27 Jul 2013, 13:38
ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނޭ ތައުލީމީ ސިޔާސަތު ބަލައި ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޓީޗާސް އެސޯސިއޭޝަނުން ބުނެފި އެވެ.
ޓީޗާސް އެ ސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްވެސް ސިޔާސީ ޕާޓީއަކުން، އެ ބޭފުޅުންގެ މެނިފެސްޓޯގައި ހިމެނޭ ތައުލީމީ ސިޔާސަތާ ބެހޭ ގޮތުން މިހާތަނަށް އެ އެސޯސިއޭޝަނާ މަޝްވަރާކޮށްފައި ނުވާ ކަމަށެވެ.
އެ ބަޔާނުގައި ބުނަނީ ރިޔާސީ ކެންޑިޑޭޓުން ގެންގުޅޭ ތައުލީމީ ސިޔާސަތަކީ ކޮބައިކަން ގިނަ ޓީޗަރުންނަށް އެއްގޮތަކަށް ވެސް ނޭނގޭ ކަމަށާއި ތައުލީމީ ސިޔާސަތު ހިއްސާކޮށްދިނުމަށް ސިޔާސީ ޕާޓީތަކުގައި އެ އެސޯސިއޭޝަނުން އެދިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"އެހެންވީމާ، ޓީޗަރުންގެ ހުރި ކަންބޮޑުވުންތަކަށް އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދީފައި ވަނީ ކޮން ޕާޓީއެއްގެ މެނިފެސްޓޯގެ ތެރެއިންތޯ ބެލުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން މިހާރު ވާނީ ސިޔާސީ ޕާޓިތަކުގައި އެބޭފުޅުންގެ ސިޔާސަތު މި އެސޯސިއޭޝަނަށް ހިއްސާކޮށް ދެއްވާތޯ ދަންނަވައިފައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މެނިފެސްޓޯގައި ހިމެނޭ ތައުލީމީ ސިޔާސަތުގައި މައިގަނޑު ނުވަ ކަމެއް ފުރިހަމަވެފައި ވަނީ ކިހިނެއްތޯ ވަރަށް ބޮޑަށް ދިރާސާ ކުރާނެ ކަމަށެވެ. އެގޮތުން ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތަކާއި ޓްރޭނިން އާއި ޕްރޮފެޝަނަލް ޑިވެލޮޕްމެންޓާއި ސްކޫލު އިންފްރާސްޓަކްޗާއި ސިލަބަހަށް ބަލާނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ގްރޭޑް 1 ން 10 ށް ގްރުއާނަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހެދޭތޯ ޕާޓީތަކާ މަޝްވަރާކޮށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"އަޅުގަނޑުމެންނަކީ 100 ޕަސެންޓް މުސްލިމުންކަމަށް ބުނާ ބަޔަކީމު. އެހެންނަމަވެސް ގުރުއާން ކިޔެވުން ސިލަބަހުގައި މި އޮންނަނީ ގްރޭޑް 5 އާ ހަމައަށް. މިއީކީ ބަލައިގަނެވޭނެ ކަމެއްނޫން. ގްރޭޑް 10 ނިންމާ ދަރިވަރަށް 10 ނިމޭއިރު ޤުރުޢާނުގެ ދެލިގަނޑު ފަރިތަކަމާ އެކު ކިޔަން އެނގެންވާނެ. އެވަރު ކޮށްދެވެންވާނެ، އެގޮތަށް އޮންނަންޖެހޭނީ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ތައުލީމީ ދާއިރާ މިހާރު ވަނީ ވަރަށް ބޮޑަށް ނިކަމެތިވެފައި ކަމަށާއި އޭގެ ސަބަބުތަކަކީ ގާބިލު ޓީޗަރުން ދެމެހެއްޓޭނެ ނިޒާމެއް ގާއިމުވެފައި ނުވުމާއި އެޑިޔުކޭޝަންގެ ޕޮލިސީ ލެވެލްގެ ބޭފުޅުން އެބޭފުޅުންގެ އަމިއްލަ މާއްދީ ފައިދާއަށް ޓަކައި ބިދޭސީ ޓީޗަރުން ރެކަރޫޓް ކުރެއްވުމުގައި ޚިޔާނާތްތެރިވަމުން ގެންދިޔުން ކަމަށް ތުހުމަތު ކުރައްވާފައިވެ އެވެ.