އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމް، އާސަންދައިގެ ހިދްމަތްދޭ ހުރިހާ ތަނަކުން ވެސް އަންނަ މަހުން ފެށިގެން އެ ހިދުމަތް ފޯރުކޮށްދެމުން ގެންދާނީ އާސަންދަ އީ-ޕޯޓަލް މެދުވެރިކޮށް ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާއިން) ބުނެފި އެވެ.

އެންސްޕާގެ ޗެއާމަން ތޯރިގް އަލީ ލުތުފީ ވިދާޅުވީ، އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުމަށް މިހާތަނަށް ހުއްދަ ދީފައިވާ ހުރިހާ ހޮސްޕޮޓަލްތަކުގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލް ފިޔަވައި ހުރިހާ ތަނަކުން ވެސް މިހާރު އެ ޕޯޓަލްގެ ބޭނުން ކުރަމުން އަންނަ ކަމަށެެވެ.

"މިހާރު އޭޑީކޭ ފިޔަވައި ހުރި ހުރިހާ ހޮސްޕިޓަލެއް، އެއީ ފަހުން އުފެދުނު ސަރުކާރުގެ ތަންތަން ވެސް. މިސާލަކަށް ސެނިހިޔާ ކަހަލަ ތަންތަން ވެސް މިހާރު އެހެރީ އީ-ޕޯޓަލް ތެރޭގައި،" އެންސްޕާގެ ޗެއާމަން ވިދާޅުވި އެވެ.

އީ- ޕޯޓަލް އަކީ އާ ސަންދައިގެ ހިދުމަތް ދޭ ފަރާތްތަކާއި އެންސްޕާއާ ދެމެދު ގާއިމްކޮށްފައިވާ ނެޓްވޯކެކެވެ.

ތޯރިގް ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗުން ވެސް މިހާރު ގެންދަނީ އާސަންދަ އީ-ޕޯޓަލް އަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި އަދި އެތަނަކީ ބޮޑު ތަނަކަށް ވެފައި އެތަނުގެ ހިދުމަތަށް އަސަރެއް ކޮށްފާނެތީ ވަގުތު ދެއްވަނީ ކަމަށެވެ.

"އައިޖީއެމްއެޗާ މިވަގުތު އެހާ ބާރަށް އެ ވާހަކަ އަޅުގަނޑުމެން ނުދައްކަނީ، އައިޖީއެމްއެޗަކީ ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވެފައި، އަޅުގަނޑުމެންނަށް ކުރެވޭ ކަމެއްގެ ސަބަބުން އެތަނުގެ ސާވިސް ޑިސްޓްރަޕްޝަނެއް އަންނަން އަޅުގަނޑުމެން ބޭނުން ނުވަނީ. އެހެންވީމާ އެބޭފުޅުންގެ ސިސްޓަމް އެގޮތަށް ހުރެ، އަޅުގަނޑުމެން ބޭނުންވާ މައުލޫމާތު އެ ސިސްޓަމްގެ ތެރެއިން ލިބޭނޭ ގޮތެއް އެދުމަށް އެބޭފުޅުންނާ އެކު ވާހަކަ ދެކެވެމުން މިދަނީ،" ތޯރިގް ވިދާޅުވި އެވެ. "އޭޑީކޭއަށް ވެސް އަޅުގަނޑުމެން ދެ އޮޕްޝަނެއް މިއަރުވަނީ. އެއް އޮޕްޝަނަކީ އަޅުގަނޑުމެންގެ ސިސްޓަމަށް ބަދަލު ކުރެއްވުން. އަނެއް އޮޕްޝަނަކީ، އަޅުގަނޑުމެން ބޭނުންވާ މައުލޫމާތު، ރިއަލް ޓައިމްގައި [ވަގުތުން ވަގުތަށް] އަޅުގަނޑުމެންނަށް ލިބޭނޭ މަގު ފަހިކޮށްދިނުން."

