރިން އަޑުއުފުލައިފައިވާ ކަމަށެވެ.
ގަމަކީ ރާއްޖޭގައި އޮތް ބިންބޮޑު އެއް ރަށަށް ވާތީ އެރަށުގައި އިންވެސްޓުކުރުމަށް މީގެކުރިން އެތަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ނަމަވެސް އެރަށުގައި މާރާމާރީތައް އިތުރުވެފައިވާތީ އިންވެސްޓުކުރަން ތިބި ފަރާތްތަކުން އެކަމަށް ފަސްޖެހެމުން އަންނަ ކަމަށް އެމީހާ ބުންޏެވެ.
ގަމުގެ ތިން އަވަށުގައި ކުރިއަށް ގެންދިޔަ ވެހިކަލް ބުރު ނިންމާލާފައި ވަނީ ހަވީރު 6:00 އެހައިކަންހާއިރު އެވެ.
ގަމުގައި ހިންގި މާރާމާރީތަކުގައި މިއަހަރުގެ ތެރޭގައި ދެ މީހަކު ވަނީ މަރުވެފަ އެވެ.
މިއަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ލ. ގަން ތުނޑީ އަވަށުގެ ގެއެއްގައި އެރަށު އަސުރުމާގޭ މުހައްމަދު ހަސަން ނިދާފައި އޮތްވާ ބަޔަކު ދިންހަމަލާގެ ސަބަބުން އޭނާގެ ބޮލުގެ ކަނާތްފަރާތުގެ ނާށިގަނޑުން ހަތަރު ތަނެއް ފަޅައިގެން ގޮސް ރެނދުލާފައިވަނިކޮށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.
މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ގްރޫޕްހަދައިގެން ސައިކަލްތަކުގައި ދިޔަ ބަޔަކު މާރާމާރީ ހިންގުމުގެ ސަބަބުން އެރަށު ވްޑުލޭންޑް އަހްމަދު ނިޒާރު ވަނީ މަރުވެފަ އެވެ.