27 Jul 2013, 00:14
ވެރިކަން ދެމެހެއްޓުމުގެ ބޭނުމުގައި ގައުމުގެ ހަރުމުދާތައް "ތަބަކަކަށް ލާފައި" ބޭރުގެ ފަރާތްތަކަށް ދިއްކޮލުމަށް ބައެއް ފަރާތްތަކުން ފަސްނުޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 48 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ރައީސް ޑރ. ވަހީދު ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މުޖުތަމައު ތެރޭގައި ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު އެކަންކަމުގެ ތެރެއަށް ވަނުމަށް ބޭރުގެ ބައެއް ފަރާތްތަކަށް ދައުވަތުދޭ ބަޔަކު ވެސް އުޅޭ ކަމަށާއި ނަމަވެސް ދިވެހި ގައުމުގެ ސިޔާދަތާ ގުޅޭ ކަންކަމުގައި އެންމެން އެއްގަލަކަށް ނޭރޭ ނަމަ ދިވެހި ދައުލަތް ފެއިލް ވެގެންދިއުމަށް މާގިނަ ދުވަހެއް ނުނަގާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ދިދަ ނެގުމުގެ ރަސްމިޔާތަށް ފަހު ގައުމާ މުހާތަބު ކުރައްވައި ރައީސް ޑރ. ވަހީދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މަސައްކަތްތެރިންގެ މުސާރަ އާއި ގައުމަށް ބޭނުންވާ ތެލާއި ސަބްސިޑީ ދިނުމަށް ބޭނުންވާ ފައިސާ އާ ލިބެނީ އެހެން ގައުމެއްގެ ހެޔޮކަމުން ކަމަށްވާ ނަމަ އެ ދައުލަތުގެ ސިޔާދަތު ހިމާޔަތްކުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި ރައްޔިތުންނަކީ ބޭސްފަރުވާ އަށް ސަލާން ޖަހަން ނުޖެހޭ ބަޔަކަށް ހަދައި ސަރުކާރުން އެހެން ގައުމުތަކުގެ ބޭސް ސިޓީ އަށް ސަލާމްޖަހައިގެން ކަމަށްވާ ނަމަ އެ ގައުމެއްގެ މިނިވަންކަމާ މެދު އެހެން ކަމުތަކުން ސުވާލު އުފައްދާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެ މޭރުމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ގައުމުގެ މިނިވަންކަން ހިފެހެއްޓޭނީ އިގްތިސާދީ ގޮތުން ގައުމުނަގާ ކޮޅަށް ޖެހިގެން ކަމަށާއި މުސާރަވެރިނަށް މުސާރަ ދިނުމުގައި އަމިއްލަ އާމްދަނީ ނުޅެދިގެން ކަމުގައި ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެން ގައުމުގެ އިގްތިސާދު ނެގެހެއްޓުމަށް ކުރެއްވި މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އިރު ގައުމު އޮތީ ދާހިލީ ހަމަނުޖެހުންގަނޑެއްގެ ތުންމަތީގައި ކަމަށާއި ސިޔާސީގޮތުންނާއި އިގްތިސާދީ ގޮތުން ގައުމު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ދައުލަތުގެ ދަރަނި 23 ބިލިއަނުގައި އޮތް އިރު އަދި ނުދައްކާ ހުރި ދެ ބިލިއަން ރުފިޔާގެ ބިލްތަކުގެ ތެރެއިން 1.7 ބިލިއަން މިހާރު ދައްކާފައިވާ ކަމަށް ފާހަގަ ކުރެއްވެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ "ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާގެ ލަގަބު"އެއް ބޭފުޅުކަށް އަދި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ (ނ.އ.އ.ވ) ލަގަބު ނުވަ ބޭފުޅަކަށް މިރޭ އަރުވާފަ އެވެ.