27 Jul 2013, 10:13
މިސްރުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީއަކީ އެގައުމުގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބު ކާމިޔާބުކުރައްވައި، ވެރިކަމަށް ވަޑައިގެންނެވި އެގައުމުގެ ފުރަތަމަ މަދަނީ ރައީސެވެ. ޒަމާނުއްސުރެ މިސްރުގައި އޮތް ހުޅަނގާއި ޔަހޫދީންނާ ރަހުމަތްތެރި ސިޔާސަތާ ވަރަށް ދެކޮޅު ބޭފުޅެއްގެ ގޮތުގައި މުރުސީ ރައީސްކަމަށް ވަޑައިގެންނެވި ދުވަހުން ދުވަހުން ފެށިގެން ވެސް ތަފާތު ގޮންޖެހުންތައް އޭނާއާ ކުރިމަތިވެވަޑައިގެންނެވި އެވެ.
ކުރީގެ ޚުދުމުޚުތާރު ވެރިޔާ މުޙައްމަދު ހުސްނީ މުބާރަކްގެ ވެރިކަމުގެ ފަހު އަހަރުތަކުގައި މުޅީން ހެން ހަލާކުވެފައި އޮތް މިސްރުގެ އިގުތިސާދު ހަމައަކަށް އެޅުވުމަކީ މުރުސީއަށް ކުރިމަތިރިވަޑައިގެންނެވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. "އިސްލާމިސްޓް ރައީސް"ގެ ގޮތުގައި ހުޅަނގުން މުރުސީ ލޭބަލްކޮށް، މިސްރަށް އިގުތިސާދީ ގޮތުން އެހީތެރިވުމާ ދެކޮޅު ހެދި އެވެ. ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ ތަންތަނުން މިސްރަށް ދޭން ހަމަޖެހިފައި ހުރި ލޯންތައް ލަސްކުރި އެވެ.
މުބާރަކްގެ ދުވަސްވަރު ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައި، ހަރަކާތްތެރިވުން މަނާކޮށްފައި އޮތް އިޚުވާނުލް މުސްލިމީންގެ ތާއީދާ އެކު ވެރިކަމަށް ވަޑައިގެންނެވި މުރުސީގެ ވެރިކަން ވައްޓާލުމަށް އޭނާގެ ރައީސް ކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރި މަސައްކަތް އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވީ އެ ގައުމުގެ ސިފައިން މިމަހުގެ ތިން ވަނަ ދުވަހު ކުރި ބަޣާވާތުންނެވެ.
މިސްރު ސިފައިން ކުރި ބަޣާވާތަށް ފަހު ޑރ. މުރުސީ ވަގަށް ނަގައި ހުރި ތަނެއް ވެސް ނޭނގޭ ގޮތަށް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. މިސްރުގެ ބަޣާވާތާ މެދު އެއް ބަޔަކު އުފާކުރި އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ އިންޓަނޭޝަނަލް އެޓަމިކް އެނަޖީ އެޖެންސީ (އައިއޭއީއޭ)ގެ ވެރިއެއްގެ ގޮތުގައި ހުންނަވައިގެން، އިރާގު ހަނގުރާމަ އަށް މަގުކޮށްޓަވައި ދެއްވި މުޙައްމަދު އަލް ބަރާދައީއާއި އޭނާއަށް ތާއީދުކުރާ މީހުންނެވެ.
މިސްރުގެ ބަޣާވާތާ މެދު ކޮންމެ ގޮތަކަށް ދެކުނު ނަމަވެސް އެބަޣާވާތުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމުގެ ކޮޅުމަތި މިހާރު ވެސް ވަނީ ފެންނަން ފަށާފަ އެވެ. މުބާރަކްގެ ވަރުގަދަ މުޚުތާރު ވެރިކަމުގެ ސަބަބުން ފިނިވެފައި އޮތް ދީނީ އަދި މަޒުހަބީ ތަޅާފޮޅުންތަކަށް މިހާރު އަންނަނީ ދިރުން ލިބެމުންނެވެ. ބަޣާވާތަށް ފަހު އުފެދިފައިވާ ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން އެންމެ ބާރަށް އަނދަން ފަށާފައި ވަނީ މަޒުހަބީ ފިތުނައިގެ އަލިފާނެވެ.
