09 Nov 2010, 09:27
ދެވަނަ ފަރަށް ޖަލްސާ ފަށައިގެން ވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.
އިއްޔެ ވެސް އޮތް އެޖެންޑާއާ އެކު މިއަދުގެ ޖަލްސާ ވެސް ކުރިއަށް ގެންދިޔައީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަށް ބަހުސް ހުޅުވާލައްވައިގެންނެވެ. އަދި ޖަލްސާ ފަށައިގެން އޮމާންކަމާ އެކު ވަކި ހިސާބަކަށް ކުރިއަށް ދިޔަ ނަމަވެސް، ދެ ފަރާތުގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި ތަޅުން ހޫނުވުމުގެ ސަބަބުން އިންޒާރު ދެއްވުމަށް ފަހު، ބާރަށު ދާއިރާގެ މުހައްމަދު ޝިފާޒާއި، ފުވައްމުލަކު މެދު ދާއިރާގެ ޝިފާގު މުފީދުގެ ނަން އިއްވުމަށް ފަހު އެ ދެ މެންބަރުން ޖަލްސާ އިން ނިކުންނެވުމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އެންގެވި އެވެ. ނަމަވެސް އެ މެންބަރުން ޖަލްސާ އިން ނުނިކުންނެވުމުން، ދެން ޖަލްސާ ކުރިއަށް ގެންދަވާނީ އެ މެންބަރުން ޖަލްސާ އިން ނިކުންނެވުމުން ކަމަށް ވިދާޅުވެ، 10:09 ގައި މަޖިލީހުގެ ރައީސް ޖަލްސާ މެދުކަނޑުއްވައި ލެއްވި އެވެ.
އެއަށް ފަހު ޖަލްސާ ފައްޓަވާފައި ވަނީ އެގާރަ ޖަހާކަންހާއިރު އެވެ. ނަމަވެސް އޭގެ ފަހުން ވާހަކަ ދެއްކެވޭ ވަރުވީ ހަތަރު މެންބަރަކަށެވެ. އޭގެ ފަހުން ޖަލްސާ ކުރިއަށް ގެންދެވޭވަރު ނުވާކަމަށާއި، ޕާޓީތަކާ އިތުރަށް މަޝްވަރާ ކުރައްވަން ޖެހިވަޑައިގަންނަވާ، ކަމަށް ވިދާޅުވެ ރައީސް އަބުދުﷲ ޝާހިދު މިއަދުގެ ޖަލްސާ ނިންމަވާލެއްވީ، ހޯރަފުށީ ދާއިރާގެ މުހައްމަދު ރަޝީދު ދެއްކެވި ވާހަކަ އަށް، މަޖިލީހުގެ ރައީސް ޖަވާބު ދެއްވަން ފެއްޓެވުމުން، އޭނާ އަޑުގަދަ ކުރައްވައި ހަޅޭއްލައްވައި ރިޔާސަތަށް އެއްޗެހި ގޮވަން ފެއްޓެވުމުން، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ތަކުރާރުކޮށް އިލްތިމާސް ކުރެއްވުމުން ވެސް އެކަމަށް އިޖާބަ ނުދެއްވުމުން އޭނާގެ ނަން އިއްވުމުން ކުރިން ނަންއިއްވެވި ދެ މެންބަރުން އަލުން ޖަލްސާ އަށް ވެންނެވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުން، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަލުން ކޮމިޓީއަކަށް ފޮނުވުމަށާއި ވަކިވަކިން ވޯޓަށް އަހައިގެން މިއަދުގެ ޖަލްސާ އިން އެ މައްސަލަ ނިންމުމަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ ބަހުސް ޖަލްސާގެ ވަކި ހިސާބަކުން ހޫނުވެ ނިޒާމު ގެއްލިގެން މިއަދުގެ ޖަލްސާ ވެސް ނިންމަވާލެއްވީ އެވެ.
މިއަދުގެ ޖަލްސާގައި، ކުރިއަށް ދިޔަ ވަޒީރުންނަށް ރުހުން ދިނުގެ މައްސަލައިގައި، އެ މައްސަލަ އަލުން ކޮމިޓީއަކަށް ފޮނުވުމަށް އެމްޑީޕީން ހުށަހަޅާފައި ވާއިރު، ވަކިވަކިން ވޯޓަށް އަހައިގެން މިއަދުގެ ޖަލްސާއިން އެ މައްސަލަ ނިންމުމަށް ޑީއާރުޕީން ހުށަހެޅި އެވެ.
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާތީ، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔަ ނުދިނުމަށް އެމްޑީޕީ މެންބަރުން ނިޒާމީ މައްސަލަ ނެންގެވުމުގެ ސަބަބުން ތަޅުން ހޫނުވެ ނިޒާމު ގެއްލިގެން ޖަލްސާތައް ކުރިއަށް ނުގެންދެވި ދެ ހަފްތާއެއްހާ ދުވަސް ވޭތުވުމަށް ފަހު، މިއަދުގެ ޖަލްސާގައި އެ މައްސަލައަށް ވާހަކަ ދެއްކުމަށް ރިޔާސަތުން ހުޅުވާލި ފުރުސަތުގައި، ފުރަތަމަ ހުށަހެޅުން ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މޫސާ މަނިކެވެ.
