26 Jul 2013, 20:45
ކޮންމެ ދެމީހަކީވެސް މިޒާޖުގެ ގޮތުންނާއި ވިސްނުމުގެ ގޮތުން ތަފާތު ހިޔާލު ގެންގުޅޭ ދެމީހުނެވެ. އެހެން ކަމުން ބައިވެރިޔާ އާއި މައްސަލަ ޖެހި ހިޔާލު ތަފާތު ވުމަކީ ދިމާވެދާނެ ކަމެކެވެ. މައްސަލަތަކަށް ހައްލު ނުހޯދި ފުނި ޖެހެން ފެށުމުން އެންމެ ފަހުން ދެމީހުން ވަކިވާންޖެހޭ ހިސާބަށް ކަންތައްތައް ދެއެވެ. މިހެން ކަމުން ކޮންމެ ބައިވެރިޔަކު ވެސް ތިމާ ލޯބިވާ މީހަކާ އެކު އުޅެން ބޭނުން ނަމަ މައްސަލަ ޖެހުމުން އަވަހަށް ހައްލު ހޯދުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ.
މިގޮތުން މައްސަލަ ހައްލު ކުރަން ބަލާއިރު އެންމެ ބޮޑު އިސްކަމެއް ދެމީހުން ވެސް ދޭން ޖެހެނީ ރުޅި އަޔަސް ބައިވެރިޔާ އާއި ދިމާއަށް ހަޅޭއް ނުލެވުމަށެވެ. އަދި ބައިވެރިޔާގެ ވެސް ހިޔާލަށް އިހްތިރާމް ކުރުމަށެވެ. ދެވަނަ ކަމަކަށް އަސްލު މައްސަލަ ހޯދައި އެ މައްސަލައަށް ވާހަކަ ދައްކައި ތިމާ އަށް އެކަމުން ކުރާ އިހްސާސްތައް ބައިވެރިޔާއަށް ކިޔައިދޭށެވެ. މި ދެކަންތައް ކުރެވޭތޯ އެންމެ ފުރަތަމަ ބަލާށެވެ. މީގެ އިތުރުންވެސް ކުރެވިދާނެ އަދި ވިސްނުން ބަހައްޓަން ކޮންމެހެން މުހިއްމު ކަންތައްތަކުގެ ތެރޭގައި:
• ހަނދާންކުރަން ޖެހޭ ކަމަކީ މިއީ ރޭހެއް ނޫން ކަމެވެ. އަދި މޮޅުވާންވެގެން އަމިއްލަ އަށް ބައިވެރިޔާ އަށް ނުގުޅަން ހުއްޓާ ބައިވެރިޔާ ގެއްލިވެސް ދާނެ ކަމެވެ. ދެމީހުން ކުރެ ކޮންމެ މީހަކު ވިޔަސް، މައްސަލަ ހައްލު ކުރަން އިސްނެގުމަކީ އެންމެ ރީތި ގޮތެވެ. އެއީ ތިމާގެ ކުށަކުން މައްސަލަޖެހުނު ކަމުގައި ވިޔަސް ނުވިޔަސް މެއެވެ. ވާހަކަ ދެއްކުމަށް އިސްނެގުމަކީ ދެރަކަމެއް ނޫނެވެ. އަދި ބައިވެރިޔާ ކުރިމަތީ ތިމާ އަގު ވެއްޓޭ ކަމެއް ވެސް ނޫނެވެ. މިކަމުން ދައްކައިދެނީ ތިމާ އެ ގުޅުން ދަމަހައްޓަން މަސައްކަތް ކުރާ ކަމެވެ. ތިމާއަށް އެ ގުޅުމުގެ މުހިއްމު ކަމެވެ. އަދި މައްސަލަ ހައްލުކުރަން އިސްނެގުމުން ބައިވެރިޔާ ވެސް އެކަމާ ބައިވެރި ވާނެއެވެ.
އެހެން ކަމުން ގިނަ ދުވަސް ވަންދެން ކާކުތޯ ގުޅާނީ ނުވަތަ ކާކުތޯ ފުރަތަމަ ވާހަކަ ދައްކާނީ ބަލަން ހުރުމުގެ ބޭނުމެއް އަސްލު ނެތެއެވެ. މުހިއްމީ ވީހާވެސް އަވަހަށް އެ މައްސަލައެއް ހައްލު ވުމެވެ.
