ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްގީކުރަން ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން 13 ރަށެއްގެ މުއްދަތު 50 އަހަރަށް އިތުރުކުރުމަށް ފައިސާ ދައްކައިފި އެވެ.

ޕިކްނިކް އައިލެންޑް ތަރައްގީކުރަން ދޫކޮށްފައި ހުރި 18 ރަށުގެ ތެރެއިން މުއްދަތު އިތުރުކޮށް ޓޫރިޒަމް ގާނޫނުގެ ދަށަށް އެތަން ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލީ އެމްޑީޕީ ސަރުކާރުގެ ކެބިނެޓުން ނިންމައިގެން 2010 ވަނަ އަހަރު އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް ހަސަން ޒަމީލް މިއަދު ސަން އަށް ވިދާޅުވީ ޕިކްނިކް އައިލެންޑްތަކުގެ ތެރެއިން ރިސޯޓްގެ ގޮތުގައި ހިންގަން ބޭނުންވެގެން 13 ފަރާތަކުން ފައިސާ ދެއްކި އިރު ދެ ފަރާތަކާ އެކު ކުލީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

"އެ ފަރާތްތަކުން ވަނީ ކޮންވާޝަންފީގެ 20 ޕަސެންޓް ސަރުކާރަށް ދައްކާފައި. އަދި ބާކީ ބައި ތިން އަހަރަށް ބަހާލައިގެން ދައްކާ ގޮތަށް އެއްބަސްވެފައިވޭ،" އޭނާ ވިދާޅުވި އެވެ. "މިގޮތަށް އެ ރަށްތަކުގެ އެއްބަސްވުން ބަދަލުކުރުމުން ސަރުކާރަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވެގެންދާނެ. ކުރިން މިތަންތަނުން ކުލީގެ ގޮތުގައި އަހަރަކު 300،000 ޑޮލަރު ވެސް ނުލިބޭ. އެކަމަކު މިހާރު އެ ރަށްތަކުން ކުލި ދައްކަން ޖެހޭނީ ޓޫރިޒަމް ގާނޫނުގައިވާ ގޮތަށް އެހެން ރިސޯޓްތަކެކޭ އެއް ގޮތަށް."

ޒަމީލް ވިދާޅުވީ ޖޮއިންޓްވެންޗާ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީއާ އެކު ސޮއިކުރުމުން ކުލީގެ އެއްބަސްވުމުގައި ސޮއިކުރާނީ އެ މިނިސްޓްރީން ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ލީގަލް އޮފިސަރު ފަސީހު ޒާހިރު ވިދާޅުވީ ރިސޯޓް ހެދުމަށް ޖޮއިންޓްވެންޗާ ހެދި ރަށްތައް ޓޫރިޒަމް ގާނޫނުގެ ދަށަށް ބަދަލު ކުރިއިރު ސަރުކާރު ހިއްސާވާ މިންވަރު ދިހަ ޕަސެންޓަށް ބޮޑުކޮށްފައިވާ ކަމަށެވެ.

"ކުރީގެ ސަރުކާރުން ނިންމާފައި އޮތީ ސަރުކާރު ހިއްސާވާ މިންވަރަކީ ފަސް ޕަސެންޓް ކަމަށް. ނަމަވެސް ސަރުކާރުން ނިންމީ އެތަންތަނުގެ ހިއްސާ ދިހަ ޕަސެންޓަށް ބޮޑުކުރަން. އަދި ފަހުން ޖޭވީގެ އެއްބަސްވުން އޮންނާނީ ވެސް އެގޮތަށް،" ފަސީހު ވިދާޅުވި އެވެ.

ސަރުކާރުން ރިސޯޓް ހަދަން ހުއްދަދިން ރަށްތަކުގެ ތެރޭގައި މާލޭގެ ގިނަ ބަޔަކު ދަތުރުދާ ކ. ކުޑަބަނޑޮހާއި އޮޅަހަލި އާއި މާދޫފިނޮޅުގެ އިތުރުން ވާގަލި ވެސް ހިމެނެ އެވެ. އަދި ހުޅުމާލޭގައި 100 ހައުސިން ޔުނިޓް އަޅާ ގޮތަށް ކ. ކޮއްދިއްޕަރުގައި ވެސް ރިސޯޓް ހަދަން ވަނީ ހުއްދަދީފަ އެވެ.

ސަރުކާރުން ބުނެފައި ވަނީ ކުޑަ ބަނޑޮސް ދެނީ ދިވެހިންނަށް ދަތުރު ދެވޭ ގޮތަށް ކަމަށެވެ.