ސަލާމަތީ ސަބަބުތަކަށް ޓަކައި ނެޝަނަލް އާޓް ގެލެރީގައި ރާއްޖެ ޓީވީން މިރޭ ބާއްވަން އުޅުނު އެގްޒިބިޝަން ހުޅުވިޔަ ނުދީ، ތަޅުދަނޑި ހިފަހައްޓައިފި އެވެ.

ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާ މިނިސްޓަރު އަހުމަދު އަދީބު "ސަން"އަށް މިރޭ ވިދާޅުވީ އާޓް ގެލެރީގައި ބާއްވަން އުޅުނު އާޓް އެގްޒިބިޝަން ކުރިއަށް ގެންދިއުން ހުއްޓުވީ އެ މިނިސްޓްރީ އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސަމާލަތީ ސަބަބުތަކަށްޓަކައި ކަމަށެވެ. ނަމަވެސް އެ މިނިސްޓްރީ އަށް ލިބުނީ ކޮން މައުލޫމާތެއް ކަމެއް އަދީބު ވިދާޅެއް ނުވެ އެވެ.

ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީން ވިދާޅުވީ މިރޭ ރާއްޖޭ ޓީވީގެ ފަރާތުން އާޓް ގެލެރީގައި ބާއްވަން އުޅުނު އެގެޒިބިޝަން ބާއްވަން ނިންމީ ގާނޫނީ ގޮތުން ފުރިހަކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި "ދެ ފިޔަވަޅު ފަހަތަށް" މި ނަމުގައި ކުރެހުމުގެ މައުރަޒެއް ބޭއްވުމަށް ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ)އާއެކު ރާއްޖެ ޓީވީން އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އާޓްގެލެރީ ރާއްޖެ ޓީވީ އަށް ތިން ދުވަހުގެ މުއްދަތަށް ދޫކޮށްފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިނިވަން ދުވަހާ ގުޅުވައިގެން ދެ ފިޔަވަޅު ފަހަތަށް މި ނަމުގައި ބާއްވަން އުޅުނު ކުރެހުމުގެ މައުރަޒު ބޭއްވުމުގެ ކުރިން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަ ކުރިން އެގޮތުން މައުރަޒު ބޭއްވުމަށް ޓަކައި. އެންސީއޭ އާއި އަޅުގަނޑުމެންނާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނު. އަދި އެ އެއްބަސްވުމުގެ ދަށުން އާޓް ގެލެރީ ތިން ދުވަހަށް ރާއްޖެ ޓީވީ އަށް ދުކޮށްފައި ވަނީ. އަދި ޖުމްހޫރީ މައިދާނުގައި މިނިވަން ދުވަހާ ގުޅުވައިގެން ޕްރޮގުރާމްތަކެއް ކުރިއަށް ދާތީ އަޅުގަނޑުމެން ވާނީ މި އެގްޒިބިޝަން ބާއްވާކަން ސިފައިންނަށާއި ފުލުހުންނަށް ވެސް ރަސްމީކޮށް އަންގާފައި،" ޔާމީން ވިދާޅުވި އެވެ.

ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ވިދާޅުވީ ރާއްޖެ ޓީވީން އާޓް ގެލެރީގައި އެގެޒިބިޝަން ބާއްވަން ހުއްދަ ދިންއިރު، ސަމާލަތީ ގޮތުން ކަންތައްތަކެއް ދިމާވެދާނެ ކަމަށް ކުރިން އެނގިފައި ނުވާ ކަމަށެވެ. އަދި އެ މައުލޫމާތު އެ މިނިސްޓްރީ އަށް ލިބުމާ އެކު މިރެއާއި މާދަމާގެ ނިޔަލަށް އެއްވެސް އާޓް ގެލެރީގައި އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާނެ ކަމަށެވެ.

ސަލާމަތީ ސަބަބުތަކަށް ޓަކައި ސަލްޓަން ޕާކުގައި ހުންނަ ނެޝަނަލް އާޓް ގެލެރީގައި ރާއްޖެ ޓީވީން މިރޭ ބާއްވަން އުޅުނު އެގްޒިބިޝަން ހުޅުވިޔަ ނުދީ، އެ ތަނުގެ ތަޅުގަނޑު ސިފައިން ހިފެހެއްޓި އިރު، ދައުލަތުގެ އިއްޒަތް ނުވަ ބޭފުޅަކަށް އެރުވުމުގެ ރަސްމިއްޔާތެއް ޖުމްހޫރީ މައިދާނުގައި ކުރިއަށް ދިޔަ އެވެ. އަދި މާދަމާ ރޭ ގައުމީ ދާރުލް އާސާރުގައި މިނިވަން ދުވަހުގެ ހާއްސަ ހަފްލާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.