ޓީރެކްސް ބާސްކެޓް ބޯލް ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ ތްރީ އޮން ތްރީ ބާސްކެޓް ބޯޅަ މުބާރާތުގައި ޖުމްލަ 32 ޓީމް ބައިވެރިވެއްޖެ އެވެ. މިއީ މިމުބާރާތް ޓީރެކްސްއިން ބާއްވާ ފަސް ވަނަ ފަހަރެވެ.

"ސަން"އާ ވާހަކަ ދައްކަމުން މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތް ތެރިވާ އިލްޔާސް އިބްރާހީމް (އިއްލެ) ބުނީ ރަމަޟާން މަހަށް ޚާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި މިފަހަރު ޖުމްލަ 31 ޓީމް ބައިވެރިވާ ކަމަށާއި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އިއްލެ ބުނީ މުބާރާތުގައި ބައިވެރިވާ 32 ޓީމް ހަ ކެޓަގަރީއަކަށް ބަހާލެވިފައި ވާކަމަށެވެ. އަދި އެ ކެޓަގަރީ ތަކަކީ ސީނިއާ ފިރިހެން ކެޓަގަރީން ވާދަކުރާ 12 ޓީމާއި ސީނިއާ އަންހެން ކެޓަގަރީން ވާދަކުރާ ހަތަރު ޓީމާއި ވެޓަރެންސް ކެޓަގަރީން ވާދަކުރާ ތިން ޓީމާއި ޖޫނިއާ އަންހެން ކުދިންގެ ކެޓަގަރީން ވާދަކުރާ ހަޓީމް އަދި ޖޫނިއާ ފިރިހެން ކެޓަގަރީން ވާދަކުރާ ހަ ޓީމް ކަމަށެވެ.

މުބާރާތުގެ ފިރިހެން ސީނިއާ ކެޓަގަރީން ޗެމްޕިއަންކަން ހޯދާ ޓީމަކަށް 14000 ރުފިޔާ ލިބޭއިރު، ސީނިއާ އަންހެން ޗެމްޕިއަން ޓީމަކަށް 6000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ އެހެން ކެޓަގަރީ ތަކުން ޗެމްޕިއަންކަން ހޯދާ ޓީމް ތަކަށް ވެސް ތަފާތު އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މުބާރާތް ކުރިއަށްދާ ވަގުތު ކުޅިބަލަން ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަކޮށްގެން ވެސް ތަފާތު މުބާރާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އެމުބާރާތް ތަކުން ވެސް ވަނަ ވަނަ އަށް އަންނަ ފަރާތްތަކަށް އިނާމް ލިބޭނެ ކަމަށް ތްރީ އޮން ތްރީ ބާސްކެޓް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.

މުބާރާތުގެ ކުޅުން ކުރިއަށް ދާނީ ކޮންމެ ރެ އެއްގެ 9:15 ގައި ރާޅުގަނޑު ސަރަހައްދުގައެވެ.