26 Jul 2013, 21:28
ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ހުރަސްއަޅައި އެމަނިކުފާނާ އެކު ގދ. ތިނަދޫ އަށް ވަޑައިގެންނެވި ބައެއް ބޭފުޅުންނަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުން ތަހްގީގަށް މާލެ ގެނެސްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު މާލެ ގެނެސްފައި ވަނީ މި މަހުގެ ކުރީކޮޅު ކަމަށާއި އަނެއް ތިން މީހުން މާލެ ގެނައީ އިއްޔެ ކަމަށެވެ.
މާލެ ގެނެސްފައިވާ ހަތަރު މީހުންނަކީ ގދ. ތިނަދޫ އޮޅުތެރޭގޭ ތަމްދީހު މުހައްމަދު އާއި އެ ރަށު ބްލޫހެވަންއާގޭ އަމްޖަދު މުހައްމަދުގެ އިތުރުން އުދަ ޝަހީދު ހަސަން އާއި ލާލުބާޢުއާގޭ އަހްމަދު ސަލީމް އެވެ.
މީޑިއާ އޯފިޝަލް ވިދާޅުވީ އެ މީހުންނަށް ކޯޓުން ޖަހާދީފައިވާ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 31 ވަނަ ދުވަހަށް ކަމަށެވެ.
އެ މީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެ ހަތަރު މީހުން އިތުރު ބަޔަކާ އެކު ރައީސް ވަހީދު އެ ރަށް ވަޑައިތުމާ ދެކޮޅަށް ހަޅޭއްލައްވައި ތަނުގެ މަސްލަހަތު ނަގާލައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އެމަނިކުފާނާ އެކު އެ ރަށަށް ވަޑައިގެންނެވި ބައެއް ބޭފުޅުންނަށާއި ފުލުހުންނަށް ހަމަލާދިން ކަމުގެ ތުހުމަތެވެ.
ރައީސް ވަހީދު ތިނަދޫ އަށް ވަޑައިގަތީ އެމަނިކުފާނުގެ ކޯލިޝަންގެ ކެމްޕޭން ޖަލްސާއެއް ބޭއްވުމަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ތިނަދޫ ގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި އެމީހުންގެ ތެރެއިން ތަމްދީހުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.
އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އިތުރު ބަޔަކާ އެކު ތިނަދޫ ޕޮލިސް ޓޭޝަން ދޮށަށް އެއްވެ ފުލުހުންނަށް ހަމަލާދީ، ޕޮލިސް ޓޭޝަންގެ އިމާރާތަށާއި މުދަލަށް އޭނާ ގެއްލުންދީފައިވާ ކަމަށެވެ. އަދި ގދ. އަތޮޅު ކައުންސިލް އިދާރާގެ ބޭރުގައި ހުރެ އެ އިދާރާ ތެރެއަށް ވަދެ އުޅުނު މީހުންނަށް އެ އިދާރާއަށް ގެއްލުންދިނުމަށް ގޮވާ ހަދާފައިވާ ކަމަށް ވެސް ދައުލަތުން ތަމްދީހުގެ މައްޗަށް ކުރި ދައުވާގައި ވަނީ ބުނެފަ އެވެ.