ގއ. ވިލިނގިލީގައި ޒުވާނެއްގެ ގަޔަކަށް ވަޅި ހަރައި، މިރޭ ޒަހަމްކޮށްލައިފި އެވެ.

ގއ. ވިލިނގިލީގައި މިރޭ އިރާކޮޅު ހަމަލާދީގައި ވަނީ އެ ރަށު ހުދުވިލާގޭ އާތިކް އިބްރާހިމް، 24، އަށެވެ. އޭނާގެ ބުރަކަށްޓަށާއި ދަތްދޮޅިއާ ދިމާލުން ވަނީ ވަޅި ހަރާފައިވެ އެވެ.

ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ސީރިއަސް ކަމުން މިރޭ މާލެ އަށް ފޮނުވުމަށް ޓަކައި ކޫއްޑޫ އެއާޕޯޓަށް އޭނާ ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފު ވިދާޅުވީ ވިލިނގިލީގައި މިރޭ ހިނގައި ދިޔަ މާރާމާރީއެއްގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދިނުމުން، އެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ ތަފްސީލެއް އަދި އޭނާ ހާމައެއް ނުކުރެ އެވެ.

އާތިކްގެ ބޭބެ އަހުމަދު ހަސަން ދީދީ ބުނީ ކޮއްކޮއަށް ހަމަލާދީނީ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ކަމަށާއި އެއީ ކޮންބައެއް ކަމެއް ކޮއްކޮއަށް ނޭނގޭ ކަމަށެވެ. އެ މީހުން ކޮއްކޮޔަށް ހަމަލާދިނުމަށްފަހު ފިލާފައިވާ ކަމަށާއި ފުލުހުން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.