• މައްސަލަ ޖެހިފައި ތިބޭ ވަގުތުގައި ބައިވެރިޔާއަށް ވާހަކަ ދައްކަން ވާނީ ރީތި ކޮށެވެ. ވާހަކަ ދެއްކޭ ގޮތަކުން ތިމާގެ ކުށެއް އެ ޖެހިގެން އުޅޭ މައްސަލައިގައި ނެތަސް ބުނަން ބޭނުން ވެގެން އުޅޭ ވާހަކަ ބައިވެރިޔާ އަށް ނޭނގި ހިނގައިދާނެއެވެ. ނުވަތަ މާ ރުޅިއައިސްގެން ޒުވާބު ކުރާ ގޮތަށް ވާހަކަ ދެއްކުމުން ތިމާގެ ބައިވެރިޔާ ވެސް އިތުރަށް ރުޅިގަދަ ވެދާނެ އެވެ. ދެން ހަގީގަތުގައި ވެސް ފެށޭނީ ޒުވާބެވެ.
ވާހަކަ ދައްކާއިރު "ދުވަހަކުވެސް ނުކޮށްދޭ" ނުވަތަ "އަބަދު ހަދާގޮތޭ" ކަހަލަ ބަސް ބޭނުން ނުކޮށްވޭތޯ ބަލާށެވެ. ދުވަހަކުވެސް މިވަނިކަމެއް ނުކޮށްދޭ ބުނުމުން ބައިވެރިޔާ ވެސް އޭނަގެ ދިފާއުގައި ވާހަކަ ފަށާނެ އެވެ. އެންމެ ފަހުން އަސްލު މައްސަލަ އޮތްތާ އޮއްވާ އިތުރު މައްސަލަތައް ފެންމަތި ވާނެއެވެ. އެހެން ކަމުން ވާހަކަ ދައްކާއިރު ސީދާ މައްސަލައަށް އަމާޒުކޮށް ވާހަކަ ދެއްކޭތޯ ބަލާށެވެ. އަދި އެންމެ މުހިއްމުކޮށް ހަނދާން ބަހައްޓަން ވާނީ ބައިވެރިޔާ އާއި ދިމާއަށް ހުތުރު ނަމުން މުހާތަބު ނުކުރުމަށެވެ. ކޮންމެ ގޮތެއްވިއަސް ދެނެގަންނަން ޖެހޭނީ މިއީ ތިމާ ލޯބިން އެކީ އުޅޭ ބައިވެރިޔާ ކަމުގައެވެ. އެހެން ކަމުން އަންނަ ރުޅީގައި ހިތަށް އައިހާ އެއްޗެއް ގޮވުމަކީ ބައިވެރިޔާ އަށް އިހުތިރާމް ނުކުރާކަމުގެ ނިޝާން ތަކެވެ. ކިތަންމެ ރުޅި އަޔަސް ބަލަން ވާނީ ބައިވެރިޔާގެ އިހްތިރާމް ނުގެއްލޭ ގޮތަށް ތިމާގެ އަމަލު ތަކާއި ބަސްތައް ބޭނުން ކުރުމަށެވެ.
• ހުރިހާ މައްސަލައެއް އެއްފަހަރާ ހައްލު ކުރުމުގެ ބަދަލުގައި ފަހަރަކު ކަމެއް ހައްލުކުރަން މަސައްކަތް ކުރާށެވެ. މިސާލަކަށް ފައިސާގެ މައްސަލަތަކެއްގެ ވާހަކަ ދައްކާ އިރު، އައިސްފަ ހުންނަ ރުޅީގައި އެކީގައި ވަގުތު ހޭދަ ނުކުރާ ވާހަކަ ދެއްކުމުން ދެ މައްސަލަ ވެސް ނުނިމި ދިގުދެމިގެން ދާގޮތް ވާނެއެވެ. ބައިވެރިޔާގެ ފަރާތުން ވެސް ވާހަކަ ދެކެވޭ ވަގުތު އެހެން މައްސަލަ ތަކެއް ނަގާކަން ފާހަގަ ވުމުން ރަނގަޅު ގޮތަކީ ބައިވެރިޔާ ކައިރީ ފުރަތަމަ މި މައްސަލަ އަށް ވާހަކަ ދައްކާ ހައްލު ކޮށްލުމަށްފަހު އަނެއް ވާހަކަ ދައްކާލަން ހިނގާށޭ ބުނެލުމެވެ.
