ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރުމާ ގުޅިގެން އެމްޑީޕީން ރޭ މާލޭގައި ހިނގާލުމެއް ބާއްވައިފި އެވެ.

އުފާ ފާޅު ކުރުމުގެ ތަފާތު ޝުއޫރުތަކާ އެކު ރޭ 9:30 އެހައިކަންހާއިރު އުސްފަސްގަނޑުން ފެށި ހިގާ ލުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ރަނިން މޭޓް ޑރ. މުސްތަފާ ލުތުފީ ވެސް ބައިވެރިވެ ވަޑައިގަތެވެ.

މާލޭ ބޮޑެތި މަގުތަކުގައި ރޭ ކުރިއަށް ދިޔަ އެމްޑީޕީގެ ހިނގާޅުމުގައި ނަޝީދާއި އެމަނިކުފާނުގެ ރަނިންމޭޓާ އެކު އެމްޑީޕީގެ އާންމު މެމްބަރުންނާއި ޕާޓީގެ އެކި މަގާމަތްތަކުގައި ތިއްބެވި ބޭފުޅުން ބައިވެރިވެފައިވެ އެވެ.

ރޭ 11:40 އެހައިކަންހާ އިރު ހިނގާލުން ނިންމާލާފައި ވަނީ ވެސް އުސްފަސްގަނޑު ސަރަހައްދުންނެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ނަޝީދުގެ އިތުރުން މިފަހަރުގެ ރިޔާސީ އިންތިހާބިގައި ވާދަކުރައްވާ އަނެއް ތިން ބޭފުޅުންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. އެ ހުރިހާ ބޭފުޅުންގެ ކެންޑިޑެސީ ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ގަބޫލުކޮށްފަ އެވެ.