އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރައްވައިފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރެއްވިއެވެ.

"އީމާންކަމާއި އިޙްތިސާބާ އެކު ރަމަޟާން މަހު ރޭއަޅުކަން ކޮށްފި މީހެއްގެ އިސްވެދިޔަހައި ފާފަތަކެއް ފުއްސަވައިދެއްވާހުއްޓެވެ." (އަލްބުޚާރީ: ކިތާބުއްޞައުމި)

މިޙަދީޡްފުޅުން އެނގޭގޮތުގައި ރަމަޟާން މަހުގެ ރޭއަޅުކަމަކީ ވަރަށް މުހިންމު އަޅުކަމެކެވެ. ރޭއަޅުކަން ކުރުމަކީ ރޭގަނޑުގެ ހަތަރުދަމު ނަމާދުކުރުމެއް ނޫނެވެ. އާދެ، ރޭގަނޑުގެ ކަނޑައެޅިފައިވާ ވަގުތެއްގައި ނަމާދުކުރުމެވެ.

ޢިލްމުވެރީން ވިދާޅުވާގޮތުގައި ރޭއަޅުކަން ނުވަތަ ޤިޔާމުއްލައިލީގެ އެންމެ ރަނގަޅު ގޮތަކީ އެއަޅުކަން ކުރަން ބޭނުންވާ މީހާ ޢިިޝާނަމާދަށް ފަހު ނިދައިލުމެވެ. އެމީހެއްގެ ޠަބީޢީ ނިދި ފުރިހަމަކުރުމަށް ފަހު ފަޖުރުލުމުގެ ކުރިން ރޭގަނޑުގެ ފަހުބައިގައި ތެދުވެ ވުޟޫކޮށްގެން ނަމާދުކުރަން ފެށުމެވެ. ރޭގަނޑުގެ ފަހުބައިގެ ހަމަހިމޭން ވަގުތުގައި ތިމާޔަށް ތައުފީޤުލިބުނު މިންވަރަކަށް ނަމާދުކުރުމެވެ. ރަކްޢަތްތަކުގެ ޢަދަދު އިތުރުކުރުމެވެ. ވީހާވެސް ދިގުކޮށް ޤުރްއާން ކިޔެވުމާ އެކުގައެވެ. ތިމާގެ ހިތުގެ އެންމެ ފުނުން އަރަހުށި މާތްﷲ ގެ ޙަޟުރަތަށް އާދޭސް ދެންނެވުމުގެ ދުޢާތަކާ އެކު ނަމާދު ނިންމައިލުމެވެ. ސޫރަތުލް އިސްރާއުގެ ހަތްދިހަވަނަ އާޔަތުގައި ތަޙައްޖުދުގެ ނަމާދުގެ ނަން ދެއްވައިފައިވާ ނަމާދަކީ މިއީއެވެ. އެނަމާދުގެ ސަބަބުން އިންސާނާ ޙަމްދުލިބިގެންވާ މަޤާމަކަށް އުފުއްލަވާ ނަމާދަކީ މިއީއެވެ.

އީމާންކަމުގެ އަހްލުވެރީން ސައުވީސް ގަޑިއިރުގެ ތެރޭގައި ފަރުޟު ފަސްނަމާދެއް ކުރެއެވެ. އެނަމާދު ތަކަކީ ޖަމާޢަތުގައި ކުރުން މޮޅުއިތުރުވެގެންވާ ފަސްނަމާދެވެ. އިޖްތިމާޢީ ފަސްނަމާދެވެ. އެ އިޖްތިމާޢީ ނަމާދު ތަކަކީ އަރަހުށި މާތްﷲ އެންމެފުރަތަމަ ހިސާބުބައްލަވާ އަޅުކަމެވެ. އޭގެ އިތުރަށް އެނަމާދު ތަކަކީ އުންމަތުގެ އެއްބައިވަންތަ ކަމުގެވެސް ވަރަށް މުހިންމު ވަސީލަތެކެވެ.

ފަރުޟު ފަސްނަމާދުގެ މާތްކަމާއި ދަރުމަ ބޮޑުކަމާ އެކުވެސް މުއުމިނުންގެ ނަފުސުތައް އެހެން ނަމާދަކަށް ވެސް ދަހިވެތި ވެއެވެ. ތިމާ އެކަނިމާއެކަނި ހުރެ އަރަހުށި މާތްﷲ ގެ ޙަޟުރަތަށް ތިމާގެ ޢުބޫދިއްޔަތުގެ ޝުޢޫރުތައް ބަންޑުންކޮށްލެވޭނެ ނަމާދެކެވެ. ތިމާގެ ވެރި ރަސްވަންތަ ޙަޟުރަތަށް ތިމާ އެކަނިމާއެކަނި ހުރެ ކުއްތަން ވެވޭ ފުރުޞަތެއްކަމުގައި ހިމެނޭ ނަމާދެކެވެ. ތިމާގެ ވެރި ރައްބުގެ ޙަޞުރަތުގައި ސިއްރުން މުނާޖާ ދެންނެވޭ ފުރުޞަތަކަށް ވާނެ ނަމާދެކެވެ. ރޭގަނޑުގެ ފަހުބައިގެ ހަމަހިމޭން ވަގުތުގައި މިފަދަ އިންފިރާދީ ނަމާދެއް ކުރުމަކީ ތަޙައްޖުދުކުރުމެވެ. ރޭއަޅުކަން ކުރުމެވެ. ތަޙައްޖުދު ނަމާދަކީ ޢާއްމުކޮށް ކޮންމެރެއަކު ވެސް މުއުމިނުންގެ ކިބައިން އެދެވިގެންވާ ނަމާދެކެވެ. ޚާއްޞަކޮށް ރަމަޟާން މަހުގައި އެނަމާދުގެ މުހިންމުކަން ބޮޑެވެ. ލާބައިތުރެވެ. ޘަވާބު މަތިވެރިއެވެ.