27 Jul 2013, 10:25
ތޫނިސް (ޖުލައި 27) އުތުރު އެފްރިކާގެ ޢަރަބި ގައުމެއް ކަމަށްވާ ތޫނިސްގެ އިދިކޮޅު ޕާޓީއެއްކަމަށްވާ ޕީޕަލްސް ފްރަންޓަށްނިސްބަތްވެ ވަޑައިގަންނަވާ މުޙައްމަދުލްބަރާހީމީ އަވަރާކޮށްލުމާ ގުޅިގެން މިއަދު އެގައުމުގެ މަސައްކަތްތެރިން ވަރުގަދަ ހަޅުތާލެއް ކުރަމުން އެބަގެންދެ އެވެ.
މިހަޅުތާލުގެ ސަބަބުން ތޫނިސްގައި ދަތުރުފަތުރުގެ ޚިދްމަތްތަކާއި ވިޔަފާރީގެ ޚިދްމަތްތަކާ އެނޫން ވެސް އާންމު އެތައް ޚިދްމަތްތަކެއް ވަނީ ވަރަށްބޮޑަށް ހުއްޓިފަ އެވެ. އަދި ތޫނިސްގެ މައި އެއަރޕޯޓް ވެސް ވަނީ ހަޅުތާލުގެ ސަބަބުން ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. ތޫނިސްގެ މިޑިޔާ ބުނާގޮތުން މަސައްކަތްތެރިންގެ ޖަމްޢިއްޔާތަކުން އިސްނަގައިގެން މިހަޅުތާލު ކުރިޔަށްގެންދަނީ މުޙައްމަދުލްބަރާހީމީ އަވަހާރަކޮށްލި ޖަރީމާއާ ދެކޮޅުހެދުމުގެ ގޮތުންނެވެ.
މުޙައްމަދުލްބަރާހީމީ އަކީ ތޫނިސްގެ ޕާލަމެންޓްގެ ވެސް މެންބަރެކެވެ. އޭނާގެ ގައިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލާފައި ވަނީ ތޫނިސްގެ ވެރިރަށުގެ އިރުއުތުރުގައިވާ އިރްޔަނާ ސްޓޭޓްގައި ހުންނަ އޭނާގެ ގޭގެ ކުރިމަތީގައި ހުންނަވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. މީޑީޔާ ރިޕޯޓްތައް ބުނާ ގޮތުން މުޙައްމަދުލްބަރާހީމީގެ ގައިކޮޅަށް ބަޑިޖަހާފައި ވަނީ މޮޓޯސައިކަލެއްގައި އައި ދެމީހަކު ވަރަށް ގާތުން އޭނާގެ ބޮލަށް ބަޑިޖަހައިގެންނެވެ.
ތޫނިސްގެ ދާޚިލީ ވުޒާރާ ބުނާގޮތުން މުޙައްމަދުލްބަރާހީމީ އަވަހާރަކޮށްލާފައި ވަނީ ތޫނިސްގެ އިދިކޮޅު އެހެން ލީޑަރެއް ކަމަށްވާ ޝުކްރީ ބިލްޢީދު މިދިޔަ ފެބްރުއަރީ މަހު އަވަހާރަކޮށްލި ބާވަތުގެ ހަތިޔާރަކުންނެވެ. މި ދެ ބޭފުޅުން ވެސް އަވަހާރަކޮށްލާފައި ވަނީ ތޫނިސްގައި ސިޔާސީގޮތުން ގަޑުބަޑުއުފައްދައި ސަރުކާރާއި އިދިކޮޅު ފަރާތްތައް ޖައްސައި ފިތްނަވެރި ކުރުވުމުގެ ބޭނުމުގައި ކަމަށް ތޫނިސްގެ ރައީސް މުންސިފް އަލްމަރްޒޫޤީ އާއި ބޮޑުވަޒީރު ޢަލީ އަލްޢުރައްޔިޟު ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިދެ ޖަރީމާ ހިންގިކަމަށް ވެސް ޝައްކު ކުރެވިފައި ވަނީ 2011 ވަނައަހަރު ތޫނިސްއަށް އައި ރައްޔިތުންގެ އިންޤިލާބުގައި ވެރިކަމުން ދުރުކުރެވުނު ކުރީގެ ރައީސް ޒައިނުލްޢާބިދީން ބިންޢަލީ އަށް ސަޕޯޓްކުރާ ފަރާތްތަކުގެ މައްޗަށެވެ. ނަމަވެސް މިކަން އަދި ސާބިތު ކުރެވިފައެއްނުވެ އެވެ. (އަލްޖަޒީރާ)