ރާއްޖޭގެ ސިއްހީ ހިދުމަތްފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ގަވާއިދުގެ ތެރޭގައި، ޑޮކްޓަރަށް ދައްކާ ދުވަހުން ފެށިގެން ޖެހިގެން އަންނަ ފަސް ދުވަހުގެ ތެރޭގައި ބަލިމީހާ އަލުން އެތަނުން ހިދުމަތް ހޯދާ ނަމަ އިތުރު ފީއެއް ނުނެގޭ ގޮތަށް ހަމަޖެހިފައިވާނޭ ކަމަށް ތޯރިގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާސަންދައިން އެގޮތަށް އީ-ޕޯޓަލް މެދުވެރިކޮށް ހިދުމަތްދޭފަރާތުން ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުން ވަނީ، އެގޮތަށް ހުރި ގިނަ ކަންތައްތަކަކީ، އާސަންދައިން ފުރިހަމަ އަށް މޮނިޓާ ކުރެވޭ ކަންތައްތަކެއް ކަމަށްވާން ޖެހޭ އިރު އީ-ޕޯޓަލް ބޭނުން ނުކުރާ ތަންތަނުން ކަންތައްތައް ކުރާގޮތް އާސަންދަ އަށް ބޭލޭނޭ ނިޒާމެއް ގާއިމްވެފައި ނެތުމުން ކަމަށެވެ.

"ދެވަނަ ކަމަކީ، ބައެއް ތަންތާނގައި ހޮސްޕިޓަލްގެ އެޕޮއިންޓްމަންޓްތައް މިހުންނަގޮތުން، ނޯޝޯއަށް ވެސް އެބަ ޗާޖްކުރެވޭ. އެހެންވީމާ އެވެސް އަޅުގަނޑުމެންގެ ސިސްޓަމް ތެރެއިން މިއަދު ހޯދޭކަށް ނުހުރޭ. ތިންވަނަ ކަމަކީ ބައެއް ފަހަރު އަޅުގަނޑުމެންނަށް މަދުން ނަމަވެސް ބަލައިލާ އިރު ލިމިޓްތައް ހުސްވެފައި އެބަހުރޭ. އެކަމަކު އެމީހަކު އެބަބުނޭ ތިމަންނަ ލިމިޓް ޔޫޒެއް ނުކުރަމޭ،" ތޯރިގު ވިދާޅުވި އެވެ.

އެންސްޕާގެ ޗެއާމަން ވިދާޅުވީ، އެފަދަ ހުރިހާ ކަމެއް ވެސް އާސަންދައަށް ބެލެހެއްޓޭނީ، މުޅި ސިސްޓަމް ބެލެވޭނޭ ފަދަ ނިޒާމެއްގެ ތެރެއަށް ބަދަލު ވެގެން ކަމަށެވެ.

"ފުރަތަމަ އަޅުގަނޑުމެން މި ނިޒާމް އުފައްދާފައި، އަލަށް ގާއިމް ކުރެވުނު ކްލިނިކްތަކުގައި ބޭނުން ކުރަން ފެށުނީ. އޭގެ ފަހުން ދެން އައި ހޮސްޕިޓަލް، މެޑީކާ ވެސް މިހާރު ބޭނުން ކުރަމުންއެދަނީ. ދެން އޭގެ ފަހުން ސެނިހިޔާ ވެސް ބޭނުންކުރަމުން އެދަނީ. ސެނެހިޔާ އަށް ހުއްދަނުދީ އަޅުގަނޑުމެން މަޑުވެސް ކުރިން އެބޭފުޅުން މިބަދަލުތައް ގެންނަންދެން،" ތޯރިގު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ އީ-ޕޯޓަލް ބޭނުންކުރުމާބެހޭ ގޮތުން އޭޑީކޭއާ އެކު ވެސް މަޝަވަރާކުރަމުން އަންނަތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެ ކަމަށާއި އަދި ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި އޭޑީކޭއިން ވެސް އަދި އެހެން ތަންތަނުން ވެސް އާސަންދައިން އެދޭގޮތަށް ކަންތައް ކޮށްދެއްވާނޭ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.

ތޯރިގް އިތުރަށް ވިދާޅުވީ އާސަންދައޭ ބުނާއިރަށް ގިނަ ފަރާތްތަކުން ވިދާޅުވާނީ އާސަންދައިން ފައިސާ ނުދޭ ވަހަކަ ކަމަށާއި އެކަމަކު ހަގީގަތަކީ، ސުކީމް ފެށުނު ފަހުން ވެސް، އަގުތަކާއި ހިދުމަތުގެ މައްސަލަ ދިމާވެފައިވާ ބިލެއް މެނުވީ 60 ދުވަހަށް ވުރެ ގިނަ ދިވަސްވެފައިވާ ބިލެއް މިހާރު ފައިސާ ނުދެއްކި ނުވާނެ ކަމަށެވެ.