މަސްވެރިންގެ ސަބްސިޑީ ހޯދުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން 20 ފަރާތަކަށް ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިނިސްޓަރުގެ ނައިބު އަލީ ސޯލިހު ވިދާޅުވީ މަސްވެރިންގެ ސަބްސިޑީ ހޯދުމަށް މިހާތަނަށް 237 ފަރާތަކުން ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ފޯމް ހުށަހަޅާ ފަރާތްތަކަށް ހަތް ދުވަހުގެ ތެރޭގައި ފައިސާ ދޫކުރުމުގެ ކަންތައްތައް ނިންމަން. ފޯމް ހުށަހެޅި ފަރާތަށް ފައިސާ ދަނީ ދޫކުރަމުން،" އޭނާ ވިދާޅުވި އެވެ.

އަލީ ސޯލިހު ވިދާޅުވީ މަސްވެރިންގެ ސަބްސިޑީގެ ހޯދުމަށް ހުޅުވާލުމުން ފޯމްތައް ހުށަހަޅަން ފަށާފައިވާ ފަރާތްތަކަށް ވަނީ ފައިސާ ދޫކުރެވިފަ އެވެ.

"އަޅުގަނޑުމެން މި ސަބްސިޑީ ދޫކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް. އަދި ވީހާ އަވަހަށް އެ ފައިސާ ދޫކޮށް ނިންމާލަން މަސައްކަތްކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.

މަސްވެރިކަމުގެ ތެލުގެ ސަބްސިޑީގެ ގޮތުގައި ދިނުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ 100 މިލިއަން ރުފިޔާ އެވެ.