27 Jul 2013, 14:42
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ނުގޮސްފި ނަމަ ކުރާނެ ކަންތަކުގެ ވާހަކަ ބައެއް ފަރާތްތަކުން ދައްކަނީ އެފަރާތްތަކަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާމެދު އޮތް އިތުބާރުގެ ކުޑަކަމުން ކަމަށް "ގައުމާއިގެން ކުރިއަށް" ކޯލިޝަން އިން ބުނެފި އެވެ.
މިއަދު އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން
ސްޕޯކްސްޕާސަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ ދެ ވަނަ ބުރަށް ނުދާނެ ވާހަކަ އެ ކޯލިޝަނުން ދައްކަން ބޭނުން ނުވާ ކަމަށާއި އެއަށްވުރެ އިންތިހާބް ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އެކޯލިޝަނަށް ބޮޑު ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ނުވެއްޖެނަމަ ދެން ކަންތައް ކުރާނެ ގޮތުގެ ވާހަކަ ދައްކާ ފަރާތްތަކުން އެ ވާހަކަ ދައްކަނީ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން ކުޑަކަމުން ކަމަށް ވިދާޅުވި އެވެ.
"އިންތިހާބު ކާމިޔާބު ނުކުރެވޭނެ ވާހަކަ މިވަގުތުގައި ދެއްކުމަކީ އެކަށީގެންވާ ރަނގަޅު ގޮތެއްވެސް ނޫން. ހަގީގަތުގައި އެ ވާހަކަތައް ދައްކާ ފަރާތްތަކުން އެ ވާހަކަ އެ ދައްކަނީ އެބޭފުޅުނަށް އޮތް ޔަގީންކަމެއް ކުޑަކަމުން، ކާމިޔާބު ކުރުމާއި ދޭތެރޭގައި،" ނާފިޒް ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ އެ ކޯލިޝަނަށް މިއަހަރުގެ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް ބާރަށް ކުރަމުންދާ ކަމަށެވެ. އަދި އެކޯލިޝަންއިން ދެ ޕާޓީ ވަކިވި ނަމަވެސް އެކޯލިޝަންގެ ކެމްޕެއިނަށް އެއްވެސް ހުރަހެއް ނައިސް ކުރިން ރޭވި ގޮތަށް ކުރިއަށްދާ ކަމަށް ނާފިޒް ވިދާޅުވި އެވެ.