27 Jul 2013, 10:43
ބޭރު ގައުމުތަކުގައި ބޭސް ސިޓީ އަށް ސަލާން ޖަހަންޖެހިއްޖެ ނަމަ އެ ދައުލަތަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އެފަދަ ގައުމުތަކުން ބަލައިނުގަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ގައުމެއްގެ ރައްޔިތުންނަކީ ބޭސް ސިޓީ އަށް ސަލާންޖަހަން ނުޖެހޭ ބަޔަކަށް ހެދުމުގެ ގޮތުން އެހެން ގައުމުތަކުގައި ސަލާންޖެހަން ޖެހިއްޖެ ނަމަ އެ ދައުލަތަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އެ ގައުމަކުން ނުބަލާނެ ކަމަށެވެ.
"ގައުމުގެ ރައްޔިތުންނަކީ ބޭސް ސިޓީއަށް ސަލާމް ޖަހަން ނުޖެހޭ ބަޔަކަށް ހަދައިދެވެނީ، އެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އެހެން ގައުމުތަކުގައި ބޭސް ސިޓީއަށް ސަލާމް ޖަހައިގެންނަމަ، އެ ދައުލަތަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އެ ޤައުމުތަކަކުން ނުބަލާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ގުޅިލާމެހިފައިވާ ދުނިޔެއެއްގައި ދާޚިލީ އަދި ޚާރިޖީ މިނިވަންކަން ގާއިމުކުރެވޭނީ އިގްތިސާދީ ގޮތުން ވެސް ގައުމު ނަގާ ކޮޅަށް ޖެހިގެން ކަމަށާއި ގައުމުގެ އާމްދަނީ އަކީ 9 ނުވަތަ 12 ބިލިއަން ރުފިޔާކަމަށްވާ އިރު، ޚަރަދަކީ 22 ބިލިއަންކަމުގައި ވެގެން ދާޚިލީ މިނިވަންކަމެއް ނުހިފެހެއްޓޭނެ ކަމަށެވެ.
މަސައްކަތްތެރިންގެ މުސާރައާއި ގައުމަށް ބޭނުންވާ ތެލާއި ކާނާއާއި ސަބްސިޑީ ދިނުމަށް ބޭނުންވާ ފައިސާ ލިބެނީ އެހެން ބައެއްގެ ހެޔޮކަމުން ކަމުގައި ވެއްޖެ ނަމަ އެ ދައުލަތުގެ ސިޔާދަތު ހިމާޔަތްކުރެވިދާނެތޯ އެއީ ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
ފާއިތުވި ތާނގައި ކުރެވުނު މަސައްކަތުން ރާއްޖޭގެ އިގްތިސާދު މިހާރު ރަނގަޅުވާން ފަށާއިފި ކަމަށާއި ނަމަވެސް ރާއްޖެ ވެއްޓިފައި އޮތް މާލީ ފުންއަނދަވަޅުން ނަގައި އިގްތިސާދު ހަމަޔަކަށް އެޅުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދަޅުވި އެވެ. އެގޮތުން ވިޔަފާރިތައް ފުޅާކޮށް ވަޒީފާތައް އުފައްދައި ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުކޮށް އެކިއެކި ސިނާއަތުތައް ކުރިއަރުވަން ޖެހޭ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށްޓަކައި ބޭރުގެ އިންވެސްޓަރުންނަކީ ވަރަށް މުހިންމު ބައެއް ކަމަށާއި ރާއްޖޭގެ އިގްތިސާދުގައި އެކަށީގެންވާ ބޮޑެތި އިންވެސްޓްމަންޓްތައް އުފައްދާނޭ ހަކަތަ ނެތްކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެކަންކުރަން ޖެހޭނީ ދިވެހިންގެ އަތްމަތިން އިގްތިސާދީ މިނިވަންކަން ނުގެއްލޭނެ ގޮތަކަށް ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
