09 Nov 2010, 09:46
ހއ. ފިއްލަދޫ ގޭ ގޭގެ ކޮޓަރިތަކާއި ގިފިލިތަކުގައި ކެމެރާ ހަރުކޮށް ޒުވާން އަންހެން ކުދިންގެ ބަރަހަނާ މަންޒަރުތަކާއި ދެމަފިރިކަމުގެ ގުޅުންތައް ރިކޯޑު ކުރަމުންދިއުމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުން އަލުން އިންޖީނު ގޭގެ ވަޒީފާއަށް ނުކުމެއްޖެ އެވެ.
ފިއްލަދޫން ވާހަކަ ދެއްކި މީހަކު ބުނީ ރީޑިން ނަގާ ކަމަށް ބުނެ ގޭގޭގެ ކޮޓަރިތަކާއި ފާހާނާތަކުގައި ކެމެރާ ހަރުކޮށް ވީޑިއޯ ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި އެރަށު ވީސަންގޭ އަބްދުއްރަހުމާން ޝަރީފާއި ރައީބީއީމަންޒިލް އަހުމަދު ޝަހީމާއި ވޮޝިންޓަން ހައުސް އަހުމަދު ވަހީދު ވެސް އެނބުރި ރަށަށް އައިސް އިންޖީނު ގޭގެ ވަޒީފާއަށް ނުކުމެފައިވާ ކަމަށެވެ.
ފިއްލަދޫ އަންހެނަކު ބުނީ ތިން މީހުން ވެސް ރަށަށް އައިތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އިންޖީނު ގެއަށް ނުކުންނަށް ފެށީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ.
"އެމީހުން ވަޒީފާ އަދާ ކުރަމުން އެބަދޭ. އެކަމަކު ރީޑިން ނަގާކަށް އަދި ނާދޭ. މިރަށުގެ ވަރަށް ގިނަ މީހުން ވަނީ އެކަމާ ހިތްހަމަ ނުޖެހިފައި އެމީހުންގެ މައްސަލަ ނުނިމެނީ އެމީހުން ވަޒީފާއަށް ނެރުމުން،" އޭނާ ބުންޏެވެ.
ފިއްލަދޫ ތިން މީހުން ތަހުގީގަށް ފަހު ދޫކޮށްލީ އެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ގާޒީ އަށް ފެނިވަޑައިނުގަތުމުން މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެމީހުން ހައްޔަރު ކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.