ވޭތުވެދިޔަ ދުވަސް ތަކުގައި، ޖަލްސާގެ އެޖެންޑާއާ ހަމައަށް އައުމުގެ ކުރިން ނިޒާމީ މައްސަލަ ނަންގަވައިގެން ޖަލްސާގައި ފުރަތަމަ ވާހަކަ ދައްކަވާ މެންބަރުގެ ގޮތުން މޫސަ ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ ގަވާއިދަށް ބަދަލު ނުގެނެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިޔަ ނުދެއްވާނެ ކަމަށެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި މޫސަ ވިދާޅުވީ، ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތަށް ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) އަށް އަމަލު ނުކުރެވުނު ނަމަވެސް އެ މާއްދާގެ އެހެން އަކުރުތަކަށް އަމަލުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ގަވާއިދުގައިވާ ގޮތުގެ މަތިން އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވައިގެން މަޖިލީހަށް ގެނަސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައަށް ވޯޓަށް އެއްސެވުމަށް ވެސް މޫސަ ހުށަހެޅުއްވި އެވެ.
ނަމަވެސް މޫސަގެ ހުށަހެޅުއްވުމަށް ދެކޮޅު ހައްދަވަމުން އިދިކޮޅު ޑީއާރުޕީގެ މެންބަރު މާފަންނު ހުޅަނގު ދާއިރާގެ އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ، މޫސަގެ ހުށަހެޅުއްވުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އެ މައްސަލަ ކޮމިޓީއަކަށް ފޮނުއްވުމަށް މޫސަ ހުށަހަޅުއްވާފައި ވަނީ އިތުރަށް އެކަން ލަސްކުރެއްވުމަށް ކަމަށާއި މިއަދުން މިއަދަށް މަޖިލީހުން އެ މައްސަލަ ނިންމުމުގެ ފުރުސަތު މަޖިލީހުގެ ގަވާއިދުން ލިބިދޭ ކަމަށާއި އެގޮތުން ވަޒީރުންނަށް ރުހުން އޮތްތޯ ބެލުމަށް ވަކިވަކިން ވޯޓަށް އެއްސެވުމަށް ވެސް އަބްދުﷲ އަބްދުއްރަހީމް ހުށަހެޅުއްވި އެވެ. އަދި ތޮއްޑޫ ދާއިރާގެ އަލީވާހީދު ވިދާޅުވީ، މި މައްސަލައަކީ ކޮމިޓީ މަރުހަލާ ނިމިފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން މަޖިލީހުގައި މިހާރުން މިހާރަށް އެ ނަންތަކަށް ވޯޓަށް އަހައި މައްސަލަ ނިންމުމަށް އަލީ ވަހީދު ހުށަހެޅުވި އެވެ.
ނަމަވެސް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މުހައްމަދު ނަޝީދު ވިދާޅުވީ، ސުޕްރީމްކޯޓުން ހުކުމްކޮށްފައި ވާތީ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ވ) އަށް އަމަލު ނުކުރެވުނަސް އެހެން އަކުރުތަކަށް އަމަލު ކުރަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލައިގައި ރުހުން ދިނުމަށް ކޮމިޓީއަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ރިޕޯޓުގައި ހިމަނަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނާތީ އެ މައްސަލަ ކޮމިޓީއަކަށް ފޮނުވަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލައިގައި ތާއީދު ކުރައްވަނީ ވަކިވަކިން ވޯޓަށް އެއްސެވުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެ މައްސަލައިގައި އެމްޑީޕީގެ އެހެން މެންބަރުން ވެސް ވަކާލާތު ކުރައްވާފައި ވަނީ، މައްސަލަ ކޮމިޓީއަށް ފޮނުވަން ޖެހޭނެ ކަމަށާއި ވޯޓަށް އެހޭނީ އެ މައްސަލަ ކޮމިޓީން މަޖިލީހަށް އައިސްގެން ކަމަށެވެ. އެހެނޫން ގޮތަކަށް އެ މައްސަލަ ކުރިއަށް ގެންގޮސްފި ނަމަ ބެލެވޭނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދިޔަ ކަމެއްގެ ގޮތުގައި ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި އިދިކޮޅު މެންބަރުން ވާހަކަ ދައަކަވަމުން ގެންދެވިއިރު އެ މެންބަރުންނަށް އުނދަގޫ ކުރެއްވުމަށް، އެމްޑީޕީގެ މައްޗަން ގޮޅީ ދެކުނު ދާއިރާގެ މުހައްމަދު ރަޝީދު ތަކުރާރުކޮށް "ހަޅޭއްލަވަމުން" ގެންދެވި އެވެ. މީގެއިތުރުން އެމްޑީޕީގެ އެހެން ބައެއް މެންބަރުން ވެސް އަނެއްބައި މެންބަރުންގެ މޭޒުކޮޅުތައް ކައިރިއަށް ވަޑައިގެން ހަޅޭއްލަވަމުން ގެންދެވި އެވެ.