27 Jul 2013, 13:03
ސްޕެނިޝް ޗެމްޕިއަން ބާސެލޯނާގެ މިޑްފީލްޑަރު ސެސް ފެބްރިގާސް ގެންދަން އިނގިރޭސި ޗެމްޕިއަންސް މެންޗެސްޓާ ޔުނައިޓެޑުން ކިތަންމެ ބޮޑު އަގެއް ހުށަހެޅިޔަސް ފެބްރިގާސް ނުވިއްކާނެ ކަމަށް ބާސާއިން ބުނެފި އެވެ.
ބާސާގެ ވައިސް ޕްރެޒިޑެންޓް ޖޯސެފް މަރިއާ ބާޓެމެއޫ ވިދާޅުވީ އެ ކްލަބްގެ ސްޕެނިޝް މިޑަފީލްޑަރު ހޯދުމަށް ޔުނައިޓެޑުން ހުށަހަޅާ އެއްވެސް އަގެއް ބާސާއިން ގަބޫލު ނުކުރޭނޭ ކަމަށެވެ.
"ޔުނައިޓެޑުން ފެބްރިގާސް ހޯދަން މަސައްކަތްކުރާކަން އެންމެނަށްވެސް އެނގޭ، އެއީ ފެބްރިގާސް އަކީ މޮޅުކުޅުންތެރިއަކަށް ވީމަ. އެކަމަކު އަހަރެމެން އެކަމާ އެއްވެސް ވަރަކަށް ނުވިސްނަން،" ބާޓެމެއޫ ވިދާޅުވި އެވެ. "ޔުނައިޓެޑުން ކިތަންމެ ބޮޑުއަގެއް ހުށަހެޅިޔަސް ފެބްރިގާސް ވިއްކައެއް ނުލާނަން."
އާސެނަލްގެ ކުރީގެ ކެޕްޓަން ހޯދަން ޔުނައިޓެޑުންވަނީ މިހާތަނަށް ދެފަހަރު ބިޑްކޮށްފަ އެވެ. އެކަމަކު ދެފަހަރުވެސް ބާސާއިން ވަނީ ފެބްރިގާސް ނުވިއްކާނެ ކަމަށް ބުނެފަ އެވެ.
ބާސާގެ އާ ކޯޗް އާޖެންޓީނާގެ ޖެރާޑޯ މާޓިނޯ އެ ކްލަބާ ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން މާޓިނޯވެސް ބުނެފައި ވަނީ ފެބްރިގާސް އެ ކްލަބުން ދޫ ނުކުރާނޭ ކަމަށެވެ.
"ކްލަބްގެ އެކަންއުންޓްސް ކަންތަކާ ބެހޭކަށް އަހަރެން ބޭނުމެއް ނުވޭ. އެކަމަ ފުރަތަމަ ދެ ބިޑް އެވަނީ ރިޖެކްޓް ކޮށްފައި. އަހަރެން ދެކޭގޮތުގައި ތިންވަނަ ބިޑްވެސް ރިޖެކްޓް ކުރާނެ،" މާޓިނޯ ބުންޏެވެ. "އެހެން ގޮތަކަށް ބުނަންޏާ ބުނެވޭނީ ފެބްރިގާސް މި ކްލަބްގައި މަޑުކުރާނެއޭ."
ފެބްރިގާސް ގަތުމަށް މި މަހުގެ 15 ވަނަ ދުވަހު ޔުނައިޓެޑުން ފުރަތަމަ ބިޑް ކުރީ، 25 މިލިޔަން ޕައުންޑެވެ. އެފަހަރު ބާސާއިން ނޫނެކޭ ބުނުމުން ޔުނައިޓެޑްގެ އެގްޒެކެޓިވް ވައިސް ޗެއާމަން އެޑް ވުޑްވާޑް ވަނީ، 26 އަހަރުގެ ސްޕެނިޝް މިޑްފީލްޑަރު ހޯދުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި ޔުނައިޓެޑްގެ އޭޝިއާ ޓުއާގައި ބައިވެރިވުމަށްފަހު އެނބުރި އިންގްލެންޑަށް ގޮސްފަ އެވެ. އަދި އޭގެ ފަހުން ޔުނައިޓެޑުން 30 މިލިޔަން ޕައުންޑު ހުށަހެޅުމުންވެސް ބާސާއިން ވަނީ ނޫނެކޭ ބުނެފަ އެވެ.