ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ 14 ވަނަ "ސީއާރުސީ ކަޕް"ގެ ފައިނަލްމެޗުގައި ޓީމް އެސްއޯއެސް ބަލިކޮށް، ޓީމް ފައިނޭންސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޓީމް ފައިނޭސް ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް 1-1ން އެއްވަރު ވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޕެނަލްޓީ ޖަހައިގެން 6-5 ލަނޑުން މޮޅުވެގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، ޓީމް ފައިނޭންސްގެ އަހްމަދު އަބްދުﷲ އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ފައިނޭންސްގެ ނަސީލް އަހްމަދު ހޮވުނު އިރު މުބާރާތުގެ ޓޮޕް ސްކޮރާގެ މަގާމް ހޯދީ ޕެސެންޖާ ޕްރޮސެސިންގެ ނާޝިދު އަބްދުލް ޝަކޫރު އެވެ. އޭނާ ވަނީ އެ މުބާރާތުގައި ޖުމުލަ 15 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ކަސްޓަމްސްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ބޭއްވުނު 14 ވަނަ ސީއާރްސީ ކަޕްގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ، ޓީމް އެސްއޯއެސްގެ އިބްރާހީމް ފަޒީލް (އޮއްޕޮ)، އަބްދުލް މުއީން، ޕެސެންޖާ ޕްރޮސެސިންގެ ނާޝިދު އަބްދުލް ޝަކޫރު، ޓީމް ފައިނޭންސްގެ މުމްތާޒް އަބްދުލް ރަޝީދު އަދި އެ ޓީމްގެ ހުސައިން އަފީފް އެވެ.

ރާއްޖޭގައި ބޭއްވޭ އެންމެ ދުވަސްވީ އެއް ފުޓްސަލް މުބާރާތުގެ މި އަހަރުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ، ޓީމް ސަރުޖަން އެވެ.