27 Jul 2013, 09:58
އިގުތިސާދީ ތަރައްގީއާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ މައްސަލަތައް ހައްލުކުރުން ފަދަ ކަން ކަމުގައި ރާއްޖެއާ އެކު އެމެރިކާ އިން ކުރާ މަސައްތްތައް ކުރިއަށް ދާނެ ކަމަށް އެގައުމުން އަނެއްކާ ވެސް ބުނެފި އެވެ.
ރާއްޖޭގެ 48 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ދިވެހިންނަށް މަރުހަބާ ވިދާޅުވެ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ބުރާސްފަތި ދުވަހު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ދެ ގައުމަށް މަސްލަހަތު ހުރި ކަންކަމުގައި ގުޅިގެން ކުރާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
"ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން ކުރާ މަސައްކަތް އަހަރެމެން ކުރިއަށް ގެންދާނަމެވެ. އިގުތިސާދީ ތަރައްގީ އިން ފެށިގެން މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތާ ހަމައަށެވެ،" ޖޯން ކެރީގެ ބަޔާނުގައިވެ އެވެ.
ޑިމޮކްރަސީ ހިމާޔަތްކޮށް ދެމެހެއްޓުމަށް ރާއްޖެ އިން ކުރާ މަސައްކަތަށް އެމެރިކާ އިން ތާއީދުކުރާ ކަމަށާއި އެގޮތުން އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ކެރީގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ކެރީގެ ބަޔާނުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ފަރާތްޕުޅުން ދިވެހިންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ވިދާުޅުވެފައިވެ އެވެ.
ދުނިޔޭގެ ބޮޑު ބާރެއް ކަމަށްވާ އެމެރިކާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ބަދަހި ވެފަ އެވެ. އެގޮތުން ރާއްޖޭގެ ވެރިކަން 2012 ވަނަ އަހަރު ކުއްލި ގޮތަކަށް ބަދަލުވުމާ ގުޅިގެން އުފެދުނު ނުތަނަވަސްކަން ކުޑަކުރުމަށް އެމެރިކާ އިން އެހީތެރިވި އެވެ.