މި އަހަރުގެ އޯގަސްޓ މަހުގެ ދެ ވަނަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ގާނޫނާ ހިލާފު ކަންތައްތަކެއް ހިންގަމުންދާ ކަމަށް ބުނެ އެ ކޮމިޝަން ބަންދު ކުރުމުގައި ފުލުހުން އިހުމާލު ވާ ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މިއަދު ބުނެފި އެވެ.


ފުލުހުން ޖޭއެސްސީ ބަންދުކޮށް މުވައްޒަފުން ވަނަ ނުދީ ހިފެހެއްޓި  ހާދިސާ ހިނގާފައި ވަނީ ގަވައިދާ އެއްގޮތަށްތޯ ބެލުމަށް  ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު މިއަދު ވަނީ  ނޫސް ބަޔާނެއް ނެރެފަ އެވެ.


އެ ބަޔާނުގައި ބުނަނީ އޯގަސްޓް2، 2010 ގައި ޖޭއެސްސީ ބަންދު ކުރުމުގައި ފުލުހުންގެ އިހުމާލު އެބައޮތް ކަމަށެވެ. ކޮމިޝަނަށް ހޯދި ބަޔާންތަކާއި ރިއާޔަތް ކުރި ގާނޫނުތަލާއި ލިޔުންތަކަށް ބެލުމުން އެކަން އެނގޭ ކަމަށެވެ.


ބަޔާނުގައި ބުނަނީ ޖޭއެސްސީ ބަންދުކޮށްފައި ވަނީ އެތާނގައި ގާނޫނާ ހިލާފު ކަންތައްތަކެއް ހިންގަމުންދާ ކަމަށް ތުހުމަތު ކުރެވިގެން ކަމަށާއި އެކަންކަން ތަހުގީގު ކުރުމަށް އެއްވެސް ފަރާތަކުން އަންގާފައި ނުވާތީ އެކަންކަން ތަހުގީގު ނުކުރާ ކަމަށް ފުލުހުން ބުނި ނަމަވެސް ގާނޫނު އަސާސީގެ 244 ވަނަ މާއްދާގައި ޖިނާއީ ކުށްތައް ތަހުގީގު ކުރުމަކީ ފުލުހުންގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބަޔާންކޮށްފައި އޮތުމުން ވަކި ފަރާތަކުން ނޭނގި ނަމަވެސް ފުލުހުން އެކަން ތަހުގީގުކުރަން ޖެހޭނެ ކަމަށެވެ.


ޖިނާއީ ކުށުގެ އަމަލެއްގައި ބަންދުނުކޮށް އެކަމެއް ބެލެން ނެތް ހާލަތެއްގައި އެތަނެއް ބަންދުކޮށްގެން އަ ކަމެއް ބަލަން ޖެހުނަސް ޒިންމާދާރު ގޮތަކީ އަވަހަށް ބަލައި ބަންދުކުރި ކުރުން ދޫކޮށްލުން ކަމަށްވާތީ ފުލުހުން ޖޭއެސްސީ ބަންދުކޮށްގެން ހަތަރު ގަޑިއިރު ތިބި އިރު އެކަމާބެހޭ އެއްވެސް ތަހުގީގެއް ނުކޮށް މުވައްޒަފުން ވަނަ ނުދީ ހިފަހައްޓާފައިވާކަން ފާހަގަ ކުރެވޭ ކަމަށް ވެސް ބުނެފައި ވެއެވެ.


ފުލުހުން އާންމުކުރި ނޫސް ބަޔާނަކާ ހަވާލާދީ އިންޓަގްރިޓީން ބުނެފައި ވަނީ ޖޭއެސްސީން ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ހިލާފު ކަންތަތަކެއް ހިންގަމުން ގެންދާތީ އެތަން ބަންދު ކުރީ ކަމަށް ބުނެފައިވާއިރު  އެކަން ތަހުގީގު ނުކުރުމުން ޖޭއެސްސީން އެފަ ކަމެއް ކުރިކަން އެނެގެން ނެތް ކަމަށެވެ.  


މި މައްސަލައިގައި ފުލުހުން އިހުމާލު ވާކަމަށް ނިންމައި އެކަންކަމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅަން ހޯމް މިނިސްޓްރީއަށްލަފާ ދޭން ވެސް އިންޓެގްރިޓީ ކޮމިޝަނުން ވަނީ ނިންމާފައެވެ. އެގޮތުން  ޖޭއެސްސީ ބަންދު ކުރުމަށް ފަހު ފުލުހުން ބުނާ ކަންތައްތަކެއް ތަހުގީކޮށްފައި ނުވާތީ  ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމުގެ ގަވައިދުގެ  ހަތްވަނަ މާއްދާގެ (ހ) ގައި ފުލުހުން ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާ ކުޑަކުރުމަކީ ކުށެއް ކަމަށް ބުނާތީ އެކަމަށް ޒިންމާވާންޖެހޭ އިސް ވެރިންނާ ދޭތެރޭ  ގަވައިދުގެ އަށްވަނަ މާދާގެ ދަށުން ފިޔަވަޅު އެޅުމާއި ޖޭއެސްސީ ބަންދުކުރި ހާދިސާއާ ގުޅިގެން  ފުލުހުން ނެރުނު ބަޔާނުގައި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ބ) ގައި ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި އެ ސިޔާސަތުތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށާއި މުއައްސަތާތަކަށް އެންގުން ކަމުގައި  ބުނެފައިވާ އިބާރާތް  ދައުލަތުގެ މުއައްސަސާތަކަށް ނިސްބަތްކޮށްފައިވާތީ އަކަން އިސލާހުކޮށް ނޫސަބަޔާނެއް ނެރެ އެކަމަގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަން އަންގަންވެސް ނިންމާފަ އެވެ..


މީގެ އިތުރުން ޖޭއެސްސީ ބަންދުކުރި ސަބަބު  މިހާތަނަށް ތަހުގީގުކޮށްފައި ނުވާތީ ތަހުގީގުކޮށް ތަހުގީގަށް ފެނުނުގޮތް އާންމު ކުރަން އަންގަން ވެސް ވަނީ ނިންމާފައެވެ.