މުރުސީގެ ވެރިކަން ނިމުމުން އުފާކޮށްގެން ތިބި މިސްރުގެ ބައިމަދު ކްރިސްޓިއަނުންނަށް، ޖުލައި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ތަފާތު ހަ ހަމަލާއެއް ވަނީ އަމާޒުވެފަ އެވެ. އަރަބި ދުނިޔޭގެ އެންމެ އާބާދީ ބޮޑު، އާބާދީގައި 84 މިލިޔަން މީހުން ތިބި މިސްރުގެ އާބާދީގެ 10 ޕަސެންޓް ކަމަށްވާ ކޮޕްޓިކް ކްރިސްޓިއަނުންނަށް ދިން ހަ ހަމަލާގައި ހަތް މީހުން މަރުވެ، އެތައް ގެދޮރެއް ވަނީ އަންދާލާފަ އެވެ.
މުރުސީ އަށް ތާއީދުކުރާ މީހުންނާ ދެކޮޅަށް އަސްކަރީ ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ބަދަލު ހިފުމަށް އެމީހުން ދަނީ ސިފައިންނާއި ކްރިސްޓިއަނުންނަށް ދޭ ހަމަލާތައް އިތުރުކުރަމުންނެވެ. އެގޮތުން ބަޣާވާތުގެ ފަހުން މިއަދާ ހަމައަށް 100 މީހުންގެ ފުރާނަ ވަނީ ގެއްލިފައިވާ ކަމަށް އަލްޖަޒީރާ ބުނެއެވެ. އަދި މުރުސީއަށް ތާއީދުކުރާ މީހުންގެ ތެރެއިން އެއަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
މުރުސީއަށް ތާއީދުކުރާ މީހުން ކްރިސްޓިއަނުންނަށް ހަމަލާތައް ދޭން ފެށި މައިގަނޑު ސަބަބަކީ ބަޣާވާތަށް ފަހު ސިފައިން އުފެއްދި ގޮނޑިކޮށްކޮ ސަރުކާރަށް ކޮޕްޓިކް ކްރިސްޓިއަނުންގެ އެންމެ އިސްމީހާ ޕޯޕް ތަވާދުރުސް2 ފާޅުގައި ތާއީދު ކުރެއްވުމެވެ.
މިސްރުގެ ކްރިސްޓިއަނުންނާ އެގައުމުގެ މުސްލިމުންނާ ދެމެދު ކުރިން ކުދިކުދި ހަމަނުޖެހުންތައް ހިނގަނީ އަމިއްލަ ޒާތީ މައްސަލަ ތަކިގައެވެ. ނަމަވެސް ބަޣާވާތަށް ފަހު ޕޯޕާއި ކްރިސްޓިއަނުންގެ އިސްމީހުން އަމަލުކުރި ގޮތުން މިހާރު އެހަމަނުޖެހުންތަކަށް ވަނީ ސިޔާސީ ކުލަޖެހިފަ އެވެ.
ބަޣާވާތަށް ފަހު ހަމަނުޖެހުންތައް ފެށިފައި ވަނީ ހަމައެކަނި ކްރިސްޓިއަނުންނާ މުސްލިމުންނާ ދެމެދުގައެއް ނޫނެވެ. ޒަމާނުއްސުރެ ސުލްހަވެރިކަމުގައި ދިރިއުޅެމުން އައި މިސްރުގެ ޝިޔައީންނާއި ސުންނީނާ ދެމެދު ވެސް މިހާރު ވަނީ ހަމަނުޖެހުންތައް ފެށިފައިވާ ކަމަށް ވެސް އަލްޖަޒީރާ ބުންޏެވެ.
މިސްރުގައި ކުރި ބަޣާވާތާއި އޭގެ ފަހުން މިހާރު ހިންގަމުން އަންނަ ކަންތައް ތަކުގެ އާޚިރު ނަތީޖާއަކީ އިރާގު ފަދަ މަޒުހަބީ ތަޅާފޮޅުންތައްތަކާއި ލޭ އޮހޮރުވުންތައް ގިނަ ގައުމަކަށް މިސްރު ވުމެވެ. އެގޮތުން މެދު އިރުމަތީގެ އެއް އިރެއްގައި އެންމެ ބާރުގަދަ ގައުމު ބަލިކަށިވެ، އިނދަޖެހިގެން ދިއުން ކަމަށް ވުން ގާތެވެ.