މިސްރު ސިފައިން ކުރި ބަޣާވާތަކުން ވެރިކަމުން ދުރުކުރުމަށް ފަހު ހައްޔަރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީ މިނިވަން ކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ގޮވާލައްވައިފި އެވެ.

އދ. އިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ ގާނޫނުގެ ވެރިކަމާއި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމަށާއި ހައްޔަރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީއާއި އޭނާގެ ސަރުކާރުގެ އިސް އެހެން ބޭފުޅުން މިނިވަން ކުރުމަށް ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ގޮވާލައްވާ ކަމަށެވެ.

"މުރުސީ އާއި ބަންދުގައި ތިބި މުސްލިމް ބްރަދަހުޑް ޕާޓީގެ އެހެން ލީޑަރުން މިނިވަންކޮށް، ހާމަކަމާ އެކު، ލަސް ނުކޮށް އެބޭފުޅުންގެ މައްސަލަތައް ބެލުމަށް މިސްރުގެ ވަގުތީ ސަރުކާރަށް ބާން ގޮވާލައްވަ އެވެ،" އދ.ގެ ބަޔާނުގައިވެ އެވެ.

ސުލްހަވެރިކަމާކަމާ އެކު މުޒާހަރާކުރުމުގެ ހައްގު މިސްރުގެ ހުރިޙާ ރައްޔިތުން ވެސް ބޭނުން ކުރުމަށް ބާން ތާއީދުކުރައްވާ ކަމަށާ ހުރިހާ އެންމެން ވެސް ކެތްތެރިވުމަށް އޭނާ ގޮވާލައްވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ހުރިހާ ފަރާތްތަކަކުން ވެސް ދޫދީ، މަޝްވަރާކޮށްގެން މިސްރަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް ވެސް ބާން ވަނީ ގޮވާލައްވާފަ އެވެ. މިސްރުގައި ޑިމޮކްރަސީ އަލުން ގާއިމްކޮށް، މަދަނީ ވެރިކަމެއް އިއާދަކުރުމަށް ވެސް އޭނާ ގޮވާލައްވާފައިވެ އެވެ.

މިމަހުގެ ތިން ވަނަ ދުވަހު މިސްރު ސިފައިން ކުރި ބަޣާވާތެއްގައި އެގައުމުގެ ރައީސް ކަމުން މުރުސީ ދުރުކުރި ފަހުން އޭނާ އަށް ތާއީދުކުރާ މީހުން އަންނަނީ ކޮންމެ ދުވަހަކު ވެސް މުޒާހަރާތައް ކުރަމުންނެވެ. އަދި އެމުޒާހަރާތައް ހުއްޓުވުމަށް މިސްރު ސިފައިން ބަޑިޖެހުމުގެ ސަބަބުން އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.