ދިވެހި ދައުލަތުގެ އެންމެ މަތީ ލަގަބު، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާގެ (ނޣޢވ) ލަގަބު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދެއްވައިފި އެވެ.

ރާއްޖޭގެ ވެރިކަން 1978 އިން ފެށިގެން 2008 އަށް ކުރެއްވި ރައީސް މައުމޫނަށް ނިޝާން ޣާޒީ އިއްޒަތުގެ ވެރިޔާގެ ލަގަބު އެރުވީ މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި މިނިވަން ދުވަހުގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ނިޝާން ގާޒީ އިއްޒަތުގެ ވެރިޔާގެ ލަގަބު މީގެ ކުރިން އަރުވާފައި ވަނީ ރާއްޖޭގެ ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، އަދި ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި ސުމުއްމުލް އަމީރު އިބްރާހިމް ނާސިރަށެވެ.

ރައީސް މައުމޫނަށް ދައުލަތުގެ އެންމެ މަތިވެރި ޢިއްޒަތް އެރުވީ، އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނަވައިގެންނާއި އެ މަޤާމާ ޙަވާލުވެވަޑައިގަތުމުން ކުރިން ވެސް ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމަށާއި ދިވެހި ދައުލަތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދްމަތްތަކާއި އަދި އެމަނިކުފާނު ވެރިކަމުގައި ހޭދަކުރެއްވި 30 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެއަށް އެކި ރޮނގު ރޮނގުން ގެނެސްދެއްވާފައިވާ ކުރިއެރުންތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ފަސް ބޭފުޅަކަށް އެރުވި އެވެ. އަދި ދިވެހި ދައުލަތުގެ ޢިއްޒަތް އެރުވުނީ ތިން ބޭފުޅަކަށެވެ.

ދައުލަތުގެ މަތިވެރި ޢިއްޒަތް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިކަން (ނޢޢވ) ލިބިވަޑައިގެންނެވި ފަސް ބޭފުޅުންނަކީ އައްބާސް އިބްރާހީމަށާއި، ޢަބްދުއްރަޝީދު ޙުސައިނަށާއި އަނީސާ އަޙްމަދަށާއި އިސްމާޢީލް ފަތުޙީއަށެވެ. ނިޝާން ޢަސްކަރީގެ ވެރިކަން އެރުވުނީ މޭޖަރ ޖެނެރަލް ރިޓަޔާޑް މުޙަންމަދު ޒާހިރަށެވެ.

ދިވެހި ދައުލަތުގެ ޢިއްޒަތް، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ލިބިވަޑައިގެންނެވި ތިން ބޭފުޅުންނަކީ ޗަމްޕާ ޙުސައިން ޢަފީފާއި ޤާސިމް އިބްރާހީމާއި އަލްފާޟިލް ޗަމްޕާ މުޙަންމަދު މޫސާއަށެވެ.