"ގައުމުގެ އިގްތިސާދު ރަނގަޅުކުރުމުގައި ބޭރުގެ އިންވެސްޓަރުންނަކީ ވަރަށް މުހިންމު ބައެއް. ރާއްޖޭގެ އިގްތިސާދުގައި އެކަށީގެންވާ ބޮޑެތި އިންވެސްޓްމަންޓްތައް އުފައްދާނޭ ހަކަތަ ނެތްކަން އަޅުގަނޑުމެންގެ ގަބޫލުކުރަންޖެހޭ. އެހެނަސް، ބޭރުގެ މީހުންނަށް ދިވެހިންގެ އިގްތިސާދުން ދޭނޭ ޖާގައަކީ، ދިވެހިން ކަނޑައަޅަން ޖެހޭ އެއްޗެއް. ދިވެހިންގެ އަތްމަތިން ގައުމުގެ އިގްތިސާދީ މިނިވަންކަން ނުގެއްލޭނޭ ބީދައަކުން، މިކަންކަން ރޭވެންޖެހޭ،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ރާއްޖެ އަކީ ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއް ކަމަށްވާތީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އިން އަދާކުރާ ޒިންމާތަކެއް ހުންނާނެ ކަމަށެވެ. ނަމަވެސް އެ ޒިންމާތައް އަދާކުރުމަކީ ބޭރު ގައުމުތަކުން ބޭނުންގޮތަކަށް ދިވެހީންގެ ދާޚިލީ ކަންކަން ރޭވުންކަމަށްވާ ނަމަ އެއީ މައްސަލައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ފަތުރުވެރިކަން ބޮއިކޮޓު ކުރުމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން އިނދަޖައްސާލުމަށް ކުރެވޭ މަސައްކަތަކަށް ދިވެހީން ފާރަވެރިވާން ޖެހޭ ކަމަށާއި އެއްވެސް ބަޔަކަށް އެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
"މިފަދަ ހަމަލާތަކުގެ ފަހަތުގައި ތިބީ ބޭރުގެ ކޮންބައެއްތޯ، އަދި އެކަމުން އެފަރާތުން ނަގާނޭ ފައިދާއަކީ ކޮބައިތޯ އަޅުގަނޑުމެން ވިސްނަންޖެހޭނެ. އެއީ، އަޅުގަނޑުމެންގެ އިގްތިސާދު އެބައެއްގެ އަތްމައްޗަށް ފުރޮޅާލުން ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ދީނީ ވަހުދަތު ނަގާލުން ކަމުގައިވިޔަސް، އެއީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަންކަން. މިފަދަ މީހުންނަށް އަޅުގަނޑުމެން އެއްވެސް ފުރުސަތެއް ދީގެންނުވާނެ،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ ރާއްޖެ އިގްތިސާދީގޮތުން ހީނަރުކުރުމަށް ކުރާ މަސައްކަތުގެ ގެއްލުން ލިބޭނީ، ވެރިކަމުގައި ތިބި ބަޔަކަށް ނޫން ކަމަށާއި ރާއްޖެ އަށް ނައުމަށް ނިންމާ ކޮންމެ ފަތުރުވެރިއެއްގެ އަތުން ނުލިބޭ ފައިސާއަކީ، ހަމައެކަނި ރިޒޯޓުގެ ވެރިންގެ އަތުން ގެއްލޭ އެއްޗެއް ނޫން ކަމަށާއި އެއީ އެފަތުރުވެރިންގެ އަތުން ދައުލަތަށް ނަގާ ޓެކުހުން ވެސް އަދި އެ ރިޒޯޓުގެ ވެރިންގެ އަތުން ދައުލަތަށް ދައްކާ އާމްދަނީން ވެސް މަދުވާ އެއްޗެއް ކަމަށެވެ.
އެ އާމްދަނީ ބޭނުންކޮށްގެން ރައްޔިތުންނަށް ޚިދުމަތް ދެމުންދާއިރު އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދަރީންނަށް ފޯރުކޮށްދޭ ތައުލީމަށާއި ސިއްހީ ޚިދުމަތް ދިނުމުގައި ވެސް ދަތިތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ރިސޯޓުތަކުގައި ވަޒީފާއަދާކުރާ މީހުންގެ މުސާރަ ކުޑަވެ އެމީހުންގެ އާއިލާތަށް ވެސް ދަތިހާލުގައި އުޅެން ޖެހިދާނެ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.