• މައާފަށް އެދުމުގެ އާދަ ހިފޭތޯ މަސައްކަތް ކުރާށެވެ. ތިމާގެ ބައިވެރިޔާ އާއި ދިމާއަށް ގޯސް އެއްޗެއް ބުނެވުމުން ނުވަތަ ތިމާގެ ކުށަކުން ބައިވެރިޔާ ހިތްހަމަ ނުޖެހުން ނުވަތަ އެނގިގެން ވެސް އެހެންނޫނީ ނޭނގި ނަމަވެސް ކުރެވޭ ކަމަކުން ބައިވެރިޔާ ދެރަވެފައިވާ ކަން އެނގޭ ނަމަ މައާފަށް އެދޭށެވެ. މިއީ ދެމީހުން ވެސް ކުރަންޖެހޭނެ ކަމެކެވެ. މައާފަށް އެދުމަކީ ދެރަކަމެއް ނޫނެވެ. އެހެން ކަމުން ބައިވެރިޔާގެ އިހްސާސްތަކަށް އިހްތިރާމް ކުރުމުގެ ގޮތުން މައާފަށް އެދުމުން ދެމީހުންގެ ދެމެދުގައި އޮތް ލޯބި އިތުރުވެގެން ދާނެއެވެ. ބައިވެރިޔާ ތިމާއަށް ކުރާ އިހްތިޔާމާ ގަދަރު އުފުލޭނެއެވެ.
މި ކިޔައިދިން ކަންތައްތަކަކީ ބުނަން ފަސޭހަ ނަމަވެސް ކުރަން އުނދަގޫ ކަންތައްތަކެވެ. ހާއްސަ ކޮށް ރުޅިއައިސް ހުންނަ ގަޑީގައި ރުޅި ކޮންޓްރޯލް ކުރަން ވަރަށް ބޮޑަށް އުނދަގޫ ވެއެވެ. އަދި އެގަޑީގައި ދެއްކޭ ވާހަކަ ތަކާއި ކުރެވޭ ކަންތަކުން ފަހުން ދެރަވެ ހިތާމަ ވެސް ކުރެވޭނެ އެވެ. ބައެއް ފަހަރު ބުނަން ބޭނުން ނުވާ އެތައް ވާހަކައެއް ބުނެވެއެވެ. ކުރަން ބޭނުން ނުވާ އެތައް ކަމެއް ކުރެވެއެވެ. ބައިވެރިޔާގެ އިހްސާސަށް ވުރެ ބޮޑަށް އިސްކަން ދެވެނީ އަމިއްލަ "އީގޯ" އަށެވެ. އަމިއްލަ އަށް ވިސްނެނީ އެންމެ ރަނގަޅު ގޮތް ކަމުގައި ނިންމެއެވެ. އަމިއްލަ ގަބޫލު ނުކުރެވެއެވެ. ގިނަ ފަހަރު ރުޅި ގަނޑުގައި ކުށް ގަބޫލު ކުރަން ބޭނުން ވެސް ނުވަނީ އެވެ. އަދި މައާފަށް އެދެން ޖެހިލުން ވެއެވެ. މިހެން ވަނީ ލޯބި ނުވާތީއެއް ވެސް ނޫނެވެ. އަދި ބައިވެރިޔާއަށް އިހްތިރާމް ނުކުރާތީއެއް ވެސް ނޫނެވެ.
ތިމާގެ ބައިވެރިޔާ ރުޅިއައިސްފައި ހުންނަ ވަގުތު ތިމާ ރުޅި ކޮންޓްރޯލް ކުރެވޭތޯ ބަލަންވާނެއެވެ. ދެމީހުން އެކީގައި ރުޅި ގަދަ ވުމަކީ މައްސަލަ އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ދާނެކަމެކެވެ. އެހެން ކަމުން އަބަދުވެސް މައްސަލަތައް ބޮޑު ނުކޮށް ބައިވެރިޔާ އާއި ވާހަކަ ދައްކައިގެން ވީހާ އަވަހަކަށް އެއަށް ހައްލު ހޯދުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. ވާހަކަ ދެއްކުމަކީ ކޮންމެ ކަމެއްގެ ހައްލު ލިބޭނެ މަގެވެ. އުފާވެރި ބާއްޖަވެރި ހަޔާތެއް ވޭތުކުރުމަށް މި ކިޔައިދިން ކަންތައްތަކަށް ވިސްނާލަމާތޯއެވެ.