އިސްލާމް އާބާދު (ޖުލައި 27): ޕާކިސްތާނުގެ ޝިޔަޢީންގެ ދެ މިސްކިތަކަށް އަމާޒުކޮށްގެން ދިން ބޮމުގެ ޙަމަލާތަކެއްގައި 25 މީހަކު މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

ޕާކިސްތާނުގެ މަސްއޫލުވެރިން ވިދާޅުވި ގޮތުގައި އެގައުމުގެ ހުޅަނގު އުތުރުގެ ޕަރަޝިނާރު ސަރަހައްދުގެ ބާޒާރެއްގެ ކައިރީގައިވާ ދެ މިސްކިތަށް ޙަމަލާދީފައި ވަނީ ގައިގައި ގޮވާތަކެތި ހަރުކޮށްގެން ތިބި ދެ މީހެކެވެ. ހަށިގަނޑުގައި ގޮވާތަކެތި ހަރުކުރުމަށް ފަހު އެދެމިސްކިތް ހުރި ސަރަހައްދަށް ގޮސް އެ ދެ މީހުން އަމިއްލައަށް މަރުވެގެން ޙަމަލާދިނީ ކަމަށާ މިޖަރީމާގައި މަރުވެ އަދި ޒަޚަމްވެފައި ވަނީ އެވަގުތު އެ ދެ މިސްކިތުގެ ކައިރީގައި ރޯދަވީއްލުމަށް ތައްޔާރުވަމުންދިޔަ މީހުންކަމަށާ އެވަގުތަކީ އެދެމިސްކިތުގެ ކައިރީގައި ރޯދަ ވިއްލުމަށާއި މަޣްރިބް ނަމާދު ކުރުމަށްޓަކައި ގިނަ އަދަދަކަށް މީހުން ތޮއްޖެހިފައިވާ ވަގުތެއް ކަމަށްވެސް ޕާކިސްތާނުގެ ލޯކަލް މަސްއޫލުވެރިއެއް ކަމަށްވާ ރިޔާޒު މަޙްސޫދު ވިދާޅުވި އެވެ. މިޖަރީމާގައި މަރުވެ އަދި ޒަޚަމްވެފައި ވަނީ އެ ދެ މިސްކިތުގެ ކައިރީގައި ރޯދަވީއްލުމަށާއި މަޣްރިބް ނަމާދަށް އެރުމަށް ތައްޔާރު ވަމުންދިޔަ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕަރަޝިނާރު ސަރަހައްދަކީ ޕާކިސްތާނުގައި ދީނީގޮތުން ހައްދުފަހަނަޅާފައިވާ މީހުންނާއި ކުށެއްނެތް މީހުން މެރުމުގައި ޙަރަކާތްތެރިވާ ނުރައްކާތެރި ހަނގުރާމަވެރި ޖަމާއަތްތައް ގިނަ ޤަބީލާ ސަރަހައްދެއް ކަމަށްވާ ކޫރާމް އަށް ނިސްބަތްވާ ހިސާބެކެވެ. ޕާކިސްތާނުގެ މިސަރަހައްދުގައި މިސްކިތްތަކަށާއި އަޅުކަންކުރާ މީހުންނަށް އަމާޒުކޮށް ބޮމުގެ ޙަމަލާތައް ދިނުމަކީ ޢާންމު ކަމެކެވެ. (ބީ.ބީ.ސީ)