26 Jul 2013, 23:19
މިއަހަރުގެ ފިތުރު އީދާ ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބައިބަލާ މުބާރާތުގައި މިފަހަރުވެސް 40 އަށް ވުރެ ގިނަ ޓީމް ބައިވެރިވާނެ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ބުނެފި އެވެ.
ބައިބަލާ އެސޯސިއޭޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ އެހެން އަހަރު ތަކެކޭ ވެސް އެއްގޮތައް މިއަހަރުގެ މުބާރާތުގައި ވެސް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު މުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ ނިއަލަށް ކަމަށެވެ. އަދި މިހާތަނަށް މުބާރާތުގައި ބައިވެރި ވުމަށް އެދި މިހާރުވެސް 35 ޓީމް ފޯމް ހުށަހަޅާފައިވާ ކަމަށާއި އެގޮތުން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ހަމަވުމުގެ ކުރިން މުބާރާތުގައި 40 އަށް ވުރެ ގިނަ ޓީމް ބައިވެރި ވާނެ ކަމަށް އައްސަދު ވިދާޅުވި އެވެ.
އައްސަދު ވިދާޅުވީ މުބާރާތުގެ ގަވާއިދާއި މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް އަވިސްޓާ ރެސްޓޯރަންޓުން ލިބެން ހުންނާނެ ކަމަށެވެ.
ބައިބަލާ އެސޯސިއޭޝަނުން ބުނީ އެހެން އަހަރު ތަކާ ހިލާފަށް މިފަހަރުގެ ޗެމްޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ދެވޭ ފައިސާގެ އަގު ބޮޑުވާނެ ކަމަށާއި އެގޮތުން މިފަހަރުގެ ޗެމްޕިންއަން ޓީމަށް 75،000ރ. އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް މިފހަރު ދޭން ނިންމާފައި ވަނީ 40،000ރ. ކަމަށެވެ.
މިދިޔަ އަހަރު ބޭއްވި ބައިބަލާ މުބާރާތުގެ ޗެމްޕިއަންޓީމަށް 50،000ރ ހުށަހަޅާފައި ވާއިރު ރަނަރަޕް ޓީމަށް އެފަރު ހުށަހަޅާފައި ވަނީ 25،000ރ އެވެ.
މި މުބާރާތް މިދިޔަ އަހަރު ކާމިޔާބުކުރީ ބީޖީ ސްޕޯޓްސް އެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 44 ޓީމް ވާދަކުރި އެވެ.